Roadha Mihaaru
ފިލިޕިންސްގައި ދެ މިލިއަން ކިލޯ އަނބު އުކާލަންޖެހިދާނެ

ފިލިޕިންސްގައި އަނބަށް ވުރެ ގިނަ އެއްޗެއް ނެތް، ދެ މިލިއަން ކިލޯ ފީވެދާނެ

11 ޖޫން 2019

މޫސުމީ ބަދަލެއްގެ ސަބަބުން ފިލިޕިންސްގައި އާދަޔާ ހިލާފަށް އަނބު ގިނަވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ދެ މިލިއަން ކިލޯ އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

މޫސުމީ ބަދަލެއްގެ ސަބަބުން ފިލިޕިންސްގައި އާދަޔާ ހިލާފަށް އަނބު ގިނަވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ދެ މިލިއަން ކިލޯ އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

އެގްރިކަލްޗާ މިނިސްޓަރު އެމެނުއެލް ޕިނޯލް ވިދާޅުވީ އަނބު މާ ގިނަވީ މޫސުމީ ބަދަލުތައް އަންނަ އެލް ނީނޯ ފިނޯމިނާގެ ސަބަބުން ހޫނު ގަދަވެގެން ކަމަށެވެ.

ގިނަވެފައިވާ އަނބުތަކުގެ ތެރެއިން އެއް މިލިއަން ކިލޯގެ އަނބު މި މަސް ނިމުމުގެ ކުރިން ވިއްކާލަން ޖެހޭ ކަމަށާއި އެހެން ނޫނީ އެ މޭވާތައް ފީވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ މިހާރު ވަނީ އަނބު ވިއްކަން ހާއްސަ މާކެޓިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

މެނީލާ ޓައިމްސް އަށް ޕިނޯލް ވިދާޅުވީ އެލް ނީނޯގެ ސަބަބުން 2015 އާއި 2016 ގައި ވެސް މިގޮތަށް އަނބު ގިނަވި ކަމަށެވެ.

މިހާރު ދެ މިލިއަން ކިލޯގެ އަނބު ގިނަވެފައި އެބަހުރި ކަމަށާއި މޫސުމީ ބަދަލުގެ ސަބަބުން އަނބު ގިނަވި ކަމުގައި ވިޔަސް އަނބު ގަނެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ވެސް ފިލިިޕިންސް އަނބު ގިނަވާ ކަމަށް ޕިނޯލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގައި ހައްދާ އަނބު ގަތުމުގެ ބަދަލުގައި އެހެން ގައުމުތަކުން އަނބާއި އެހެން ބާވަތްތަކުގެ މޭވާ އެތެރެކުރާ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އެކްސްޕޯޓްކުރާ ފެންވަރަށް އަނބު ހައްދާނެ ގޮތް ދަނޑުވެރިންނަށް ދަސްކޮށްދޭން ވޯކްޝޮޕްތަކެއް ވެސް ފަށައިފަ އެވެ.