Roadha Mihaaru
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި

ތިން ކިލޯ ޑްރަގް މައްސަލައިގައި ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި

06 ޖޫން 2019

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ ޑްރަގާ އެކު ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން އެކަމުގައި ފުލުހުން ހިނގި ދެ ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ ޑްރަގާ އެކު ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން އެކަމުގައި ފުލުހުން ހިނގި ދެ ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.

އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ އިއްޔެ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފަ އެވެ.

އެކަމުގައި ކޯޓުން އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނުގެ ޚަބަރު ޝެއާ ކުރައްވަން ސުއޫދު ކުރެއްވި ޓްވީޓެއްގައި ފުލުހުންނަށް ގޮވައި ލެއްވީ ދެ ފަނޑިޔާރުން ވަގުތުން ހައްޔަރު ކުރުމަށެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސުއޫދުގެ ޓްވީޓް

މިއަދު އެ މީހުން ދޫކޮށްލީ، ރޭ އެ މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދުނު ފުލުސް އޮފިސަރު ނޫން އެހެން ފުލުހަކު ބަންދުގެ އަމުރަށް އެދުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށް ވަނަ މާއްދާއާ ހިލާފް ކަމެއްގެ ގޮތުގައި ބަލައިފަ އެވެ. އެ މާއްދާގައި ބުނަނީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދެންވާނީ އެ މައްސަލައެއް ތަހުގީގު ކުރުމާ ހަވާލުވެ ހުރި ފަރާތް ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ. ފުލުހުން އަމަލުކުރާ ގޮތަކީ، ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމަށް ފަހު، ގާނޫނުއަސާސީގައި ބުނާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު އެ މީހަކަށް ތަހުގީގު އޮފިސަރަކު ހަމަޖެއްސުމެވެ.

ފުލުހުންގެ ބަޔާނަށް ކްރިމިނަލް ކޯޓުން މިރޭ ވަނީ ރައްދު ދީފަ އެވެ. ފުލުހުންގެ ވާހަކަޔާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރު ހޯދަން ފުލުހުން އުޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާ ކަމަށް ވެސް ބުންޏެވެ.