Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް މޯދީ އަށް

މިއީ އެއް ބައެއް ކަމަށް ވިދާޅުވެ ނަޝީދު، މޯދީ އަށް ދެއްވީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް

08 ޖޫން 2019

ރާއްޖެ އާއި އިންޑިއާއަކީ އަބަދުވެސް އެއް ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، ރާއްޖޭގައި އެންމެ ފުރަތަމަ އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ކޮޕީއެއް މިރޭ ހަދިޔާ ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި އިންޑިއާއަކީ އަބަދުވެސް އެއް ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، ރާއްޖޭގައި އެންމެ ފުރަތަމަ އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ކޮޕީއެއް މިރޭ ހަދިޔާ ކުރައްވައިފި އެވެ.

އައްސުލްތާނު ޝަމްސުއްދީނު ރަދުން ތިނެއްގެ ރަސްކަމުގައި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ފަށައި 92 މާއްދާގެ މައްޗަށް އެކުލެވިފައި އޮތް ފޮތް ވުޖޫދަށް ގެނައީ ޑިސެމްބަރު 22، 1932 ގަ އެވެ. އެ ގާނޫނުއަސާސީ ލިޔުނީ މުހައްމަދު ޝަމްސުއްދީން ރަދުން ހަވާލު ކުރެއްވި ކޮމިޓީއަކުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު  ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަޖިލިހުގައި މޯދީ ތަގްރީރު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ މޯދީ އަށް ގާނޫނުއަސާސީގެ ކޮޕީއެއް ދެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނެވި ފަހުރެއް ކަމަށެވެ. މިއީ މޯދީގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވި ހަދިޔާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އާންމު އިންތިހާބުގައި މޯދީ ހޯއްދެވި ކާމިޔާބީ ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އެއާ އެކު، އެމަނިކުފާނު މިސާލު ނެންގެވީ، ދިވެހިންނާއި އިންޑިއާ ރައްޔިތުން އިއްތިފާގުވާ ބައެއް ކަންކަމުން މިސާލު ނަންގަވަމުންނެވެ.

"އަޅުގަނޑުމެން ބަލަނީ އެއްކަހަލަ ފިލްމުތަކެއް. އަޅުގަނޑުމެން ކަނީ އެއްކަހަލަ ކެއުންތަކެއް. އަޅުގަނޑުމެން އަޑު އަހަނީ އެއްކަހަލަ ލަވަތަކެއް. އަޅުގަނޑުމެން ކިޔަނީ އެއް ފޮތްތަކެއް. އަޅުގަނޑުމެން ހީނ އަދި ރޮނީ އެއްކަހަލަ ކަންކަމުގައި، އަޅުގަނޑުމެންނަކީ އެއް ބައެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާ ގުޅުން ބަދަހިވެފައިވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މޯދީ ދެއްވި ތަގްރީރުގައި ވިދާޅުވި ގޮތުގައި ދެ ގައުމު ގުޅިގެން ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމެވެ. މޯދީ ވިދާޅުވީ އެކަމުގައި ރަނގަޅު ރަހުމަތްތެރިންގެ މިސާލެއްގެ ދެ ގައުމު ގުޅިގެން ދުނިޔެ އަށް ދެއްކިދާނެ ކަމަށެވެ.

ނަޝީދު، އިންޑިއާގެ ބޮޑުވަޒީރަށް ރާއްޖޭގައި އަމަލު ކުރަން ފެށި ފުރަތަމަ ގާނޫނުއަސާސީ ހަދިޔާ ކުރެއްވި އިރު، އެ ގާނޫނުއަސާސީ އަށް އަހަރެއް ނުވަނީސް ވަނީ އުވާލައިފަ އެވެ. ގާނޫނުއަސާސީ އުވާލަން ޖެހުނީ ޖުމްހޫރިއްޔާގެ ނިޒާމަކީ ކޮން ކަހަލަ ނިޒާމެއްކަން ރައްޔިތުންނަށް ނޭނގޭތީ ކަމަށްވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަކީ ރާއްޖޭގެ ހަޔާތުގެ ނުވަ ވަނަ ގާނޫނުއަސާސީ އެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރީ 2008 ގަ އެވެ.