Roadha Mihaaru
ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ: އުޝާމް

ރިޔާސީ ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ: އުޝާމް

11 ޖޫން 2019

ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ ބިލްގައި ހުރި ގިނަ ކަންކަމަކީ މިހާރުން މިހާރަށް ބަލައިގަނެ، އަމަލު ކުރަން ޖެހޭނެ ކަންކަން ކަމަށެވެ.

އެކަމަކު، ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ތަހުގީގީ އިދާރާއެއްގެ ބާރު، އެ ގާނޫނާ އެއްގޮތަށް ބޭނުން ކުރަންވާނެ ކަމަށް ބިލްގައި ބުނެފައިވާތީ އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ބިލްގައި އެގޮތަށް އޮތުމަކީ ރައީސަށް ރިޔާސީ ކޮމިޝަންތައް އުފެއްދެވިދާނެ ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގައި މާއްދާގެ ބޭރުން ދެވޭ ބާރެއް ކަމަށް އުޝާމް ވިދާޅުވި އެވެ. މި މާއްދާގެ ދަށުން އުފައްދާ ކޮމިޝަންތަކަށް ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ކޮމިޝަންތަކަށް ހިންގޭނީ އިންކުއަރީޒް ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ ކޮމިޝަނުންތަކުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ޖިނާއީ ތަހުގީގު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ޖިނާއީ ތަހުގީގު ހިންގަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަންތަނަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ތަހުގީގު ކުރުމުގެ ބާރު ދޭ ނަމަ، ގާނޫނުއަސާސީން ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައި އޮންނަ މުއައްސަސާތައް ބަދަލުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި މިކަންކަމަށް ރިއާޔަތްކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށްވީ ގޮތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ޖެހޭ ކަމަށެވެ. މިކަން ކަން ކުރަން ގާނޫނުއަސާސީގައި ކުރާނެ މުއައްސަސާތަކެއް ހުއްޓައި، އަލުން އެކަން ތަކުރާރު ކުރަން ކޮމިޝަންތަކެއް އުފައްދައިގެން ނުކުންނާނެ މައްސަލަތަކަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.