Roadha Mihaaru
ޗައިނާ-އިންޑިއާގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް

ޗައިނާ-އިންޑިއާގެ އަލިފާނަށް ދަރުއަޅާ ނަމަ، ދެ ގައުމުގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް ޝަރީފް

11 އޯގަސްޓް 2020

ދުނިޔޭގެ އިގްތިސޯދީ ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ރޯވެފައިވާ އަލިފާނަށް، ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެ ނަމަ، ދިވެހިންނަކީ އެ ދެ ގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުނިޔޭގެ އިގްތިސޯދީ ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ރޯވެފައިވާ އަލިފާނަށް، ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެ ނަމަ، ދިވެހިންނަކީ އެ ދެ ގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރީގެ ތިން ފިނޭންސް މިނިސްޓަރުން، މަޖިލީހަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލުކޮށްފަ އެވެ. މުޅި މަޖިލިސް ކޮމެޓީއަކަށް ބަދަލުކޮށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ރާއްޖޭން ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި އެ ނުދެއްކިއްޖެ ހާލަތެއްގައި ދިވެހިން ދައްކަން ޖެހޭނެ އަގާ ގުޅޭގޮތުންނެވެ.

އާދަމް ޝަރީފްގެ ޓުވީޓް

މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިކަން ސިފަ ކުރެއްވީ، އިންޑިއާގެ ތާއީދު ހޯދަން ކުޅޭ ޑްރާމާއެއްގެ ގޮތުގަ އެވެ. އަދި އެ ޑްރާމާގައި އަދަބު ލިބިގެން ނުވަތަ، މި ވާހަކައިގެ ތެރޭގައި ހަލާކުވެގެން މިދަނީ ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޗައިނާ އާއި އިންޑިއާއާ މެދު ރާއްޖެ އިން ބާއްވާ ގުޅުމާ ބެހޭ ގޮތުން އެކި ފިކުރުގެ މީހުންގެ ތެރޭގައި ބަހުސް ކުރަމުންދާ މިވަގުތު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ގައުމުގެ ދުޝްމަނަކަށް ވުމުގެ ބަދަލުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާން ޖެހޭނީ ހުރިހާ ގައުމަކާ ގުޅިގެން ގައުމަށް އެހީތެރިކަން ހޯދުން ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެކި ނަންނަން ކިޔާފައި ޗައިނާ އަށް އިންޓްރަސްޓް ނުލައި 1.4 ބިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ. އަދި މިހާ ފަރުވާލެއްނެތި، ދަރަނި ދައްކާނޭ ގޮތެއް ވެސް ނެތި އަދި ރަހުނު ކުރާނެ އެއްޗެއް ވެސް ނުދައްކާ، ރާއްޖޭގެ ރައުސުލްމާލު ޗައިނާ އަށް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ދަންތުރައިގައި ރާއްޖެ ވަނީ ޖައްސައިފަ އެވެ. އަދި އެކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށް އެ ގެންދިޔައީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއްގެ ގޮތުގައި ތުހުމަތު ކުރައްވަމުން، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ އެއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިންޑިއާ އިން ތާއީދުކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްތޯ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްތޯ ބެލުމުގެ ރޭހެއް ކަަމަށެވެ.

"އެ ޑްރާމާގައި އަދަބު ލިބިގެން ނުވަތަ، މި ވާހަކައިގެ ތެރޭގައި ހަލާކުވެގެން މިދަނީ ޗައިނާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން،" ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުން ފާޅުކުރައްވާ ކަންބޮޑުވުމަކީ ޑްރާމާއެއް ކަމަށް ސިފަ ކުރައްވަމުން ތޯރިގް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް، ވެރިކަން ބަދަލުވުމަށް ފަހު މި ސަރުކާރުން ގުޅުން ބަދަހިކޮށްފައިވަނީ އިންޑިއާއާ އެވެ.