ގެދޮރާއި މާލީ ދަތިކަމަކީ ރާއްޖޭގައި ގިނަ ދަރިން ނުހޯދާ ބޮޑު ދެ ސަބަބު ކަމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
16 މެއި 2025
ގެދޮރާއި މާލީ ދަތިކަމަކީ ރާއްޖޭގައި ގިނަ ދަރިން ނުހޯދާ ބޮޑު ދެ ސަބަބު ކަމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ޔޫއެންއެފްޕީއޭއާ ގުޅިގެން "ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުން" މައުޟޫއަށް ހެދި ދިރާސާގެ ނަތީޖާ އިއްޔެ ނެރެފައި ވާއިރު އޭގައި ވަނީ މަދުން ދަރިން ހޯދާ ސަބަބާއި އެ ރޭޓު މަތިކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށްފަ އެވެ.
ދިރާސާގައި ބައިވެރިވެފައިވަނީ 18-49 އަހަރުގެ 479 އަންހެނުންނެވެ. އަދި އޭގެ ބައެއްގެ ގޮތުގައި ހިމެނޭ ފޯކަސް ގްރޫޕު ޑިސްކަޝަންގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ މީހުން ބައިވެރިކޮށްފައިވެ އެވެ.
މައުލޫމާތު އެއްކުރި އަންހެނުންގެ އެވްރެޖު އުމުރަކީ 32.8 އެވެ. އޭގައި ބައިވެރިވި 10 ޕަސެންޓް މީހުން ކައިވެނި ނުކޮށް ތިބިއިރު 83 ޕަސެންޓު މީހުންނަކީ އެ މީހުންގެ ފުރަތަމަ ކައިވެނި މަތީގައި ތިބި އަންހެނުންނެވެ. ތިރީސް ތިން ޕަސެންޓް މީހުން ބުނީ އެ މީހުންނާ އެކު ދަރިން ދިރިނޫޅޭ ކަމަށެވެ. އަދި 27 ޕަސެންޓު މީހުންނަށް އަދި ދަރިން ނުލިބޭ ކަމަށް ދިރާސާގާއި ބުނެފައިވެ އެވެ.
އޭގައި ބައިވެރިވި 55.5 ޕަސެންޓު އަންހެނުން ބުނި ގޮތުގައި ބޭނުންވިއަސް ގިނަ ދަރިން ނުހޯދަނީ ދިރިއުޅޭނެ ޖާގަ ނެތުމުންނެވެ. ދެ ވަނައަށް، 40.9 ޕަސެންޓު އަންހެނުން ބުނީ ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހެދި ކަމަށެވެ. ސިއްހީ ސަބަބުތަކާ ހެދި، ދެ ވަނަ ދަރިފުޅު ނުހޯދާ ކަމަށް 27 ޕަސެންޓު މީހުން ބުނެފައިވެ އެވެ.
އެމްއެންޔޫއިން ތައްޔާރުކުރި ދިރާސާ ނެރުމަށްފަހު އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޔޫ
އެހެންވެ، މާލީ މަންފާ ލިބޭ ގޮތަށް ޕޮލިސީތައް ބަދަލުކުރުމުން ގިނަ ދަރިން ހޯދުމަށް ބާރު ލިބޭނެ ކަމަށް 43.3 ޕަސެންޓު އަންހެނުން ބުނެފައިވެ އެވެ. އަދި 16.8 ޕަސެންޓު އަންހެނުން ބުނެފައިވަނީ ޖާގަ ތަނަވަސް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ގިނަ ދަރިން ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމަކަށް ވާނެ ކަމަށެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ ހިލޭ ގެދޮރު ހޯދައިދިނުމެވެ.
އެހެންވެ، އެ ދިރާސާގައި ވަނީ އާބާދީ އިތުރުކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ލަފާދީފަ އެވެ. އޭގެ ތެރޭގައި؛
- ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި އާއިލާތަކަށް ރަނގަޅު ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުން
- ދައުލަތުގެ އިދާރާތަކާ ކައިރީގައި ސަރުކާރު ސަބްސިޑައިޒްކޮށްފައިވާ ޑޭ-ކެއާ ސެންޓަރުތައް ހެދުން
- ފްލެކްސިބަލް މަސައްކަތުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ވަޒީފާ ހިއްސާކުރުން
- ސަރުކާރު އަދި އަމިއްލަ އިދާރާތަކުގައި މެޓާނިޓީ އަދި ޕެޓާނިޓީ ޗުއްޓީ ހަރުދަނާކުރުން
- ދަރިން ލިބުމަށް ހުރަސްއެޅޭ ސިއްހީ މައްސަލަތަކަށް ރަނގަޅަށް އިޖާބަ ދިނުން
ދިރާސާގައި ބައިވެރިވި 56 ޕަސެންޓް އަންހެނުން ބުނީ ގިނަ ދަރިން ބޭނުން ނުވާ ކަމަށެވެ. އަދި 28 ޕަސެންޓު މީހުން ވަނީ ތިން ކުދިންނަކީ ދަރިން ހޯދަން އެންމެ ރަނގަޅު އަދަދު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، އެ އަދަދަށް ދަރިން ނުހޯދަ އެވެ.
