Roadha Mihaaru
ރިޝީ ކަޕޫރް މަރުވެއްޖެ

ރިޝީ ކަޕޫރް މަރުވެއްޖެ

30 އެޕްރީލް 2020

ކެންސަރަށް އެމެރިކާގައި އަހަރެއް ވަންދެން ފަރުވާ ހޯދި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ދެންމެ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެންސަރަށް އެމެރިކާގައި އަހަރެއް ވަންދެން ފަރުވާ ހޯދި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ދެންމެ މަރުވެއްޖެ އެވެ.

ރިޝީ މަރުވިއިރު، ކެންސަރު ބަލީގައި އިއްޔެ ވަނީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އިރްފާން ޚާން، 53، ވެސް މަރުވެފަ އެވެ.

ރިޝީ، 67، ގެ ބޭބެ ރަންދީރް ކަޕޫރް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ރިޝީ އެޑްމިޓްކުރީ އިއްޔެގެ ވަގުތެއްގައި ކަށެވެ.

ރިޝީ ކަޕޫރު މަރުވުމާ ގުޅިގެން އަމީތާބް ކުރި ޓުވީޓެއް

އެމެރިކާގެ ނިއު ޔޯކްގައި ކެންސަރަށް 2018 ގެ ސެޕްޓެމްބަރުގެ ފަހުކޮޅުން ފެށިގެން އަހަރެއް ވަންދެން ފަރުވާ ހޯދުމަށް ފަހު ރިޝީ އެނބުރި އިންޑިއާ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ދެ ފަހަރެއްގެ މަތިން އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ.

ރިޝީ މިދިޔަ އަހަރު އާއިލާއާއެކު ނިއު ޔޯކްގައި.

ރިޝީ މިދިޔަ އަހަރު އާއިލާއާއެކު ނިއު ޔޯކްގައި.

ރިޝީ ކެންސަރަށް ފަރުވާ ހޯދި ނަމަވެސް އޭނާ އާއި އާއިލާ އިން ބައްޔާ ބެހޭ ވަރަށް ގިނަ ކަންކަން ސިއްރުކުރާ ކަމަށް މީޑިއާތަކުން ތުހުމަތުކުރެ އެވެ. އަދި ރިޝީގެ ބައްޔާ ބެހޭ ގޮތުން ވާހަކަ ދައްކާ މީޑިއާތަކަށް އާއިލާ އިން ރައްދު ވެސް ދެ އެވެ.

އެމެރިކާގައި ފަރުވާ ހޯދުމަށް ފަހު، އިންޑިއާ އަށް ގޮސް، އެކްޓަރު ރަންބީރް ކަޕޫރްގެ ބައްޕަ ވަނީ ފިލްމީ މަސައްކަތްތަކަށް ވެސް ނުކުމެފަ އެވެ. އެގޮތުން އޭނާގެ އަތުގައި މިހާރު ވެސް ޝޫޓިން ފަށާފައި އޮތް ފިލްމެއް އެބަ އޮތެވެ. އެއީ ޖޫހީ ޗާވްލާއާ އެކު ކުޅޭ ކޮމެޑީ ފިލްމު "ޝަރުމާޖީ ނަމްކީން" އެވެ. މިއީ ބަތަލާ ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކެކެވެ.