Roadha Mihaaru
12 މެމްބަރުން ހިމެނޭ އާއިލާއަކަށް ތަފާތު ރެކޯޑެއް

12 މެންބަރުންގެ އާއިލާއަކަށް "އުމުރު އެންމެ ދިގު" ރެކޯޑް

04 ޖެނުއަރީ 2021

އެއްބަނޑުއެއްބަފާ 12 މީހުން ހިމެނޭ އާއިލާއަކަށް، އެ އެންމެންގެ އުމުރު އެއްކޮށްލުމުން އެންމެ ދިގު އަހަރު ލިބިފައިވާ އާއިލާގެ ރެކޯޑް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްބަނޑުއެއްބަފާ 12 މީހުން ހިމެނޭ އާއިލާއަކަށް، އެ އެންމެންގެ އުމުރު އެއްކޮށްލުމުން އެންމެ ދިގު އަހަރު ލިބިފައިވާ އާއިލާގެ ރެކޯޑް ލިބިއްޖެ އެވެ.

ޕާކިސްތާނުގެ އާއިލާއަކަށް މި ރެކޯޑް ރަސްމީކޮށް ލިބުނުކަން ގިނިސް ވޯލްޑް ރެކޯޑުން އިއުލާންކުރީ މިދިޔަ މަހުގެ 15 ގަ އެވެ. ބާރަ މެމްބަރުން ހިމެނޭ އާއިލާގެ މެމްބަރުންނަށް ބަލާ އިރު އެންމެ ދޮށީ މީހާގެ އުމުރަކީ 97 އެވެ. އެންމެ ހަގު މީހާގެ އުމުރަކީ 75 އެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ނުވަ އަންހެނުންނެވެ.

ރެކޯޑް ލިބުނު ދުވަހާ ހަމައަށް ބަލާ އިރު އެ ހުރިހާ އެންމެންގެ އުމުރު އެއްކޮށްލުމުން ޖުމްލަ އަހަރުގެ އަދަދު 1،042 އަހަރާއި 315 ދުވަހަށް އަރަ އެވެ.

ޑި ކްރޫޒްގެ ނަމުން މަޝްހޫރު އާއިލާގެ މެމްބަރުންނަކީ ސެޕްޓެމްބަރު 3، 1923 ގައި އުފަންވި ޑޮރީން، ސެޕްޓެމްބަރު 3، 1925 ގައި އުފަންވި ޕެޓްރިކް، ޖުލައި 4، 1927 ގައި އުފަންވި ޖެނިވީވް، މާޗް 2، 1929 ގައި އުފަންވި ޖޯއިސް، އޮގަސްޓް 24، 1930 ގައި އުފަންވި ރޯނީ، އޮގަސްޓް 26، 1932 ގައި އުފަންވި ބެރީލް، ޖޫން 1، 1934 ގައި އުފަންވި ޖޯ، ސެޕްޓެމްބަރު 17، 1936 ގައި އުފަންވި ފްރަންސެސްކާ، ޖުލައި 27، 1938 ގައި އުފަންވި އެލްތިއާ، ޖޫން 9، 1940 ގައި އުފަންވި ތެރީޒާ، މާޗް 30، 1943 ގައި އުފަންވި ރޯޒްމޭރީ އަދި އޮކްޓޯބަރު 24، 1945 ގައި އުފަންވި ޔުޖީނިއާ އެވެ.

މި އާއިލާ ނިސްބަތް ވަނީ ޕާކިސްތާނަށް ކަމަށް ވިޔަސް އާއިލާގެ މެމްބަރުން ދިރިއުޅެނީ ދުނިޔޭގެ އެކި ތަންތަނުގަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަނާއި ކެނެޑާ އާއި ސްވިޓްޒަލެންޑް އަދި އެމެރިކާ ހިމެނެ އެވެ.

ޑި ކްރޫޒް އާއިލާ އަށް ލިބުނު ރެކޯޑާ ބެހޭ ގޮތުން ގިނިސް އިން ބުނީ އާއިލާގެ މެމްބަރުން އެ މީހުންގެ ވަކިވަކި އާއިލާތަކާ އެކު ދުނިޔޭގެ އެކި ތަންތަނުގައި އުޅުނަސް އާއިލާގެ މެމްބަރުންގެ މެދުގައި އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.