Roadha Mihaaru
އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފި

11 ޖުލައި 2020

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން މިރޭ ބަލައި ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން މިރޭ ބަލައި ފާސްކޮށްފި އެވެ.

އޭނާ ދިރިއުޅުއްވާ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏަސް ތަފްސީލެއް އަދި ނުދެ އެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލައިގައި ހެކި ހޯދަން މ. ފުރަހަނި، ބަލައިފާސްކުރި ނަމަވެސް އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަނީ އެ ގެއަކު ނޫނެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަކަށް ވުރެން މައްޗެވެ. ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ތެރޭގައި، ކަންބޮޑުވާން ޖެހޭ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށާއި ރައީސް އޮފީހަށް ހުށަހެޅީ މި މުވައްޒަފުން އަމިއްލަ އަށެވެ.

މި ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަޑުއެއްސެވި އެވެ. އަލީ ވަހީދު، މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމަށް އަމަލު ނުކުރެއްވުމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވިޔަސް އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މީގެ ކުރިން ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކޮށްފައެއް ނުވެ އެވެ.