Roadha Mihaaru
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް

ކީމޯތެރަޕީގެ ވޭނާ އެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް

24 މެއި 2021

އަނބިމީހާ އަދި ބަތަލާ ކިރަން ކޭރްގެ ލޭގެ ކެންސަރަށް މިހާރު ކީމޯތެރަފޯ ފަރުވާ ހޯދަމުން އަންނަ އިރު އެކަން ވަރަށް އުނދަގޫ ކަމަށާއި އެކަމަކު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަނޫޕަމް ކޭރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަނބިމީހާ އަދި ބަތަލާ ކިރަން ކޭރްގެ ލޭގެ ކެންސަރަށް މިހާރު ކީމޯތެރަފޯ ފަރުވާ ހޯދަމުން އަންނަ އިރު އެކަން ވަރަށް އުނދަގޫ ކަމަށާއި އެކަމަކު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަނޫޕަމް ކޭރް ބުނެފި އެވެ.

ކިރަން، 68، އަށް ކެންސަރު ޖެހުނުކަން ހާމަކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

ބޮމްބޭ ޓައިމްސްއާ ވާހަކަ ދައްކަމުން އަނޫޕަމް ބުނީ ކީމޯތެރަޕީ ނަގާ ދުވަސްވަރު ކިރަން ވަރަށް ވޭނުގައި އުޅޭ ކަމަށާއި އެކަމާ ހުރެ ބައެއް ފަހަރު އޭނާގެ އުންމީދު ގެއްލޭ ފަހަރު ކުރިމަތިވާ ކަމަށެވެ.

"އެކަމަކު ކިރަން ބަލި ނަގަނީ ވަރަށް ޕޮޒިޓިވްކޮށް. ފަރުވާ ބަރާބަރަށް ކުރިއަށްދާ އިރު ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން. މިކަމާ ކިރަން ވަރަށް ކެތްތެރިކަމާ އެކު ކުރިމަތި އެބަލާ. އެހެންވީމާ އޭނަ ގަދެވެން އެނބުރި އަންނާނެ. އެ އުންމީދު މުޅި އާއިލާގެ ތެރޭގައި ވެސް އޮތީ،" އަނޫޕަމް ބުންޏެވެ.

އޭނާ ބުނީ ގޮތުގައި ކިރަން އަށް މި ދަނޑިވަޅުގައި ލިބޭ އެންމެ ބޮޑު ހިތްދަތި ކަމަކީ ކޮވިޑް-19 އާއި އެ ބަލީގެ ހާލަތު އޮތް ގޮތުން މިހާރު ބަޔަކާ ބައްދަލުކުރެވޭނެ ގޮތެއް ވެސް ނެތުން ކަމަށެވެ.

"އެކަމަކު އަބަދު ވެސް އަހަންނާއި އާއިލާގެ މީހުން ކިރަންއާ އެންމެ ގާތުގައި ތިބޭނެ. އަހަރެމެން ގަބޫލުކުރަނީ ފޭނުންގެ ހެޔޮދުއާ ވެސް ކިރަންއާ އެކު އަބަދު ވެސް ވާނެ ކަމަށް،" އަނޫމަޕް ބުންޏެވެ.

އޭނާ ބުނީ އަންހެނުންނަށް ކެންސަރު ޖެހުނު ވާހަކަ އެނގިގެން ހޮލީވުޑްގެ އެކުވެރިޔާ މަޝްހޫރު އެކްޓަރު ރޮބަޓް ޑި ނީރޯ ވެސް ވަރަށް ގިނައިން ގުޅައި، މެސެޖްކޮށް ކިރަންގެ ހާލަތާ ބެހޭ ގޮތުން ސުވާލުކުރާ ކަމަށެވެ.

"އެއީ ވެސް ހިތްވަރު ލިބޭ ކަމެއް،" ކިރަންގެ ބަލިވުމާއެކު ކުޅެމުން ދިޔަ އެމެރިކާގެ ޓިވީ ސިލްސިލާ "ނިއު އެމްސްޓަޑަން" ވެސް ދޫކޮށްލި އަނޫޕަމް ބުންޏެވެ.

ދާދި ފަހުން ކިރަން މަރުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާތީ އެކަމާ ވެސް އަނޫޕަމް ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ބުނީ ބައެއް މީޑިއާތަކުން ފަތުރާ އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކާ ހެދި އާއިލާ އަށް ވަރަށް ބޮޑު ނުތަނަވަސްކަން ކުރިމަތިވާ ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކިރަން އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ވެރިކަންކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ޗަންދީގަޅް ތަމްސީލުކުރާ މެމްބަރެކެވެ.