Roadha Mihaaru
ފީ ޝީޓުގައި ސޮއިކުރާތާ 5 ދުވަހުން ސްޓޫޑެންޓް ލޯނުދެނީ

ދަރިވަރުންގެ ލޯނު ފީ ޝީޓުގައި ސޮއިކުރާތާ ފަސް ދުވަހުން ލިބޭ ގޮތް ހަދައިފި

24 ސެޕްޓެމްބަރ 2023

މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ހަމަޖެހޭނެ ގޮތެއް ހަދާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ހަމަޖެހޭނެ ގޮތެއް ހަދާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ބައެއް ދަރިވަރުންގެ ލޯނު ލިބުން ލަސްވެ، ކިޔަވަން ނުފުރިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަނެއްބައި ދަރިވަރުންނަށް ލޯނު ލިބުނަސް ވިސާ ހަމަޖެއްސުމަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބޭ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މި އަހަރަކީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ދަރިވަރުނަށް ކިޔެވުމަށް ލޯނު ދޫކުރި އަހެރެވެ. މި އަހަރު 1،275 ލޯނު ދޫކޮށްފައިވެ އެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ޖުލައި މަހު ދަރިވަރުންނަށް ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ފަހު ފައިސާ ހަމަޖައްސައިދިނުމަށް އެދި 760 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ދަރިވަރުންގެ ތެރެއިން ލިޔެކިޔުންތައް ހަމައަށް ހުށަހަޅާ ދަރިވަރުންނަށް ފީ ޝީޓުގައި ސޮއިކުރުމަށް ފަހު މަސައްކަތު ފަސް ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ ގޮތަށް މަސައްކަތްތައް ރޭވިގެން ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިހާރުވެސް ފޯމުތައް ޕްރޮސެސްކުރަމުން ދާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުރިހާ ލިޔެކިޔުމެއް ހަމަކުރުމަށް ފަހު ހުށަހަޅާފައިވާ ދަރިވަރުންގެ ފީ ޝީޓްތައް ތައްޔާރުކޮށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

އޭގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންގެ ލޯނަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށާއި ފައިސާ ލިބުން ލަސްވަނީ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާތީ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ލިޔެކިޔުންތައް ފުރިހަމަ ކުރުމުން ލޯނުގެ ފީ ޝީޓު ތައްޔާރު ކުރެވި، ދަރިވަރުން ސޮއި ކުރުމުން ލޯނު ދޫކުރުމަށް ވެވޭ ލޯނުގެ އެގްރިމެންޓުގައި ސޮއި ކުރެވުމަށްފަހު ދަރިވަރަށް ފައިސާ ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި ދަރިވަރު ލޯނަށް ހޮވިފައިވާކަން އަންގައިދޭ ތަފްސީލީ ސްޕޮންސާޝިޕް ލިޔުމެއް ކިޔަވަން އެދޭ ކޮޖެލް/ޔުނިވާސިޓީ އަށް ހުށަހެޅުމަށް ބޭނުންވާނަމަ ސްޕޮންޝާޝިޕް ލިޔުން ދޫކުރަމުންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ނަމަވެސް ލޯނުގެ ފައިސާއަށް އެދި ދަރިވަރުން ފޯމު ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖެއްސުމުގައި އިތުރު ވަގުތުތަކެއް ހޭދަވެ، ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވެގެންދާ ކަމުގައި ފާހަގަ ކުރަމެވެ. ދަރިވަރުން ލިޔެކިޔުންތައް ހުށަހަޅާއިރު، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ސަމާލުކަމެއް ދެއްވުން އެދެމެވެ،" އެ ބަޔާނުގައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީގެ ކުރިން މި ނޫހަށް ވިދާޅުވީ ލޯނުތައް އަވަހަށް ނިންމަން މިހާރު ގެންދަނީ އިތުރު މުވައްޒަފުންނާ އެކު މަސައްކަތް ކުރަމުން ކަމަށާއި އެ މުވައްޒަފުން އިތުރު ވަގުތުތަކުގައި ވެސް މަސައްކަތް ކުރާ ކަމަށެވެ.

އެއްވެސް ދަރިވަރެއްގެ ލޯނު ކެންސަލް ނުވާނެ ކަމަށާއި ހުރިހާ ލޯނަކަށް ވެސް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.