Roadha Mihaaru
ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް

ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް

05 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ލީގުގެ ތިން ވަނަ ބުރާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ލީގުގެ ތިން ވަނަ ބުރާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

ލީގުގައި މި ވަގުތު ވާދަކުރަމުން އަންނަ އަށް ޓީމުގެ ތެރެއިން ފަސް ޓީމަކަށް މި ވަގުތު ލީގުގެ ދެ ވަނަ ބުރު ވަނީ ނިމިފަ އެވެ. އެއީ ފ. ނިލަންދޫ، ށ. ފޯކައިދޫ، މާޒިޔާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ އެވެ. ދެ ވަނަ ބުރުގައި ދެން ބާކީ އޮތް ދެ މެޗަކީ ޓީސީގެ ދެ މެޗެވެ. އެއީ ޓީސީން ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މި މެޗުތައް ފަސް ކުރީ އޮކްޓޫބަރުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކުޅެން ޓީސީ ދާން ޖެހުމުންނެވެ.

މިދިޔަ އަހަރު ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު ލީގު ޖޫން މަހު ފަށައި އޭރު ކްލަބްތަކަށް ހިއްސާކުރި ގަވާއިދުގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. މާލީ މައްސަލަތަކާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރުމުން ލީގުގައި ފަހުން ވާދަކުރަނީ އަށް ޓީމެވެ.

ގައުމީ ޓީމަށް ފުރުސަތު ދޭން ނެގި ހަތަރު ބްރޭކުގެ ސަބަބުންނާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަނެވޭނެ ގޮތެއް ފެންނަން ނެތުމުގެ ލީގުގައި ވާދަކުރާ ބައެއް ކްލަބްތަކުން ދެ ވަނަ ބުރަށް ފަހު ލީގު ނިންމާލަން ބޭނުންވާ ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ބުނެފަ އެވެ.

Baeh club thakun beynunvanee league ninmaalan: Nistar

Baeh club thakun beynunvanee league ninmaalan: Nistar

The most trusted news source in the Maldives

Mihaaru

ދެ ވަނަ ބުރުން ދިވެހި ލީގު ނިންމާލުމަށް ބައެއް ކްލަބްތަކުން ބޭނުން.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ލީގުގެ ތިން ވަނަ ބުރާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުމެއް ނިންމާނީ މި ހަފްތާ ތެރޭގައި ކްލަބްތަކާ އެކު އެފްއޭއެމުން ބާއްވާ ބައްދަލުވުމަކަށް ފަހު އެވެ.

ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-2 އިން ޔުނައިޓެޑް ވިކްޓްރީ މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނީ ތިން ވަނަ ބުރު ކުޅެނީ ކިތަށް ޓީމުކަމެއް ނޫނީ ތިން ވަނަ ބުރު އޮންނާނެ ކަމެއް އަދި ޔަގީންނުވާ ކަމަށެވެ. މިހާރު އޮތްގޮތުން ލީގުގެ ތިން ވަނަ ބުރުގައި ގަދަ ހަ ޓީމު ކުޅޭނަމަ ޔުނައިޓެޑް ވިކްޓްރީ އާއި ނިލަންދޫ އަށް ލީގު ވަނީ ނިމިފަ އެވެ.

"ކްލަބްތަކުގެ މެނޭޖްމަންޓާ ހިއްސާކުރި ނުކުރިއެއް ނޭނގެ. އެއްގޮތަކަށް ވެސް ކޯޗުންނަށް ނޫނީ އަހަންނަކަށް ނެތް ހިއްސާކޮށްފައެއް. އަހަރެމެންގެ ލީގު މިދަނީ މީހެއްގެ ހިތުގައި ކުރަހާފައި އޮތްގޮތަށް ހެން ހީވަނީ. ގަވާއިދުގައި މި އިންނަނީ އަށް ޓީމު ކުޅޭގޮތަށް. ދޭތެރެ މެދުން އަހަރެމެން މި ދެ ވަަނަ ރައުންޑު ނިމުނުއިރު ނޭނގޭ ތިން ވަނަ ބުރު ކުޅެނީ އަށް ޓީމުކަމެއް، ހަ ޓީމު ކަމެއް،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ވިކްޓްރީން އިއްޔެގެ މެޗަށް ނުކުތީ ކޮންމެ ގޮތަކަށް ވެސް ތައްޔާރުވެގެން ތިބި ހާލަތުގައި ކަމަށެވެ.

