Roadha Mihaaru
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައީސް ކުރައްވާ ކެމްޕޭން ދަތުރުތަކަށް ދައުލަތުން ހަރަދެއް ނުކުރާނެ: ރައީސް އޮފީސް

06 މާޗް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ރޭ ވަނީ ފައްޓަވައިފަ އެވެ. ގުރައިދޫ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ރޭ ބައިވެރިވެވަޑައިގަތެވެ.

މި ހަފުތާ ބަންދުގައި ކެމްޕޭނަށް އައްޑު އަށް ވަޑައިގަތުމަށް ވެސް ތާވަލްކޮށްފައިވެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ކުރައްވަނީ ދައުލަތުގެ ޚަރަދުގައިތޯ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ޚަރަދުގައި ކެމްޕޭން ކުރެއްވުން ގޯސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކޯލިޝަނުން ގަބޫލުކޮށް ފާޑުކިއުން އަމާޒުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަބްދުﷲ ޝާހިދު ރޭ ގުރައިދު އަށް ވަޑައިގަންނަވަނީ. --ފޮޓޯ/ޓުވިޓާ

ހޫދު ވިދާޅުވި ގޮތުގައި ކެމްޕޭން ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރިއަށް ގެންދާނީ އިންތިޒާމްކުރާ ފަރާތުންނެވެ. ގުރައިދު އަށް ރައީސް ރޭ ވަޑައިގަތް ދަތުރުފުޅުގައި، ރައީސާއި އެމަނިކުފާނާ އެކު ވަޑައިގަތް ސަރުކާރުގެ އިސް ބޭފުޅުންގެ ހުރިހާ ކަމެއް ހަމަޖެއްސީ ވެސް އެމްޑީޕީން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސްގެ ކެމްޕޭން ދަތުރުތަކަށް ދައުލަތުން ޚަރަދެއް ނުކުރާނެ،" ހޫދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕޭން ޖަލްސާއަކަށް ރައީސް ވަޑައިގަންނަވާ ނަމަ، ހުރިހާ ޚަރަދެއް ކުރިއަށް ގެންދާނީ އެ ޕާޓީން ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ. މަޖިލީސް އިންތިޚާބުގެ ކެމްޕޭންގައި ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރެ އެވެ.