Roadha Mihaaru
ކައިވެނިކުރަން ނުޖެހެއޭ ބުނުމުން މަލާލާ ހޫނުފެނަށް!

ކޮންމެހެން ކައިވެނިކުރަން ނުޖެހެއޭ ބުނުމުން މަލާލާ ހޫނުފެނަށް!

04 ޖޫން 2021

ނޯބަލް ޕީސް އިނާމު ހޯދައިފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީ ކައިވެންޏާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ހޫނުވެ، އާންމުންގެ ބޮޑު ފާޑުކިޔުމެއް އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނޯބަލް ޕީސް އިނާމު ހޯދައިފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީ ކައިވެންޏާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ހޫނުވެ، އާންމުންގެ ބޮޑު ފާޑުކިޔުމެއް އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ވޯގް މެގަޒިން އަށް ދިން ޚާއްސަ އިންޓަވިއުއްގައި ކައިވެންޏާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ސިފަވާ ގޮތަށް މަލާލާ ޖަވާބު ދީފައިވާ ކަމަށް ބުނެ އާންމުން ދަނީ އޭނާ އަށް ހޫނު ރައްދެއް ދެމުންނެވެ.

ބްރިޓިޝް ވޯގް މެގަޒިންގެ މި މަހުގެ އަދަދުގެ ކަވާގައި ފީޗާކުރީ މަލާލާ އެވެ.

"ލޯބީގެ ގުޅުމަކާ މެދުގައި ވިސްނާލާއިރު ބަލާލަމާ ހިނގާ ސޯޝަލް މީޑިއާ އަށް. އެ ތަނުގައި އެންމެން އެ މީހުންގެ ވާހަކަތައް ހިއްސާކުރާއިރު، ބައެއް ފަހަރު އަހަރެމެން އެބަ ކަންބޮޑުވޭ. މީހަކަށް އިތުބާރު ކުރެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަމިއްލަ އަށް ޔަގީން ނުވޭ،" މަލާ ބުންޏެވެ.

"އަހަންނަށް އަދިވެސް ނުވިސްނޭ ކޮންމެހެން ކައިވެނި ކުރަން ޖެހެނީ ކީއްވެ ކަމެއް؟ ތިމާގެ ދިރިއުޅުމަށް ބައިވެރިއެއް ބޭނުންވާ ނަމަ، ކޮންމެހެން ކައިވެނީގެ އެއްބަސްވުމެއްގައި ސޮއިކުރަ ންޖެހޭތަ؟ އެއީ ހަމައެކަނި ޕާޓްނާޝިޕަކަށް ނުވާންވީ ކީއްވެ؟"

މިއީ ވަރަށް ޒިންމާދުރުކަން ކުޑަގޮތަކަށް މަލާލާ ދީފައިވާ ޖަވާބެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މި ވާހަކަތަކަށް ރައްދުދީ ޕާކިސްތާނުގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ މަތީރާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

"މަލާލާ، ހެޔޮނުވާނެ މި ޖީލަށް އަހަރެމެން ދަސްކޮށް ދޭންވީ ކައިވެންޏަކީ ސުންނަތެއް ކަން. އެއީ ހަމައެކަނި އެއްބަސްވުމެއްގައި ސޮއިކުރެމެއް ނޫން. ޑްރާމާ ކުޅެން ނޫޅޭ،" މަތީރާ ބުންޏެވެ.

އޭނާ ބުނީ އަސްލު ދައްކަންވީ ގަދަބާރުންނާއި އަނިޔާކޮށްގެންނާއި އަދި ކުޑަކުދިންނާ ކައިވެނިކުރުމުގެ ވާހަކަތައް ކަމަށެވެ. މާތް ﷲ ގެ ރަހުމަތްފުޅާ އެކު ކައިވެންޏެއް ކުރެވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް މަތީރާ ބުންޏެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަދި ހުޅަނގުގެ ޕްރޮޕެންޑާ ފަތުރާ "ޕަޕެޓެއް" ގެ ތުހުމަތު ބޮލުގައި އެޅިފައިވާ މަލާލާ ވޯގް މެގަޒިން އަށް ދިން އިންޓަވިއުގައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ސިޔާސީ ފިކުރާއި އަދި ސަގާފަތުގައި ހުރި ބައެއް ކަންކަމާ މެދުގައި އޭނާގެ ޚިޔާލު ފާޅުކޮށްފަ އެވެ.

މަލާލާ ދެއްކި ވާހަކަ މީޑިއާ އިން އޮޅުވާލީ: ބައްޕަ

ކައިވެންޏާ ބެހޭގޮތުން މަލާލާ ދެއްކި ވާހަކައާ މެދު ހިތްހަމަނުޖެހިގެން ޕާކިސްތާނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ މުފްތީ ޝަހާބުއްދީން ޕޮޕަލްޒާއީ ކުރެއްވި ޓުވީޓެއްގައި ވަނީ، އެ ވާހަކަތަކަށް ޖަވާބުދާރީ ވުމަށް މަލާލާގެ ބައްޕަގެ ފަރާތުން އެދިފަ އެވެ. އެ ވާހަކަތަކުން ކައިވެނި ފަދަ މަތިވެރި ގުޅުންތަކުގެ އަގު ވައްޓާލައި، ކައިވެނީގެ ބޭރުން ގުޅުން ބާއްވަން ހިތްވަރުދޭ ކަމަށް މުފްތީ ވިދާޅުވި އެވެ.

މަލާލާގެ ބައްޕަ، ޒިއާއުއްދީން ޔޫސަފްޒާއީ ޖަވާބުގައި ބުނީ، ދަރިފުޅު ދެއްކި ވާހަކައިގެ އަސްލު އޮޅުވާލައިފައިވާ ކަމަށާއި އެކަން ކުރީ މީޑިއާ އިން ކަމަށެވެ.

ދުނިޔޭގެ ސަމާލުކަމަށް މަލާލާ އެންމެ ފުރަތަމަ އައީ އަންހެން ކުދިންނަށް ތައުލީމު ދިނުމަށް އަޑުއުފުލި އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އޮކްޓޯބަރު 9، 2012 ގައި އިމްތިހާނެއް ނިންމައިފައި ބަހެއްގައި އެނބުރި ގެއަށް ދަނިކޮށް ޕާކިސްތާނުގައި އުޅޭ ތާލިބާނުގެ ހަނގުރާމަވެރިން މަލާލާ އާއި އޭނާގެ ދެ އެކުވެރިންގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލި އެވެ. މަލާލާގެ އުފަން ރަށް ކަމަށްވާ ޕާކިސްތާނުގެ ސްވޮޓް ވެލީގައި އޭރު ތާލިބާނުން އޮތީ އަންހެންކުދިން އުނގެނުން މަނާކޮށްފަ އެވެ.

އެ ހަމަލާގައި ފުރާނަ ސަލާމަތްވީ މަލާލާގެ އެކަންޏެވެ. އެ ޒަހަމްތަކަށް އޭނާ ފަރުވާ ހޯދީ އިނގިރޭސި ވިލާތުންނެވެ. އޭނާގެ އެކްޓިވިޒަމްގެ ހަރާކަތްތައް ފެށީ އެ ޒަހަމްތަކުން ފަސޭހަވުމާ އެކު އެވެ. އެންމެ ހަގު އުމުރުގެ މީހަކަށް، ނޯބަލް ޕީސް ޕްރައިޒް ލިބުނީ ވެސް މަލާލާ އަށެވެ.