Roadha Mihaaru
ހައްޔަރުކުރާއިރަށް ދޫކޮށްލަނީ، ދެކޮޅުން ވެސް އިހުމާލު!

ހައްޔަރު ކުރާއިރަށް ދޫކޮށްލަނީ، ދެކޮޅުން ވެސް އިހުމާލު!

05 ޖޫން 2019

ހުޅުމާލޭ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ހައްޔަރުކުރި ދެ މީހަކު 24 ގަޑިއިރު ތެރޭ ދެ ފަހަރު ހައްޔަރުކުރުމުން ވެސް ކޯޓުން އެ މީހުން ދޫކޮށްލުމާ އެކު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއްބަޔަކު ކޯޓު ކުށްވެރިކުރާއިރު ފުލުހުންގެ ވެސް އިހުމާލު މިކަމުގައި އޮތް ކަމަށް އަނެއް ބަޔަކު ދެކެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހުޅުމާލޭ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ހައްޔަރުކުރި ދެ މީހަކު 24 ގަޑިއިރު ތެރޭ ދެ ފަހަރު ހައްޔަރުކުރުމުން ވެސް ކޯޓުން އެ މީހުން ދޫކޮށްލުމާ އެކު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއްބަޔަކު ކޯޓު ކުށްވެރިކުރާއިރު ފުލުހުންގެ ވެސް އިހުމާލު މިކަމުގައި އޮތް ކަމަށް އަނެއް ބަޔަކު ދެކެ އެވެ.

އުމުރުން 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނަކު މި މައްސަލާގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އިއްޔެ ދޫކޮށްލީ ހުޅުމާލޭ ކޯޓުގެ އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ، ކޯޓު އަމުރެއްގެ ޝަރުތުތައް ފުރިހަމަވެފައި ނެތުމުންނެވެ. އެނގިފައިވާ ގޮތުގައި މި ދެ މީހުންގެ ތެރެއިން އެކަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ އާއިލާގެ މީހެކެވެ. އަނެކަކީ ކްރިމިނަލް ކޯޓުގެ މީހަކާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

މި މީހުން އެންމެ ފުރަތަމަ ހައްޔަރުކުރަން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތް ކަމަށްވެ އެވެ. އެހެންވެ އެ ދެ މީހުން ދޫކޮށްލިތާ 12 ގަޑިއެއްހާއިރު ފަހުން ރޭގެ ވަގުތެއްގައި އަލުން އަނެއްކާވެސް ހައްޔަރުކުރި އެވެ. މިފަހަރު ވެސް އަމުރު ދިނީ ހުޅުމާލޭ ކޯޓުންނެވެ. އެކަަމަކު ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިއުމުން އަނެއްކާވެސް ދޫކޮށްލި އެވެ. މިފަހަރު ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ބުނާ ކަމެއް ފުލުހުންނަށް ފުރިހަމަކުރެވިފައި ނެތުމުން ކަމަށް ބުނެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 8 ވަނަ މާއްދާގެ ހ. އާ ހިލާފުވެގެން ކަމަށެވެ. އެ މާއްދާގައި ބުނަނީ "ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާ ތަމްސީލްކުރުމަށް ކޯޓަށް ހާޒިރުވާންވާނީ އެ މައްސަލައެއް ތަހުގީގުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތެއް" ކަމަށެވެ.

އެކަމަކު އެ މީހަކަށް ކޯޓަށް ހާޒިރު ނުވެވޭ ނަމަ ތަހުގީގީ އިދާރާގެ ލިޔުމަކާ އެކު، އެހެން މީހަކަށް ހާޒިރުވެވިދާނެ ކަމަށް ވެސް އެ މާއްދާގެ ދަށުން ބުނެފައި އޮވެ އެވެ. މި މާއްދާއާ ހިލާފުވެގެން މީހުން ދޫކޮށްލި ނަމަ މާނަ އަކީ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އިދާރާ އިން ހަވާލުކުރި އޮފިސަރު ނޫން އެހެން އޮފިސަރަކު ބަންދުގެ މުއްދަތަށް އެދިފައި އޮތުމެވެ. ނަމަވެސް ބައެއް ވަކީލުން ވިދާޅުވަނީ މިއީ މައްސަލައެއް ނޫން ކަމަށެވެ.

މީހުން ބަންދުން ދޫކޮށްލުމަށް ވުރެ، މީހުން ހައްޔަރުކުރި ގެއިން އަތުލައިގަތް މަސްތުވާތަކެތި ހެއްކަށް ފުދޭނެތޯ އުފެދޭ ސުވާލު އަދި މާ ބޮޑެވެ.

