Roadha Mihaaru
މައްސަލަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން ގަލްފަށް

އީރާން މައްސަލަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން ގަލްފަށް

18 ޖޫން 2019

އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދިން މައްސަލަޔާއި ޔުރޭނިއަމް ފައްކާ ކުރުން އިތުރު ކުރި މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް އެމެރިކާގެ އިތުރު 1000 ސިފައިން މެދު އިރުމައްޗަށް ފޮނުވަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދިން މައްސަލަޔާއި ޔުރޭނިއަމް ފައްކާ ކުރުން އިތުރު ކުރި މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް އެމެރިކާގެ އިތުރު 1000 ސިފައިން މެދު އިރުމައްޗަށް ފޮނުވަން ނިންމައިފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕެޓްރިކް ޝަނާހަން ވިދާޅުވީ މެދު އިރުމައްޗަށް އިތުރު ސިފައިން ފޮނުވަނީ އީރާނުގެ ބާރުތަކުން އަދާވާތްތެރި އަމަލުތައް ހިންގާތީ ކަމަށެވެ.

ޓޭންކަރުތަކަށް ދިން ހަމަލާއަކީ އީރާނުގެ އަމަލެއްކަން ހާމަވާ ފޮޓޯތަކެއް ކަަމަށް ބުނެ އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އާ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.

އަނެއްކޮޅުން އީރާނުން ވަނީ ބޮޑެތި ބާރުތަކާ އެކު ސޮއިކޮށްފައިވާ މުއާހަދާއިން ހުއްދަކުރާ ވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރަން މަސައްކަތް ފަށައިފަ އެވެ. އެ މުއާހަދާއަށް އަމަލު ކުރުން ހުއްޓައިލިކަން ވެސް އެގައުމުން ވަނީ އިއުލާނުކޮށްފަ އެވެ.

އީރާނުން ބުނީ މުއާހަދާގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ފައްކާކޮށްފައިވާ ޔުރޭނިއަމް އިތުރުވާނީ ޖޫން 27 ގައި ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވީ އީރާނުގެ ބާރުތަކާއި އެގައުމަށް މަދަދުކުރާ ގްރޫޕްްތަކުން މެދު އިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށާއި އެމެރިކާގެ މަސްލަހަތުތަކަށް ނުރައްކާ ކުރަމުންދާ ކަމަށެވެ. ސިފައިން އިތުރު ކުރަން ޖެހުނީ އެހެންވެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު އިތުރު 1000 ސިފައިން ފޮނުވަން ނިންމުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ 1500 ސިފައިން މެދު އިރުމައްޗަށް ފޮނުވާނެކަން މިދިޔަ މޭމަހު އިއުލާނުކުރައްވައިފަ އެވެެ. އެ އަދަދާ އެކު އެމެރިކާއިން މެދު އިރުމަތީގައި ތިބޭ ސިފައިންގެ އަދަދު 2500 އަށް އަރާނެ އެވެ.