Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

24 އޯގަސްޓް 2021

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދްވާޖްގެ ފުރަތަމަ ޑައިރެކްޝަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދްވާޖްގެ ފުރަތަމަ ޑައިރެކްޝަން އިއުލާންކޮށްފި އެވެ.

ވިޝާލް އާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ "ކުއްތޭ" އެވެ. މީގެ ކާސްޓުންނަކީ އަރުޖުން ކަޕޫރް، ކޮންކޮނާ ސެން ޝަރުމާ، ނަސީރުއްދީން ޝާހް، ކުމުދު މިޝްރާ، ރާދިކާ މަދަން، ޝަރަދުލު ބަރަދްވާޖް އަދި ތައްބޫ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ކުއްތޭ" އަކީ ބައްޕަ ވިޝާލާ ގުޅިގެން އާސްމާން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އޭނާ ފިލްމުން މޭކިން ކިޔަވައި މިދިޔަ އަހަރު ގްރެޖްޓްވީ އެމެރިކާއިންނެވެ. އާސްމާނަކީ ވިޝާލް އާއި ލަވަކިޔުންތެރިޔާ ރޭކާ ބަރަދްވާޖްގެ ހަމައެކަނި ދަރިފުޅެވެ.

ވިޝާލް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ކަމީނޭ"، "މަގުބޫލް"، "އޯމްކާރާ"، "ސާތު ހޫ މާފް"، "ހައިދަރު"، "ރަންގޫން" އަދި "ޕަޓާކާ" ހިމެނެ އެވެ.

"ޗެހެރޭ" ގެ ޓައިޓްލް ލަވަ އަމީތާބްގެ އަޑުން

މި މަހުގެ 27 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމު "ޗެހެރޭ" ގެ ޓައިޓްލް ލަވަ އެކްޓަރު އަމީތާބްގެ އަޑުން ގެނެސްދީފި އެވެ.

ވީޑިއޯ ވެސް އާންމުކޮށްފައިވާ ލަވައިގެ މިއުޒިކް ވިޝާލް-ޝޭކަރް ހަދާފައިވާ އިރު، ޅެން ލިޔުނީ ފިލްމުގެ ޑައިރެކްޓަރު ރޫޖީ ޖެފްރީ" އެވެ. އޭނާ ލިޔެ، ޑައިރެކްޓްކުރި "ޗެހެރޭ" އަކީ މިސްޓްރީ ތުރިލާއެކެވެ.

މީގެ ކާސްޓްގައި އިމްރާން ހާޝިމީ، ރިއާ ޗަކްރަބަތީ، ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އަދި އައްނޫ ކަޕޫރް ހިމެނެ އެވެ.

"ޓައިގާ 3" ގެ ޝޫޓިންއިން ފޮޓޯތަކެއް

މިހާރު ރަޝިއާގައި ޝޫޓިން ކުރިއަށްދާ "ޓައިގާ 3" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.

މި ފޮޓޯތަކުގައި ފެންނަނީ އެސްޓީ ޕީޓާސްބާގްގެ މަގެއްގެ މަތީގައި މަންޒަރުތަކެއް ޝޫޓްކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު ފިލްމުގެ ބަތަލު ސަލްމާން ޚާން ރަން ކުލައިގެ ވިގަކާއި ބޮޑު ތުނބުޅިއަކާ އެކީގަ އެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކުރާ "ޓައިގާ 3" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. މިއީ ސަލްމާނާއި ކެޓްރީނާ އެކީގައި ފެންނަ އެއްޗެކެވެ.

މި ފަހަރު ފިލްމުގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.

"ޓައިގާ" ސީރީޒްގެ ފުރަތަމަ ފިލްމަކީ 2012 ގެ "އޭކް ތަ ޓައިގާ" އެވެ. ދެވަނަ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ.

"ބޫލް ބުލައްޔާ 2" ގެ ފަހު ޝެޑިއުލް ފަށައިފި

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް ކާތިކް އާރިޔަންގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ފަހު ޝޫޓިން ޝެޑިއުލްގެ މަސައްކަތް ފަށައިފި އެވެ.

އަލުން ޝޫޓިން ފެށި ވާހަކަ ބަތަލާ ތައްބޫއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ކާތިކް އިންސްޓަގްރާމްގައި ބުންޏެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ބޫލް ބުލައްޔާ 2" ގެ ލީޑް ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަން 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލްއާ އެކު ގެނެސްދިން ބޫލް ބުލައްޔާ" ގެ ސީކްއެލް އެވެ. އެކަމަކު މި ފަހަރު ކާސްޓް މުޅިން ތަފާތެވެ.

"ބޫލް ބުލައްޔާ 2" ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރު 19 ގަ އެވެ.