Roadha Mihaaru
"އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެއް ވެސް ހަދަނީ

ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެއް ވެސް ހަދަނީ

07 މެއި 2020

މިދިޔަ މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އޭގެ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އޭގެ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށް ދީފި އެވެ.

"އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެފް ރުޒޯ ޕްރޮޑިއުސްކޮށް ސާމް ހާގްރޭވް ޑައިރެކްޓްކުރި އެ ފިލްމަކީ މިހާތަނަށް ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ފިލްމެވެ.

މި ކާމިޔާބީއާ އެކު "އެކްސްޓްރެކްޝަން" ގެ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށްދެމުން ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނު ޖޯ ބުނީ އެ މީހުން މިހާރު އަންނަނީ ފިލްމުގެ ދެވަނަ ބައިގެ ސްޓޯރީލައިން ޑިވެލޮޕްކުރަމުން ކަމަށެވެ.

"ފިލްމު ނިންމާލާފައި އޮތީ ވެސް ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތަށް. އެހެންވީމަ މީތި އަހަރެމެން އިތުރު ބަޔަކަށް ދަންމާނަން." އޭނާ ބުންޏެވެ.

ޖޯ ބުނިގޮތުގައި ސީކްއެލް ވެސް ޑައިރެކްޓްކުރާނީ ސާމެވެ.

"އެކްސްޓްރެކްޝަން" އަކީ ހޮލީވުޑާއި އިންޑިއާގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ.

ފިލްމުގައި ހިމެނޭ އިންޑިއާގެ ތަރިންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ އާއި ޕަންކަޖް ތުރިޕަތީ އާއި ރުދުރަކްޝް ޖެއިސްވާލްގެ އިތުރުން ރޯހިތު ސުޚްވާނީ އަދިި ޝަތަފް ފިގާރް ހިމެނެ އެވެ. ހޮލީވުޑްގެ ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އާއި ޑެރެކް ލޫކާއި ފޭ މަސްޓަސަންގެ އިތުރުން މާކް ޑޮނާޓޯ ވެސް ހިމެނެ އެވެ.

"އެކްސްޓްރެކްޝަން" އަކީ 65 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.