Roadha Mihaaru
އެމްޑީޕީގެ ކޮމިޓީއަށް ވަޒީރުން ހާޒިރުކުރުން ގޯހެއް ނޫން

އެމްޑީޕީގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކުރުމަކީ ގޯހެއް ނޫން: ތަރުޖަމާން

13 ޖޫން 2019

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކޮށް މައްސަލަތައް އޮޅުންފިލުވުމަކީ ގޯހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކޮށް މައްސަލަތައް އޮޅުންފިލުވުމަކީ ގޯހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެބިނެޓްގައި ތިއްބަވަނީ އެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސްލޮޓެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ހަމަޖެއްސެވި އިބްރާހިމް އިބްރާހިމް ހަސަން މިދިޔަ ހަފުތާގައި އެމްޑީޕީގެ ކޮމިޓީއަކަށް ހާޒިރުކުރުން، އެއް ބަޔަކު ސިފަކުރީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ، އެމްޑީޕީގެ މެމްބަރުން ސުވާލުކުރަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ، އެމްޑީޕީގެ މެމްބަރުން ސުވާލުކުރަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެމްޑީޕީގެ ކޮމިޓީ އަށް މިނިސްޓަރު ހާޒިރުކޮށް ސުވާލުކުރީ ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި ލޯން ސްކީމަށް ކުރިމަތިލި ގިނަ އަދަދެއްގެ ދަރިވަރުން ޑިސްކޮލިފައިވި ސަބަބާ ގުޅޭ ގޮތުންނެވެ. ވަޒީރުން ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގައި އޮންނަ، ސަރުކާރުގެ ޒިންމާއަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މަސްއޫލިއްޔަތެކެވެ. އޭގެ ކުރިން އެމްޑީޕީގެ ކޮމިޓީތަކަށް މިނިސްޓަރުން ހާޒިރުކުރުން ބައެއް މީހުންގެ ވިސްނުމުގައި ގޯހެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ ވަޒީރުން ޒިންމާދާރު ކުރުވުން މައްސަލައެއް ނޫނެވެ. އެމްޑީޕީގެ ކޮމިޓީތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުންނާ ސުވާލު ކުރެއްވުން އެމަނިކުފާނު ނަންގަވަނީ ރަނގަޅު ކަމެއްގެ ގޮތުގަ އެވެ.

ރައީސްގެ ތަރުޖަމާން ހޫދު: އެމްޑީޕީގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސްގެ ތަރުޖަމާން ހޫދު: އެމްޑީޕީގެ ކޮމިޓީތަކަށް ވަޒީރުން ހާޒިރުކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރާ އެކު އެމްޑީޕީގެ ކޮމިޓީން ބައްދަލުވުން ބޭއްވުމުގެ ކުރިން ރައީސަށް އެކަން އެންގެވި ކަމަށެވެ.

"ރައީސަށް ގުޅާފައި އެހި އެންމެ ރަނގަޅުހޭ މިގޮތަށް ކަންކުރިއަސް. ރައީސް ވިދާޅުވީ މައްސަލައެއް ނެތް ކަމަށް. އެހެންވީމަ މި ދަންނަވަނީ، އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުމާ އެކު ދިޔަ ކަމެއް އެއީ،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީން މިނިސްޓަރާ ބައްދަލުކުރީ ދަރިވަރުންނާ ގުޅޭ ކަންބޮޑުވުންތަކެއް ސާފުކުރާށެވެ. ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ވެސް ވަރަށް ގާތުން ބައްލަވާ، ކަމެއް ކަން ހޫދު ފާހަގަކުރެއްވި އެވެ.

"އެއީ، [މިނިސްޓަރާ ސުވާލުކުރުމަކީ] މާބޮޑު މައްސަލައެއް ކަމަކަށެއް އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.

ކަރަންޓު އަގު ބޮޑު ކަމަށް ކުރި ޝަކުވާތަކާ ގުޅިގެން ވެސް އެމްޑީޕީގެ ކޮމިޓީއަކަށް ވަނީ ފެނަކަ އާއި ސްޓެލްކޯގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.