ޒުވާނުން ބޭނުންވަނީ ބޮޑެތި އާއިލާތައް ނަމަވެސް މުއައްސަސާތަކާއި އިގްތިސާދީ ހުރަސްތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި ދަރިން ހޯދާ ވަރު 1990 ވަނަ އަހަރު ހުރީ 6.4 ރޭޓު އެވެ. އޭގެ 32 އަހަރު ފަހުން، 2022 ވަނަ އަހަރު އެ ރޭޓު ވަނީ 1.7 އަށް ތިރިވެފަ އެވެ. ސާކުގެ ގައުމުތަކަށް ބަލާއިރު އެންމެ ފާޓިލިޓީ ރޭޓު އެންމެ މަތީ އަފްޣާނިސްތާނުގަ އެވެ.
(18-45 އަހަރާ ދެމެދުގެ އަންހެނުން)
- ދިރިއުޅުމާއި ކުދިން ބެލެހެއްޓުމުގެ ހަރަދު އިތުރުވުމުން ބޮޑު އާއިލާއެއް ބަލަހައްޓަން އުނދަގޫވުން
- އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާން އަންހެނުން ދަރިން ހޯދުން ފަސްކުރާ ސަބަބުތަކުގެ ތެރޭގައި ތައުލީމާއި ވަޒީފާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އިސްކަންދިނުން
- އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ އަންހެނުން ބުނާ ގޮތުގައި ދަރިން ހޯދުމުގައި މާލީ ދަތިކަމާއި ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމާއި ދަރިމައިވުމުގެ މައްސަލަ ދިމާވުން
(ސިއްހީ ދާއިރާގެ ތަޖުރިބާކާރުން)
- ފިރިހެނުންނަށް ދަރިން ނުލިބުމާއި އެއާ ގުޅޭ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބުން
- މަސައްކަތުގެ މާހައުލުގައި ހުރަސްތައް ހުރުމާއި ދަރިން ބެލުމުގެ އެކަށީގެންވާ ސަޕޯޓު ނުލިބުން
- ޑޭކެއާގެ ހިދުމަތް ފުޅާކުރުމާއި އެތިކަލް ފާޓިލިޓީ ޕްރޮޓޮކޯލްތައް ތަންފީޒުކުރުން
(ޕޮލިސީ ހަދާ ފަރާތްތައް)
- ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތެއް ނެތުން
- ޑޭޓާ ސިސްޓަމްތަކާއި ހުރިހާ ކުދިން ޝާމިލްވާ ގޮތަށް ޗައިލްޑް ކެއާ ސިސްޓަމަކަށް ވަކާލާތުކުރުން
- މަސައްކަތުގެ މާހައުލާއި ބޯހިޔާވަހިކަމުގެ ހާލަތު ހުރިގޮތުން ދަރިން ހޯދަން ހުރަސް އެޅުން
ފޯކަސް ގްރޫޕު ބައްދަލުވުންތަކުގައި ފިރިހެނުން ބުނީ ދަރިން ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރާ ކަމަށެވެ. އެކަމަކު، މާލީ ހާލަތާއި ބޯހިޔާވަހިކަމަކީ އެއަށް އެޅޭ ހުރަސްކަމަށް ބުންޏެވެ. އޭގެ އިތުރުން އަންހެނުންގެ ވަޒީފާގެ ދާއިރާގައި ކުރާ އުއްމީދުތަކަށް ތާއީދުކުރިއަސް ފިރިހެނުންނަށް މަސައްކަތުގެ މާހައުލުގައި އެ ސަޕޯޓެއް ނޯންނަ ކަމަށް ވަނީ ބުނެފަ އެވެ.
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ހަމަޖެއްސިކަން އިއުލާނުކޮށްފި
ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު
ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ގަރާރު ފާސްކޮށްފި
ޖަޕާންގެ އާބާދީ ނުރަވެ އިގްތިސާދީ ހާސްކަމެއްގެ ތެރެއަށް
ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ދޭން ހިމަނައިފި