Roadha Mihaaru
ފަނޑިޔާރުންނަށް ދެން އޮތްގޮތަކީ މަޑުން ތިބުން: ހާތިފް

އަމިއްލައަށް ފަނޑިޔާރުގެ އިސްލާހުކުރުމުގެ ފުރުސަތު ގެއްލިއްޖެ، ދެން އޮތް ގޮތަކީ މަޑުން ތިބުން: ހާތިފް

16 ޖޫން 2019

ފަނޑިޔާރުންނަށް، ފަނޑިޔާރުގެ އަމިއްލަ އަށް އިސްލާހުކުރަން ލިބުނު ފުރުސަތު ވަނީ ފާއިތުވެގޮސްފައި ކަމަށާއި މަޑުން ތިބުމަށްވުރެ އިތުރު ގޮތެއް ދެން ނެތް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަނޑިޔާރުންނަށް، ފަނޑިޔާރުގެ އަމިއްލަ އަށް އިސްލާހުކުރަން ލިބުނު ފުރުސަތު ވަނީ ފާއިތުވެގޮސްފައި ކަމަށާއި މަޑުން ތިބުމަށްވުރެ އިތުރު ގޮތެއް ދެން ނެތް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގައި މި ފަހުން ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ހާތިފް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު އެ މުހިއްމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ އިތުބާރު އޮތް މުއައްސަސާތަކަށް ކަމަށެވެ. އެހެންވެ އެ މަސައްކަތްތަކަށް އެއްބާރުލުމާއި މަދަދުވެރިކަން ދީގެން މަޑުން ތިބުމަށް ވުރެ، ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް އޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް، 2009 ވަނަ އަހަރު ސިވިލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ ރިފޯމް ކުުރުމުގެ ނަމުގައި ފޯރަމެއް ބާއްވައި އަމިއްލައަށް މަގު ޗާޓެއް އެކުލަވާލައި، ކުރިން ކަމުނުގޮސްގެން އުވާލި ޖުޑީޝަލް ކައުންސިލްގެ ނަމުގައި އާ ޖުޑީޝަލް ކައުންސިލެއް އުފައްދައި، ވުޖޫދުވި ޖުޑީޝަލް ކައުންސިލުން ފަނޑިޔާރުންގެ އާ ޖަމިއްޔާއެއް އުފެއްދުމަށް މަސައްކަތް ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެތައް އަހަރެއް ވަންދެން ނިދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާއެއް ސުވާލު އުފެދޭ ގޮތަށް ކުއްލިއަކަށް ހޭލާފައިވަނީ އަދުލުވެރިކަން ނުފެންނާތީ، އެކަން ހައްލުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަނިކޮށް ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އަދުލުވެރިކަން ފެނިގެންނުދާތީ އެވެ.

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ވަނީ މަގު ޗާޓެއް އެކުލަވާލައިފަ އެވެ. އެ ދާއިރާ އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި، އަގުހުރި ފުރުސަތަކީ އެ މަގުޗާޓު ކަމަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ކުރިން ވިދާޅުވެފަ އެވެ. އޭގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހަފުތާގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމައިފަ އެވެ.

އެ ފިޔަވަޅު އެޅީ އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން، ޖޭއެސްސީ އަށް އަންގާފައިވާތީ ކަމަށް އެ ކޮމިޝަނުން އޭރު ބުނެފައިވެ އެވެ. އޭގެ ކުރިން، މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވި އެވެ.