Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

08 ޖޫން 2019

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "އިންޝާﷲ" ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރުގައި އީދުގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ބަންސާލީ ޕްރޮޑަކްޝަނުން އެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "އިންޝާﷲ" ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރުގައި އީދުގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ބަންސާލީ ޕްރޮޑަކްޝަނުން އެކަން ކަށަވަރުކޮށް ދީފި އެވެ.

އެ ތާރީހުގައި ފިލްމު ރިލީޒް ކުރަން ނިންމުމާ އެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނީ ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސޫރިޔާވަންޝީ"އާ އެވެ.

ނަމަވެސް އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ ފިލްމު ރިލީޒް ކުރުން ފަސްކޮށްފާނެ ކަމަށް ބެލެވުނަސް އެކަހަލަ އިޝާރާތެއް ރޯހިތާއި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފަރާތަކުން އަދިއެއް ނުލިބެ އެވެ.

"އިންޝާﷲ" އަކީ ސަލްމާން ހާނާއި އާލިއާ ބަޓާ އެކު ބަންސާލީ ގެނެސްދޭ ލޯބީގެ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގައި ކިޔައި ދެނީ އުމުރުގެ ބޮޑު ތަފާތެއް ހުރި ނުފޫޒު ގަދަ ވިޔަފާވެރިއަކާއި ޒުވާން ބަތަލާއެއްގެ ވާހަކަ އެވެ.

މި ފިލްމުވެގެން ދާނީ ސަލްމާނާއި އާލިއާގެ ޖޯޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށެވެ. އަދި މި މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ގުލާބޯ ސިތާބޯ" އަންނަ އަހަރަށް ފަސްކޮށްފި

ކުރިން އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރާ ގޮތަށް އިއުލާން ކުރި ސުޖިތު ސްރިކާސްގެ ފެމިލީ ކޮމެޑީ "ގުލާބޯ ސިތާބޯ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމު ރިލީޒް ކުރަން މިހާރު ތާވަލުކޮށްފައި ވަނީ އެޕްރީލް، 24، 2020 ގަ އެވެ. މި ފިލްމަކީ ސުޖިތު މިދިޔަ އަހަރު ގެނެސް ދިން "އޮކްޓޯބާ" އާއި 2015 ގައި ރިލީޒް ކުރި "ޕީކޫ" ގެ ސްކްރީން ރައިޓަރު ޗޫހީ ޗަތުރަވެދީގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

"ގުލާބޯ ސިތާބޯ" މިދިޔަ މަހު އިއުލާން ކުރި އިރު، ސުޖިތު އަންނަކީ ވިކީ ކޯޝަލްއާ އެކު ތާރީހީ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހަދަމުންނެވެ. އެއީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި "އުދަމް ސިންގް" ގެ ފިލްމެވެ.

"ކަބީރު ސިންގް" ގެ އާ ލަވައެއް

މި މަހުގެ 21 ގައި ރިލީޒް ކުރާ ޝާހިދު ކަޕޫރުގެ އާ ފިލްމު "ކަބީރު ސިންގް" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލި ލަވައަކީ "މޭރެ ސޯނެޔާ" އެވެ. ޝާހިދާއި ކިއާރާ އަދުވާނީގެ ފެނިގެންދާ ލަވަ ކިޔާފައި ވަނީ ލަވައިގެ މިއުޒިކް ވެސް ހެދި ސަޖެޓް ޓަންޑަން އާއި ޕަރަމްޕަރާ ތާކޫރެވެ.

"ކަބީރު ސިންގް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ސަންދީޕް ރެޑީ ވަންގާ އެވެ.

"ލޮލް" އަށް ވިކީ

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ހިންދީ ރިމެކް ލޭންޑް އޮފް ލުންގީ (ލޮލް) އަށް ވިކީ ކޯޝަލް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސް ކުރާ ފިލްމު ކުރިން ހުށަހެޅީ އަކްޝޭ ކުމާރަށެވެ، ނަމަވެސް އެހެން ޕްރޮޖެކްޓްތަކެއްގައި އޭނާ ވަރަށް ބިޒީކޮށް އުޅެން ޖެހުމުން "ލޮލް" އަށް ވަގުތު ނެތުމުން އެހެން އެކްޓަރަކު ލައިގެން ފިލްމު ހަދަން އެދުނީ އެވެ.

އެގޮތުން ފަރުހާދު ސަމްޖީ ޑައިރެކްޓް ކުރާ ފިލްމު ވިކީ އަށް ހުށަހެޅީ ކަމަށް އެ ނޫހުން ބުންޏެވެ. ފަރުހާދަކީ އޮކްޓޯބަރުގައި ރިލީޒް ކުރާ އަކްޝޭގެ "ހައުސްފުލް 4" ގެ ވެސް ޑައިރެކްޓަރެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ލޮލް" ގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. އެހެންވެ އެ ފިލްމާ އެކު އެކީގައި ކަރަން ޖޯހަރުގެ "ތަހުތު" ގެ މަސައްކަތް ވެސް ވިކީ ކުރާނެ އެވެ.