Roadha Mihaaru
ޕާކިސްތާނުގެ ލީޑަރަކު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި

ޕާކިސްތާނުގެ ސިޔާސީ ލީޑަރަކު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި

12 ޖޫން 2019

ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އެމްކިޔޫއެމްގެ ބާނީ އަލްތާފް ހުސެއިން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި ކަމަށް، އޭނާގެ ތަރުޖަމާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އެމްކިޔޫއެމްގެ ބާނީ އަލްތާފް ހުސެއިން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި ކަމަށް، އޭނާގެ ތަރުޖަމާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެއްވިގެން އުޅުއްވި އަދި ފަހުން އިނގިރޭސި ރައްޔިތަކަށް ވެވަޑައިގެންފައިވާ އަލްތާފް ހައްޔަރުކުރީ، އިނގިރޭސި ވިލާތުގެ ކުށާ ބެހޭ ގާނޫނުތަކާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައި ސުވާލުކުރާށެވެ.

ބެލެވޭ ގޮތުގައި އެ ތުހުމަތުކުރެވެނީ ޕާކިސްތާނުގައި ތިބި އަލްތާފްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ އޭނާ ދެއްކެވި ވާހަކަތަކަކަށެވެ. އޭނާ ދައްކަވާ ވާހަކަތައް އާންމުންނަށް އިއްވަނީ ގިނަ ފަހަރަށް ކުރިން ރެކޯޑްކޮށްގެންނެވެ. ނުވަތަ ފޯނުންނެވެ.

އުމުރުން 65 އަހަރުގެ އަލްތާފާ ދެކޮޅަށް ޕާކިސްތާނުގެ ކޯޓުތަކުގައި ގިނަ މައްސަލަތަކެއް ހިނގަމުން ދިޔަ އެވެ. އެކަމަކު 2009 ގައި ދިން އަފޫއާންމެއްގައި 72 މައްސަލަ އަނބުރާ ނެގި އެވެ. އޭގެ ތެރޭގައި 31 މަރަކާ ގުޅޭ ދައުވާ ވެސް ހިމެނެ އެވެ.

އެމްކިޔޫއެމް މިހާރު ވަނީ ދެ ފަޅިވެފަ އެވެ. ލަންޑަންގައި ތިބި ސަޕޯޓަރުން ނިސްބަތްވަނީ އެމްކިޔޫއެމް-އެލް އަށެވެ. ޕާކިސްތާނުގައި އޮތް އަލްތާފާ ދެކޮޅު ފަޅިއަށް ކިޔަނީ އެމްކިޔޫއެމް-ޕީ އެވެ. އެންމެ ފަހުން އޮތް އާންމު އިންތިހާބުގައި ހަތް ގޮނޑި ކާމިޔާބުކޮށް އެ ޕާޓީ އަކީ މިހާރު ވެރިކަން ހިންގާ އިއްތިހާދުގެ ވެސް މެމްބަރެކެވެ.

އޭނާއާ ދެކޮޅު އެތައް ތުހުމަތުތަކަކާ ގުޅިގެން އަލްތާފް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވީ 1990ގެ އަހަރުތަކުގަ އެވެ. އޭނާ ޕާކިސްތާން ދޫކޮށްލެއްވީ، ޕާޓީގެ އެކްޓިވިސްޓުން އިދިކޮޅު މީހުންނަށް އަނިޔާކުރަން ބޭނުންކުރާ ގޮޅިތަކެއް ފެނިގެން، އޭނާއާ މެދު އުފެދުނު ތުހުމަތުތަކަކާ ގުޅިގެންނެވެ.

މިހާރު ޕާޓީ ދެ ބައި ވިޔަސް އެއީ ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ އަދި ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ކަރާޗީގައި ނުފޫޒު ގަދަ ލީޑަރެކެވެ. މިހާރު ވެސް ކަރާޗީގައި އޮންނަ ލޯކަލް އިންތިހާބުތަކުގައި އެމްކިޔޫއެމް ބޮޑު ކާމިޔާބީތައް ހޯދަ އެވެ.

އެމްކިޔޫއެމް 1984 ގައި އުފެއްދީ އިންޑިއާ އާއި ޕާކިސްތާން ވަކިވި އިރު ޕާކިސްތާނަށް ހިޖުރަކުރި އުރުދޫ ބަހުން ވާހަކަ ދައްކާ މުސްލިމުންނަށް ނިސްބަތްކޮށެވެ.

އަލްތާފާ މެދު ފިޔަވަޅު އަޅަން ޕާކިސްތާނުގެ އެކި ސަރުކާރުތަކުން އިނގިރޭސި ވިލާތަށް ގޮވާލައިފައިވެ އެވެ. އެކަމަކު އޭނާގެ ސަޕޯޓަރުން އަބަދުވެސް ބުނަނީ އެއީ ކުށެއް ނެތް ބޭފުޅެއް ކަމަށެވެ.