"މިއީ ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮންނަން ޖެހޭނެ ގޮތެއް ނޫން. މި އަށް ވުރެން ރަނގަޅު ވާން ޖެހޭނެ. ކުޅުން ނުކުޅުން މިއީ އެހެން ކަމެއް. ދެ ވަނަ ރައުންޑުގެ އެންމެ ފަހު މެޗު ކުޅުމުގެ ކުރިން އެނގެންޖެހޭނެ ތިން ވަނަ ބުރު ކުޅޭ ކަމަންވަންޏާ. ނުކުޅޭ ކަމަށްވަންޏާ އަހަރެމެން ބޭނުމެއް ނޫން ކުރިއަށް ދުވަސްތަކުގައި ޕްރެކްޓިސް ކުރާކަށް،" ކުރިން އެފްއޭއެމްގައި މަސައްކަތްކުރި މުހައްމަދު ބުންޏެވެ.

މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ލީގުގެ ތިން ވަނަ ބުރާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. މޯހަން ބުނީ ލީގުގެ ތިން ވަނަ ބުރު ކުޅުމުގައި ގޮތެއް ނިންމަންޖެހޭނީ މީގެން ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށެވެ.

"ސީޒަން މި އަހަރު ނިމޭނީ ކޮން އިރަކުތޯ ބަލަންވީ. ދެން ވިސްނަންވީ ތިން ވަނަ ބުރު ކުޅެންވީތޯ ނުކުޅުންތޯ ބުއްދިވެރީ. ސީޒަން ނިމުމޭ މި ދަންނަވަނީ މި އަހަރު ނިންމާފައި އަންނަ އަހަރު ފެށުމާ ދެމެދު ވެސް އެބަޖެހޭ ވަގުތު ކޮޅެއް ދޭން. އެ ހުރިހާ ކަމަކަށް ޕްލޭން މި ކުރަން ޖެހެނީ. އަންނަ ސީޒަން ވަގުތު ދީގެން ނިންމާލެވެންޏާ މަޖުބޫރެެއް ނޫން ތިން ވަނަ ބުރު ނުކުޅެ ދޫކޮށްލުމެއް. ކުޅުންތެރިންނަށް ފައިދާވާ ގޮތަށް ކުޅުން ބުއްދިވެރީ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި މީގެ ކުރިން މަސައްކަަތްކުރި މޯހަން ބުންޏެވެ.

Footboalha ah faadukiyaigen libunu ehves halleh neiy: Mohan

Footboalha ah faadukiyaigen libunu ehves halleh neiy: Mohan

The most trusted news source in the Maldives

Mihaaru

ފުޓްބޯޅަ އަށް ރަނގަޅު ހައްލެއް ހޯދަން މަޝްވަރާކުރަންޖެހޭ ކަމަށް މޯހަން ވަނީ ބުނެފައި.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އިން އަންނަ މަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ތައްޔާރުވަމުން އަންނައިރު، ލީގުގެ ތިން ވަނަ ބުރަށް އެ ޓީމުގެ ތައްޔާރީތައް ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ކަމެއް ޕްލޭން ކުރަން އެނގޭނީ ތިން ވަނަ ބުރުގެ ޝެޑިއުލް ލިބިގެން ކަމަށާއި އެހެންވެ މި ވަގުތަށް ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ.

މިހާރު އޮތްގޮތުން ދެ ވަނަ ބުރުގެ މެޗުތައް އެއްކޮށް ނިމޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޓީސީ އާއި އީގަލްސް ކުޅޭ މެޗުންނެވެ.