Roadha Mihaaru
ފިރިހެނުން ޓޮމާޓޯ ކާންޖެހޭ ހާއްސަ ސަބަބެއް

ފިރިހެނުން ޓޮމާޓޯ ކާންޖެހޭ ހާއްސަ ސަބަބެއް

12 އޮކްޓޯބަރ 2019

ދަރިން ލިބުމުގެ މައްސަލަ ހުންނަ ފިރިހެނުން ޓޮމާޓޯ ކެއުމުން ދަރިފަނީގެ ކޮލިޓީ ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިން ލިބުމުގެ މައްސަލަ ހުންނަ ފިރިހެނުން ޓޮމާޓޯ ކެއުމުން ދަރިފަނީގެ ކޮލިޓީ ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޔޫރަޕިއަން ޖާނަލް އޮފް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ ޓޮމާޓޯގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ލިކޮޕީންގެ ސަބަބުން ދަރިފަނީގެ ސައިޒާއި ބައްޓަމާއި ހަރަކާތްތެރިކަން ވެސް 50 ޕަސެންޓަށް އިތުރުކޮށްދޭ ކަމަށެވެ.

އެހެންވެ ފިރިހެނުން ޓޮމާޓޯ ކާންޖެހޭ ކަމަށާއި މިއީ ދަރިން ނުލިބިގެން ހޯދާ ބޮޑެތި ފަރުވާތައް ކުރިއަށް އޮތް ތަނުގައި މަދުވާނެ ސަބަބެއް ކަމަށް ވެސް ދިރާސާގައި ބުންޏެވެ. އެގޮތުން ފާހަގަކޮށްފައިވާ ގޮތުގައި އާންމުކޮށް ފިރިހެނުން ޓޮމާޓޯ ކާ ނަމަ، ދަރިފަނީ ހުންނަ މައްސަލަތައް 40 ޕަސެންޓަށް ދަށްކޮށްދެ އެވެ. އޭގެ މާނަ އަކީ ދަރިފަނި އާލާވާން މަގުފަހިވުމާއި އޭގެ ކޮލިޓީ އާއި ދަރިފަނި މަސައްކަތްކުރާ ގޮތަށް ކުރިއެރުންތަކެއް ލިބުން ކަމަށް ދިރާސާގައި ބުންޏެވެ.

އިނގިރޭސިވިލާތުގެ ޝެފީލްޑް ޔުނުވަސިޓީން މި ދިރާސާ ހަދާފައި ވަނީ އުމުރުން 19-30 އަހަރާ ދެމެދުގެ ފިރިހެނުންގެ ދަރިފަނީގެ ހާލަތު ދެނެގަތުމަށް ފަހު އެވެ. އަދި ދިރާސާ މަރުހަލާގެ ތެރޭގައި ޓޮމާޓޯގެ ލިކޮޕީން މާއްދާ އެކުލެވޭ ބޭސް ލެކްޓޯލިކޮޕީން އާއި ސީދާ ކެއުމުގައި ޓޮމާޓޯ ބޭނުންކޮގެން ބައިވެރިންގެ ދަރިފަނީގެ ހާލަތަށް 12 ހަފުތާގެ ތެރޭގައި އައި ބަދަލުތައް ހޯދާފައިވެ އެވެ. އެގޮތުން ފާހަގަކުރެވުނީ ބޭހަށް ވުރެ ރަނގަޅަށް ޓޮމާޓޯގެ ކެއުންތަކުން ދަރިފަނީގެ ކޮލިޓީ ރަނގަޅުކޮށްދޭ ކަމެވެ.

"މިއީ ހަގީގަތުގައި ވެސް އުންމީދު ވެސް ނުކުރާ ކަހަލަ ނަތީޖާއެއް. އަދި މި ތަފާތަކީ ވަރަށް ބޮޑު ކުރިއެރުމެއް،" ދިރާސާ ޓީމުގައި ހިމެނޭ ޝެފީލްޑް ޔުނިވަސިޓީގެ އެންކޮލޮޖީ އެންޑް މެޓަބޮލިޒަމް ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރު އެލަން ޕޭސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ލިކޮޕީންގައި އެކުލެވޭ އެންޓި-އޮކްސިޑަންޓްތައް ދަރިފަނި ހަލާކުކޮށްލައި ބަލިކަށިކޮށްލުމުން ސަމާމަތްކޮށްދެ އެވެ.

ދިރާސާ އިން އުންމީދުނުކުރާ ކަހަލަ ނަތީޖާތަކެއް ދައްކާފައިވާތީ ޓީމުން މިހާރު ވަނީ ދަރިން ލިބުމުގައި މައްސަލަތައް ދިމާވާ ފިރިހެނުން ބޭނުންކުރާ ބޭހުން އިންފަޓީލިޓީ އަންނަ އިތުރު ބަދަލުތައް ދެނެގުމަށް އިތުރު މަސައްކަތްތަކެއް ކުރަން ނިންމައިފަ އެވެ.