Roadha Mihaaru
ނައިބު ރައީސުންނަށް އިނާޔަތްދިނުމުގެ ބިލް ބޭރުކޮށްލައިފި

ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް މަޖިލިހުން ބޭރުކޮށްލައިފި

12 ޖޫން 2019

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން އިނާޔަތެއް ދޭން ފާސްކުރި ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން އިނާޔަތެއް ދޭން ފާސްކުރި ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ބޭރުކޮށްލައިފި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) 18 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލް ފާސްކުރި އިރު، ނައިބު ރައީސްއަކަށް ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ނިންމި އެވެ. އެކަމަކު އެއީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެ، ބިލް ތަސްދީގު ނުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަނބުރާ އާ މަޖިލިހަށް ފޮނުއްވައިފަ އެވެ.

މި ބިލް މަޖިލިހުން ބޭރުކޮށްލީ 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު އިންނެވި އެވެ.

އާ މަޖިލިހުގައި ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ބިލަށް ދެކޮޅުހައްދަވައިފަ އެވެ. ބައެއް މެމްބަރުން ގަބޫލުކުރެއްވި ގޮތުގައި މިއީ ވަކި ބޭފުޅަކަށް އަމާޒުކޮށް "ފަރުމާކޮށްފައި އޮތް" ބިލެކެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް މާލީ އިނާޔަތް ލިބިވަޑައިގަންނަވާނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރައްވާ ނަމަ އެވެ. މީގެ ކުރިން ނައިބު ރައީސުން މަގާމުން ވަކިވާ ހިސާބުން މުސާރަ އާއި އިނާޔަތްތައް ދޭނެ ވަކި ގާނޫނެއް ނެތެވެ.

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ބިލް ފާސްވި ނަމަ، އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެހެންކަމުން އިތުރު ދައުވާއެއް ނުއުފުލައިފި ނަމަ އަދީބު ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

އެ ބިލްގެ އިތުރުން، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން 18 ވަނަ މަޖިލިހުގައި ފާސްކުރި ބިލް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަނބުރާ މަޖިލިހަށް ފޮނުއްވާލެއްވި އެވެ. އެކަމަކު މިއަދުގެ ޖަލްސާގައި އެ ބިލް ވެސް ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެ، ވަނީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.