Roadha Mihaaru
ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ: ކްރިސް ހެމްސްވޯތު

ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ: ކްރިސް ހެމްސްވޯތު

12 ޖޫން 2019

އިންޑިއާއަކީ އަބަދުވެސް ވަރަށް ގަޔާވާ ގައުމެއް ކަމަށާއި ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިދާނެ ކަމަށް "ތޯ" ގެ ކެރެކްޓާ ކުޅޭ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާއަކީ އަބަދުވެސް ވަރަށް ގަޔާވާ ގައުމެއް ކަމަށާއި ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިދާނެ ކަމަށް "ތޯ" ގެ ކެރެކްޓާ ކުޅޭ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތު ބުނެފި އެވެ.

އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ އެކްޓަރު ބުނީ އިންޑިއާ ދެކެ އޭނާ ލޯބިވާވަރުން އޭނާގެ 7 އަހަރުގެ އަންހެން ދަރިފުޅަށް ވެސް އެ ގައުމަށް ނިސްބަތްކޮށް ނަން ދީފައިވާ ކަމެވެ. އެއީ އިންޑިއާ ރޯޒް ހެމްސް ވޯތު އެވެ.

އޭނާގެ އިތުރުން ކްރިސްގެ ދެން ތިބެނީ އެއްބާނޑު ދެ ފިރިހެން ކުދިންނެވެ. އެއީ ފަސް އަހަރުގެ ޓްރިސްޓަން އާއި ސާޝާ ހެމްސްވޯތެވެ.

"އަހަރެންގެ އަންހެނުން [އެލްޒާ ޕެޓާކީ] ގެ ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ވެސް އިންޑިއާގައި ހޭދަކުރި. އެހެންވެ އޭނާގެ ހިތުގައި ވެސް އިންޑިއާ އަށް ހާއްސަ މަގާމެއް އޮވޭ. އަނެއްކޮޅުން އިންޑިއާއަކީ އަހަރެން އަބަދު ވެސް ވަރަށް ލޯބިވާ ގަޔާވާ ގައުމެއް،" ފިލްމު "މެން އިން ބްލެކް: އިންޓަނެޝަނަލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކްރިސް ބުންޏެވެ.

މިދިޔަ އަހަރު އިންޑިއާގައި ފިލްމު "ޑާކާ" ގެ މަންޒަރުތަކެއް ވެސް ޝޫޓް ކުރި އެކްޓަރު ބުނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމުތަކަކުން ފުރުސަތު ވެސް ލިބުނު ކަމަށެވެ.

"އެކަހަލަ އޮފާތަކެއް އެބަހުރި ކުރިން ލިބި، ކޮންމެވެސް ވަރަކަށް މަޝްވަރާ ވެސް ކުރެވިފައި،" "އެވެންޖާޒް" ފަދަ ފިލްމުތައް ކުޅުނު ކްރިސް ބުންޏެވެ. "އެހެންވީމާ ފަހަރުގައި ހަމަ ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ."

އޭނާ ބުނީ އިންޑިއާގައި ކުރިއަށް ގެންދިޔަ "ޑާކާ" ޝޫޓިން ޝެޑިއުލްއަކީ މިހާތަނަށް އެންމެ ފޯރި ނެގި ފިލްމު ކަމަށެވެ.

"އަހަންނަކަށް ނޭނގޭ ހަގީގަތުގައި މިކަން ސިފަ ކުރާނެ ގޮތެއް ވެސް. މުޅިން އެހެން ތަޖުރިބާއެއް އިންޑިއާގައި ކުރަން ޖެހުނީ. އެންމެ ބޮޑު ތަފާތަކީ މީހުން ގިނަވުން. އިންޑިއާގައި ފިލްމު ޝޫޓް ކުރި އިރު ކޮންމެ މަންޒަރެއް ޝޫޓްކޮށް ނިންމައިލުމާ އެކު ފޯރި ނަގައި، ސެލެބްރޭޓް ކުރަން އެތައް ހާސް ބަޔަކު ތިބޭނެ،" އޭނާ ބުންޏެވެ. "އެއީ މީގެ ކުރިން ފިލްމެއްގެ މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަމެއް ނޫން. އިންޑިއާގެ މަގުތައް ވެސް އަބަދު އޮންނަނީ މީހުންތަކުން ފުރިފައި. އަނެއްކާ މީހުން އެހާ ހިތްހެޔޮވެފައި، ވަރަށް ފުރިހަމަ މެހުމާންދާރީއެއް އަދާ ކުރޭ. އިންޑިއާއަކީ ހިތަށް އުފާވެރިކަން ގެނެސްދޭ ގައުމެއް."

"އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ދެބޭން އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސް ކުރާ "ޑާކާ" އިން ކްރިސްއާ އެކު އިންޑިއާގެ އެކްޓަރުންތަކެއް ވެސް ފެންނާނެ އެވެ. އެއީ ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީގެ އިތުރުން ޕަންކަޖް ތުރިޕަތީ އެވެ.

ކްރިސްގެ އެންމެ ފަހުގެ ފިލްމު "މެން އިން ބްލެކް: އިންޓަނެޝަނަލް" ސިނަމާތަކަށް އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.