Roadha Mihaaru
ބާ ކައުންސިލް އުފެއްދުމުގެ ބިލް އެޖެންޑާގައި ހިމަނައިފި

ބާ ކައުންސިލް އުފެއްދުމުގެ ބިލް އަލުން އެޖެންޑާކޮށްފި

01 ޖޫން 2019

ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލްގެ ނަމުގައި މުއައްސަސާއެއް އުފައްދަން، ލީގަލް ޕްރޮފެޝަންގެ ބިލް ރައްޔިތުންގެ މަޖިލިހުގައި އަލުން އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލްގެ ނަމުގައި މުއައްސަސާއެއް އުފައްދަން، ލީގަލް ޕްރޮފެޝަންގެ ބިލް ރައްޔިތުންގެ މަޖިލިހުގައި އަލުން އެޖެންޑާކޮށްފި އެވެ.

މިއީ، މިދިޔަ 18 ވަނަ މަޖިލިހުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލެކެވެ. އެކަމަކު، އެ ފަހަރު އިންތި ހުށަހެޅުއްވީ ގާނޫނީ ހިދުމަތުގެ ބިލްގެ ނަމުގަ އެވެ. އެ ބިލަށް ބަދަލުތަކެއް ގެނެސް، މިނިވަން މުއައްސަސާ ކޮމިޓީން ފާސް ވެސް ކުރި އެވެ. ނަމަވެސް، މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓެއްގައި އެ ބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.

ކޮމިޓީގައި އެ ބިލް އޮއްވައި 18 ވަނަ މަޖިލިހުގެ ދައުރު ނިމުމާ އެކު، ބިލް ވަނީ ބާތިލްވެފަ އެވެ.

އެކަމަކު، އިންތި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އެ ބިލް އަލުން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، މި ފަހަރު އެ ބިލްގެ ސުރުޚީ އަކީ ލީގަލް ޕްރޮފެޝަންގެ ބިލް ކަމަށް ވިޔަސް، ކުރިން އިންތި ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލާއި ލީގަލް ޕްރޮފެޝަން ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓުވީޓު.

އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ބިލް އެޖެންޑާ ކުރުމާ ގުޅިގެން، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 18 ވަނަ މަޖިލިހުގައި ބިލް ފާސް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އާ މަޖިލިހުގައި ބިލް ފާސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބިލްގެ ސަބަބުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެއްދި ގާނޫނު ދާއިރާގައި މަސައްކަތްކުރާ ފަރާތައް ޖަވާބުދާރީ ކުރެވޭނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަން އަލަށް ކިޔެވި މީހުން، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުވާ ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގާނޫނީ ވަކީލުކަން އަލަށް ކިޔެވި މީހުން، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުވާ ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބިލްގައިވާ ގޮތުން، ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެ މީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެންމެހައި ގަވައިދުތަކާއި އޫސޫލުތައް އެކުލަވާލައިލުން ފަދަ ކަންތައް ކުރާނީ ބާ ކައުންސިލް މެދުވެރިކޮށެވެ.

އެ ކައުންސިލް މެދުވެރިކޮށް، ވަކީލުންނާ މެދު ފިޔަވަޅު އަޅަން ބިލްގައި ހިމަނާފައި އޮތަސް، އެކަން ކުރުމުގެ ބާރު ޝަރުއީ ހުރިހާ ކޯޓުތަކަށް މިހާރު ވެސް ލިބިގެންވެ އެވެ. ކޯޓުތަކަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ބައެއް ވަކީލުން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑު ކޮށްފައިވެ އެވެ. އެހެންވެ، ކޯޓުތަކަށް އޮތް އެ ބާރު އަތުލަން އެންމެ ފުރަތަމަ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭނެ އެވެ.

އިންތި ކުރިން ވިދާޅުވި ގޮތުގައި ބިލް ހުށަހެޅުއްވީ ކޯޓުތަކުން ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް، އެ މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުން ކަމަށެވެ. އަދި ބިލް ހުށަހެޅުއްވީ އަދުލު އިންސާފު ލިބިދިނުމުގައި ވަކި ބަޔަކު ދައްކާ ބިރަށް ޖެހިލުން ނުވެ، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ވަކީލުންނަށް ދޭން ބޭނުންވާތީ ކަމަށް އިންތި ވިދާޅުވި އެވެ.