Roadha Mihaaru
އެންމެ ބޮޑު އަނބުގައި 4.25 ކިލޯ

އެންމެ ބޮޑު އަނބުގައި 4.25 ކިލޯ

01 މެއި 2021

އެންމެ ބޮޑު އަނބު ހެއްދުމުގެ ރެކޯޑް ފިލިޕީންސަށް ގެއްލި، އެ ރެކޯޑް ކޮލޮމްބިއާ އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު އަނބު ހެއްދުމުގެ ރެކޯޑް ފިލިޕީންސަށް ގެއްލި، އެ ރެކޯޑް ކޮލޮމްބިއާ އަށް ލިބިއްޖެ އެވެ.

އެ ގައުމުގައި ދަނޑުވެރި ދެމަފިރިން ކަމަށްވާ ޖާމަން އޯލަންޑޯ ނޯވޯ ބަރޭރާ އާއި ރެއިނާ މަރާޔާ މޮރޯކިންގެ ދަނޑުގައި ހުރި އަނބު ގަސްތަކުގެ ތެރެއިން ގަހެއްގައި އެޅި އަނބެއް ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ 4.25 ކިލޯ ހުރެގެންނެވެ.

ކުރިން އެ ރެކޯޑް އޮތް ޕިލިޕީންސަށް 2009 ގައި ރެކޯޑް ފޮތުން ޖާގަ ލިބުނީ 3.435 ކިލޯގެ އަނބަކާ އެކީގަ އެވެ.

އާ ރެކޯޑް ލިބުނު ދެމަފިރިން ބުނި ގޮތުގައި ރެކޯޑް ހެދި އަނބަކީ އެ އަނބު ފައްކާވަމުން އައި އިރު ވެސް، ގަހުގައި ހުރި އެހެން އަނބުތަކަށް ވުރެ ސައިޒްގެ ގޮތުން ބޮޑު އެއްޗެއްކަން ފާހަގަވި ކަމަށެވެ.

"އެކަމަކު އަހަރެމެން އެއްގޮތަކަށް ވެސް ހިއެއް ނުކުރަން މިއީ ރެކޯޑަކަށް ވެދާނެ އެއްޗެއް ކަމަކަށް،" ދެމަފިރިން ބުންޏެވެ.

އެ މީހުން ކިޔައިދިން ގޮތުގައި އަނބާ ދޭތެރޭ ހާއްސަ ނަޒަރަކުން ބަލަން ޖެހުނީ އެ މީހުންގެ އަންހެން ދަރިފުޅު ދިން ހިޔާލަކާ ގުޅިގެންނެވެ. އެގޮތުން އަނބުގެ ބަރުދަން ބަލައި، ކުރިން އެންމެ ބޮޑު އަނބުގެ ރެކޯޑާ ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދި އެވެ.

އުފާވެރިކަން ލިބުނީ ދެމަފިރިންގެ ދަނޑުގައި ހެއްދި އަނބުގެ ބަރުދަން، ރެކޯޑް ހަދާފައި އޮތް ފިލިޕީންސްގެ އަނބަށް ވުރެ ބަރުކަން ކަށަވަރުވުމުންނެވެ. އެ ހިސާބުން ގިނިސް ވޯލްޑް ރެކޯޑްގެ އޮފިޝަލުންނާ އެ މައުލޫމާތު ހިއްސާކޮށް އެ މީހުންގެ ޓީމެއް މެދުވެރިކޮށް، ރަސްމީކޮށް އަނބުގެ ބަރުދަން ބެލި އެވެ.

އެ ހިސާބުން ރެކޯޑް ލިބޭނެކަން ކަށަވަރުވި އެވެ. ގިނިސް ވޯލްޑް ރެކޯޑުން ވަނީ އަނބަށް ރެކޯޑް ރަސްމީކޮށް ދީ، އެ ވާހަކަ އެ ތަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ހިއްސާކޮށްފަ އެވެ.

"ވަރަށް އުފާވި އަހަރެމެންގެ ހެއްދި އަނބަލުން ކޮލްބިއާ އަށް ދުނިޔޭގެ ރެކޯޑެއް ލިބުނީމަ،" ދެމަފިރިން ބުންޏެވެ.

އެ މިހުން ބުނި ގޮތުގައި އަނބު ދަނޑުން ރެކޯޑް ސައިޒްގެ އަނބެއް ލިބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދަނޑުގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުންނެވެ.

"އެހެންވީމަ މިއީ އަހަރެމެން އެންމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ޖާމަން ބުންޏެވެ.

އަނބުގެ ބަރުދަން ރަސްމީކޮށް ބެލުމަށް ފަހު، މިހާރު ވަނީ އަނބު ކާލައިފަ އެވެ. އެކަމަކު ތާރީހާއި ހަނދާނަށްޓަކައި އެ އަނބުގެ ބައްޓަމާއި ސައިޒަށް އަނބެއް ތައްޔާރުކޮށް ދެމަފިރިން ނިސްބަތްވާ ގުއާޔާޓާ މުނިސިލަޕްޓީ އަށް ހަދިޔާކޮށްފައިވެ އެވެ.