Roadha Mihaaru
ފޯމުގައި މައްސަލަ އުޅޭކަމެއް ނޭނގޭ، އެކަމަކު ބާތިލް!

ފޯމުގައި މައްސަލައެއް އުޅޭކަމެއް ނޭނގޭ، އެކަމަކު ބާތިލް!

09 ޖޫން 2019

މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުނީ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެފަދަ ފޯމުތައް ފުރަތަމަ ވެސް ބަލައިގަނެފައިވާތީ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުނީ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެފަދަ ފޯމުތައް ފުރަތަމަ ވެސް ބަލައިގަނެފައިވާތީ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.

ބައެއް ދަރިވަރުން ދެކޭ ގޮތުގައި ފޯމުގައި މައްސަލައެއް އުޅޭ ނަމަ އެކަން ދަރިވަރުންނަށް އެނގޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ. ބާތިލްކުރަން ޖެހޭނީ އެކަަންކަން ފުރިހަމަނުކުރުމުން ކަމަށް ވެސް އެ މީހުން ދެކެ އެވެ.

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް އެދި އެތައް ސަތޭކަ ކުދިން ހުށަހެޅި އިރު އޭގެ ތެރެއިން ލޯނު ލިބުނީ އެންމެ 79 މީހަކަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވަނީ ގިނަ ބަޔަކަށް ލޯނު ނުލިބުނީ އާންމު ކޮށްފައިވާ އުސޫލާ ޚިލާފަށް ހުށަހެޅުމުން ކަމަށެވެ. އަދި އެ މީހުން ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އުސޫލާ ޚިލާފު ފޯމު ބަލައިގަތް ސަބަބާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އުސޫލުތަކާ ހިލާފަށް ފޯމު ހުށަހެޅުމުން ފޯމުތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި ޑިސްކޮލިފައި ކުރުމެވެ. އަދި ނުބައިކޮށް ފޯމު ހުށަހަޅައިފި ނަމަ، އެކަން ދަރިވަރުންނަށް އަންގައި އެ ރަނގަޅު ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭން ޖެހޭނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން... އުސޫލާ ހިލާފަށް ފޯމު ހުށަހެޅި ކުދިންނަށް އަންގައި އެ އިސްލާހު ކުރުވުމަކީ ތި ފަރާތުގެ ޒިންމާއެއް ނޫންތޯ" "މިހާރު"އަށް ފޮނުވި ކޮމެންޓެއްގައި މީހަކު ބުންޏެވެ.

"މިކަމުގައި ވަރަށް ބޮޑު އޮޅުވާލުންތަކެއް އެބަ އުޅޭ. އެހާ ގިނަ ކުދިންތަކެއް އުސޫލާ ހިލާފަށް ފޯމު ހުށަހަޅާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެޕްލިކޭޝަން ފުރިހަމަ ނުވެގެން، ލޯނަށް ހައްގުވާ ދަރިވަރުންގެ ފުރުސަތު ގެއްލިގެން ހިނގައިދާނެތީ، ފުރިހަމަ ނުވެ އޮތް ކަމެއް މުއްދަތު ހަމަވުމުގެ ކުރިން ރަނގަޅުކުރަން އެންގުން މުހިއްމު ކަމަށް ދެކެވަޑައިގެން އެތައް ފަހަރަކު އޭނާ ވެސް މިނިސްޓްރީއަށް ގުޅުއްވި ކަމަށެވެ.

ފޯމާ ގުޅޭ މައުލޫމާތު ސާފުކުރަން މިނިސްޓްރީއަށް ގުޅައި އަދި ކުރާ އީމެއިލްއަށް އެތަނުން ޖަވާބު ނުދޭ ކަމުގެ ޝަކުވާ އެހެން މީހުން ވެސް ކުރި އެވެ.

ދަރިވަރުން ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިލެކްޓްރޯނިކްކޮށް، ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ އެހާ ގިނަ ފޯމު ނުބައިކޮށް ހުރުމަކީ އިދާރީ މައްސަލައަކަށް ވުން އެކަށީގެންވާ ކަމަށް ބައެއް މީހުން ދެކެ އެވެ.

ލޯނުގެ ބާކީ ޖާގަތަކަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ގައި ހުޅުވައިލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުން އުސޫލުތަކާ ހިލާފުވެފައިވާތީ އެންމެންނަށް ފަސޭހަވާނެ ގޮތަކަށް އެ އުސޫލުތައް ބަދަލުކުރުން މުހިއްމެވެ.

އަލުން ފޯމުލުން ހުޅުވާލި ނަމަވެސް އެހާތަނަށް ބޭރުގެ ގިނަ ޔުނިވަސިޓީތަކުގައި ކިޔެވުން ފަށާނެތީ ގިނަ ދަރިވަރުންތަކަކަށް މި ބުރުގައި ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން ސާނަވީ އަދި މަތީ ސާނަވީ ނިންމުމަށް ފަހު މަތީ ތައުލީމުގެ ފުރުސަތު ހޯދަން ނުކުންނަ އިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮންނަނީ މާލީ ދަތިކަމެވެ. މަތީ ތައުލީމަށް ސަރުކާރުން ލޯނު ތައާރަފުކުރީ އެކަން ހައްލުކުރާށެވެ.