Roadha Mihaaru
ޔުނައިޓެޑް ވިކްޓްރީ އަތުން ފޯކައިދޫ މޮޅުވެއްޖެ

ޔުނައިޓެޑް ވިކްޓްރީ އަތުން ފޯކައިދޫ މޮޅުވެއްޖެ

16 ޖޫން 2019

ޗެރިޓީ ޝީލްޑް މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި ށ. ފޯކައިދޫން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓްރީ އަތުން މިރޭ 2-1 އިން މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޗެރިޓީ ޝީލްޑް މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި ށ. ފޯކައިދޫން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓްރީ އަތުން މިރޭ 2-1 އިން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ފުރަތަމަ އެގާރައިގައި އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ސާބިއާގެ މިލޮސް ކޮވަސެވިޗާއި ކިރްގިސްތާންގެ ބެކްތޫރު އެކްޓާ އަދި ބެލަރޫސްގެ ޑިމިޓްރީ ކްލަބަސެލާއު ވަނީ ހިމަނައިފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ފޯކައިދޫން ވަނީ ޔުނައިޓެޑް ވިކްޓްރީ ހާފްތެރޭގައި ކުޅެ ފުރުސަތު ތަނަވަސްކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެންމެ ރަނގަޅަށް ބޭނުމެއް ހިފޭގޮތެއްނުވި އެވެ. ފޯކައިދޫގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުން ވެސް ދިޔަ އެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑް ވިކްޓްރީގެ މެދުތެެރެއިން ގިނަ ބޯޅަތަކެއް ގެއްލުނުއިރު، އެ ޓީމުން އުފެއްދި ހަމައެކަނި ނުރައްކާތެރި ހަމަލާ އަކީ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ބޯޅައެކެވެ. ނައްޓޭ ނަގައިދިން ހުރަސް ގޯލަށް ވަނުމުގެ ކުރިން ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ ފަސް މިނިޓް ތެރޭގައި ލީޑުނަގަން ފޯކައިދޫ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ހަސަން ނަޒީމް (ޗޯޓު) އޭރިއާތެރެއިން ހުސްކޮށް ޖެހި ބޯޅަ ތިރިތިރިން ބޭރަށް ދިޔައިރު، އަންސަރު އިބްރާހިމް (އަންކޮ) އަށް ލިބުނު ފުރުސަތުން ބޯޅަ ލަސްކޮށްލުމުން އެންމެ ރަނގަޅަށް ބޭނުންހިފޭ ގޮތެއްނުވި އެވެ. އޭގެ ފަހުން ނައްޓޭ އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ޔުނައިޓެޑް ވިކްޓްރީގެ ގޯލު ޖެހުމަށްފަހު ނައްޓޭ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓްރީގެ ގޯލު ޖެހުމަށްފަހު ނައްޓޭ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫ އަށް ލީޑުނަގައިދިނީ އަލީ ޝާމިއު (މައިތޯ) އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޗޯޓު ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މައިތޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން ނައްޓޭ ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާ ބޭރުން ނައްޓޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ސާގިބް އަތްމަތިން ގޮހެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ފޯކައިދޫ މޮޅުކޮށްދިން ލަނޑު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ހަސަން ފުއާދު (ޖެކް) އެވެ. އަންކޮ އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ ޖެކް އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކައިރި ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފޯކައިދޫ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ އިތުރު ވަގުތުގައި އޮގީ އަށް ރަނގަޅު ބޯޅައެއް ލިބުނުއިރު އޭނާ އަށް އޭގެ ބޭނުމެއްނުކުރެވުނެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއި ވަރަށް އުނދަގޫ ހާލަތެއްގައި އޮވެ ވެސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ. އަދި ފޯކައިދޫން ކުރިން ދެ މެޗެއް ކުޅެފައިވުމަކީ އެޑްވާންޓޭޖަކަށްވެދާނެ ކަމަށާއި އެކަމަކު އޭގެ އަނެއްކޮޅަކީ މެޗު ކުޅުމުން ހުންނާނެ ވަރުބަލިކަން ކަމަށް ކަމަށް އޭނާ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފޯކައިދޫގައި އެ ރަށުގެ ނަން އޮތް ނަމަވެސް އެއީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކަކާ އެކު އޮތް ޓީމެއް ކަމަށާއި އެ ޓީމު އަތުން ބަލިވުމުން މާޔޫސްނުވަނީ ލީގުގައި ކުރިއަށް ގިނަ މެޗުތަކެއް ހުރުމުން ކަމަށެވެ. އަދި މިއީ ދިގު ސީޒަނެއް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ގިނަ ޓީމުތަކެއް އަތުން ޕޮއިންޓް ގެއްލޭނެ ކަމަށް ބުންޏެވެ.

"އަދި މި އަށް ވުރެ ރަނގަޅަށް ޔުނައިޓެޑް ވިކްޓްރީ އެނބުރި އަންނާނެ،" ޔަގީންކަމާ އެކު ނަޒީހު ބުންޏެވެ.

ލީގުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ ބުދަ ދުވަހުގެ ހަވީރު އެވެ. އެ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މިއީ މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ދެ ޓީމެވެ. އެންމެ ކުރިން ފަރިތަކުރުންތައް ވެސް ފެށީ މި ދެ ޓީމުންނެވެ.