ފުލުހުން ރަސްމީކޮށް ހާމަކުރި މައުލޫމާތަށް ބަލާއިރު، ބަލައި ފާސްކުރުމުގެ އަމުރު ވެސް އޮތީ ގޯސްކޮށް ކަމަށް މާނަކުރެވެ އެވެ. އެއީ އެންމެ ފުރަތަމަ ބަންދުން ދޫކޮށްލުމުގައި ރިއާޔަތްކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 32 ވަނަ މާއްދާ (ހ) ގެ 12 ވަނަ މާއްދާ އަށް ކަމަށް ބުނެފައި އޮތުމެވެ. އެއީ "ބަލައި ފާސްކުރުމުގެ ކޯޓު އަމުރު" ބަޔާންކުރާ މާއްދާ އެވެ. ބަންދުން ދޫކޮށްލި އަމުރުގައި އޮތް އެއްޗެއް ފުލުހުން ނުބުނެ އެވެ.

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތި. --- ފޮޓޯ: ޕޮލިސް

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތި. --- ފޮޓޯ: ޕޮލިސް

ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއް "މިހާރު" އަށް ލިބިފައި ވާއިރު އޭގައި ހަވާލާދީފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަށެވެ. ބުނެފައި އޮތީ އެ މާއްދާގައި ބުނާ ކޯޓު އަމުރެއްގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށެވެ. އެހެންވެ އެ މީހާ ހައްޔަރުކުރީ ސައްހަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނުވާތީ ބަންދުގައި ބަހައްޓަން އަމުރު ކުރެވެން ނެތް ކަމަށް ގާޒީ ނިންމެވީ އެވެ. އެހެންވެ މިއީ ތަފާތު ދެ އަމުރެއްކަން އެބަ އެނގެ އެވެ.

ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ނެތީ ހުއްދަ ދޭ ފަނޑިޔާރުގެ ނަން ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ދިން މައުލޫމާތަށް ބަލާ ނަމަ، ޑްރަގްސް ހޯދީ ސައްހަ ނޫން ފާސްކުރުމުގެ އަމުރަކަށެވެ. އެހެންވެ އެ ގެއިން ހޯދި މަސްތުވާތަކެތި، ޣައިރު ގާނޫނީ ގޮތުން ހޯދި ހެއްކަށް ވާނެ އެވެ. އެކަމަކު ގާނޫނީ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިފަދަ ކަމެއްގައި، ހުރިހާ ކަމެއް މާނަކުރަން ޖެހޭނީ ތުހުމަތުކުރެވޭ ފަރާތަށް ބުރަވާ ގޮތަކަށް ނޫނެވެ.

"މީގައި އެންމެ ރަނގަޅު ގޮތަކީ ހުޅުމާލޭ ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުން. އެއީ އަމުރު ނެރުން އެއީ ފުލުހުންގެ ބާރު އޮތް ކަމަކަށް ނުވެފައި، ކޯޓުން އެގޮތަށް ނެރުނު އަމުރު ބަދަލުކޮށް ސައްހަ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދެން އެދި. އެހެން ނޫނީ ގާނޫނީ ގޮތުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

މީގެ އިތުރުން އެންމެ ފަހުން މީހުން ދޫކޮށްލަން ހުޅުމާލޭ ކޯޓުން ނިންމި ގޮތް ވެސް އިސްތިއުނާފު ކުރެވިދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެއީ މައްސަލައާ ހަވާލުވެ ހުރި ފުލުހުންގެ އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ އަމުރަށް އެދުނަސް އެކަން ބަލައިގަންނަން ޖެހޭނެ ކަމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގަވައިދުގެ ބައެއް މާއްދާތަކުން މާނަކުރެވޭތީ އެވެ.

އެހެންވެ، ފުލުހުންނަށް ގޯހެއް ހެދިފައި ނެތްކަމުގެ ޔަގީންކަން އޮތް ނަމަ އިސްތިއުނާފަށް ނުދާންވީ ސަބަބެއް ނެތެވެ.

ކުރުކޮށް ބުނާ ނަމަ، ކޯޓު އަމުރެއް ނެރެންވީ ގޮތް ގާޒީއަކަށް ނޭނގުމާއި ކޯޓު އަމުރު ފުރިހަމަ ނުވާކަން ފުލުހުންގެ ތަހުގީގު އޮފިސަރަކަށް ނޭނގުމަކީ އެކަކު ވެސް ގަބޫލުކުރާނެ ކަމެއް ނޫނެވެ. މި ކަންކަމުން އެނގެނީ ދެ ފަރާތުގެ ވެސް މައްސަލަތަކެއް ހުރި ކަމެވެ. މިއީ ބޮޑެތި ކުށްތައް ކުރުމުގައި، ބާރުވެރި ފަރާތްތަކެއް ގުޅިގެން އުޅޭ ކަމަށް އާންމުން ކުރާ ތުހުމަތު އިތުރުވާ ކޭސްއެކެވެ.