Roadha Mihaaru
ރިޝީގެ އުންމީދަކީ އުފަން ދުވަހަށް ގައުމަށް ދިއުން

ރިޝީގެ އުންމީދަކީ އުފަން ދުވަހަށް ގައުމަށް ދިއުން

18 ޖޫން 2019

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރްގެ 67 ވަނަ އުފަން ދުވަސް މުމްބާއީގައި ފާހަގަ ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރްގެ 67 ވަނަ އުފަން ދުވަސް މުމްބާއީގައި ފާހަގަ ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

މުމްބާއީ މިރާ އަށް އޭނާ ބުނީ ފަރުވާގެ ކަންކަން މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު، އޮގަސްޓް މަހުގެ ފަހުކޮޅު އެނބުރި މުމްބާއީ އަށް ދެވޭނެ ކަމަށެވެ. ރިޝީގެ 67 ވަނަ އުފަން ދުވަސް ފާހަގަކުރާނީ ސެޕްޓެމްބަރު މަހުގެ 4 ގަ އެވެ.

"އެހެންވެ ވަރަށް އުންމީދު ކުރެވޭ މި ފަހަރު އުފަން ދުވަސް އާއިލާގެ މީހުންނާ އެކީ މުމްބާއީގައި ފާހަގަ ކުރެވޭނެ ކަމަށް. ފަރުވާގެ ކަންކަން މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު އިންޑިއާ އަހަރެން ދާނީ ސަތޭކަ ޕަސަންޓް ފިޓްވެގެން،" ރިޝީ ބުންޏެވެ.

ކެންސަރަށް ފަރުވާ ހޯދާކަން ކަށަވަރުކޮށް ދިނުމަށް ފަހު ދާދި ފަހުން އޭނާ ބުނީ މިހާރު ބަލިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށެވެ. އެކަމަކު އެމެރިކާގައި މަޑު ކުރަން ޖެހެނީ ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭތީ ކަމަށް ބުންޏެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ރިޝީ ފަރުވާ ހޯދަމުން އަންނަ އިރު އަންހެނުން އަދި ކުރީގެ ބަތަލާ ނީޓޫ އަކީ އޭނާއާ އަބަދު ވެސް އެންމެ ގާތުގައި ހުންނަ މީހާ އެވެ.

ކަަރަން ޖޯހަރު، ރިޝީ އާއި ނީޓޫއާ އެކު.

ދަރިންނާއި އާއިލާގެ އެކި މީހުން ދޭތެރެ ދޭތެެރެ އިން މިހާތަނަށް ރިޝީ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި މި ފަހުން އެމެރިކާ އަށް ދާ ބޮލީވުޑްގެ ކޮންމެ ފަންނާނަކު ރިޝީ އަށް ޒިޔާރަތްކޮށް އޭނާއާ އެކު ނަގާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ. ރިޝީ ގެ ފޮޓޯތައް އިންސްޓަގްރާމްގައި އެންމެ ގިނައިން ހިއްސާ ކުރާ މީހަކީ ނީޓޫ އެވެ.

ރިޝީ ފަރުވާ އަށް ފުރައިގެން ދިޔައީ ޗޫހީ ޗާވްލާއާ އެކު ކުޅޭ ފިލްމެއްގެ މަސައްކަތް ވެސް ފަށާފައި ވަނިކޮށެވެ. އެހެންވެ އޭނާ އެނބުރި އަންނަންދެން އޭގެ މަސައްކަތް ވަނީ މެދުކަނޑާލައިފަ އެވެ.