Roadha Mihaaru
އިންސާނީ ހައްގަށް އީރާނުން އިހުތިރާމްކުރަން ގޮވާލައިފި

އިންސާނީ ހައްގުތަކަށް އީރާނުން އިހުތިރާމް ކުރުމަށް އެމެރިކާ އިން ގޮވާލައިފި

09 އޯގަސްޓް 2016

ވޮޝިންޓަން (އޮގަސްޓް 9) - އިންސާނީ ހައްގުތަކަށް އީރާނުން އިހުތިރާމްކޮށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮގަސްޓް 9) - އިންސާނީ ހައްގުތަކަށް އީރާނުން އިހުތިރާމްކޮށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

ނަމަވެސް އެމެރިކާ އަށް ޖާސޫސްކޮށް ދިން ކަމަށް ބެލެވޭ އީރާނުގެ ނިއުކްލިއާ ސައެންސްވެރިޔާ އަށް ދިން މަރުގެ އަދަބު އެމެރިކާ އިން ކުށްވެރިކޮށްފައެއް ނުވެ އެވެ. ނިއުކްލިއާ ސައެންސްވެރިޔާ ޝަހުރާމް އާމިރީ، 39، ވަނީ 2010 ވަނަ އަހަރުން ފެށިގެން ގެއްލިފަ އެވެ. އެކަމަކު އީރާނުގެ ޝަރުއީ ދާއިރާގެ އޮފިޝަލަކު އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ އާމިރީ ވަނީ ދަންޖައްސާފައި ކަމަށެވެ. އެއީ އީރާނުގެ ޖާސޫސީ މައުލޫމާތު އަދާވާތްތެރިންނަށް ފޯރުކޮށްދީފައިވާތީ ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.

އާމިރީ ކުރިން ބުނެފައި ވަނީ އޭނާ ހައްޖަށް ގޮސް ހުއްޓާ ވަގަށް ނަގައިގެން އެމެރިކާ އިން ގެންދިޔައީ ކަމަށެވެ. އާމިރީ 2010 ވަނަ އަހަރު އީރާނަށް ދިޔުމުން ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. ފަހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

އީރާނުގެ ނިއުކްލިއާ ސައެންސްވެރިޔާ އެމެރިކާގައި އުޅުމަށް ފަހު 2010 ވަނަ އަހަރު ތެހެރާނަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔާފައިވޭ. --ފޮޓޯ:އޭއެފްޕީ

އީރާނުގެ ނިއުކްލިއާ ސައެންސްވެރިޔާ އެމެރިކާގައި އުޅުމަށް ފަހު 2010 ވަނަ އަހަރު ތެހެރާނަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔާފައިވޭ. --ފޮޓޯ:އޭއެފްޕީ

އީރާނުގެ ޖޫޑިޝަރީގެ ތަރުޖަމާން ގުލާމް ހުސައިން މުހްސިނީ ވިދާޅުވީ އާމިރީ އަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ވެސް އޭނާ އަށް ދިން ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރީ ސްޕްރީމް ކޯޓުން އަދަބު ދެމެހެއްޓުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން އެލިޒަބަތު ޓްރޫޑައު ވަނީ އާމިރީގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ގޮވާލަނީ އީރާނުން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ކަމަށެވެ.

"އިންސާނީ ހައްގުތަކަށް އީރާނުން އިހްތިރާމްކޮށް ހުރިހާ މައްސަލައެއް ވެސް ދެފުށް ފެންނަ ގޮތަށް އިންސާފުން ކުރިއަށް ގެންދަން އީރާނަށް ގޮވާލަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާން ވިދާޅުވި އެވެ. "އީރާނުގެ އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު އެމެރިކާ އިން ކަންބޮޑުވާކަން އެތައް ގޮތަކުން ވަނީ ހާމަކޮށްފައި."

އާމިރީގެ މައްޗަށް އީރާނުން އިންސާފުވެރި ޝަރީއަތެއްކުރި ކަމަށް ގަބޫލްކުރިތޯ ނޫސްވެރިން ސުވާލު ކުރުމުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އީރާނުގެ ޝަރުއީ ދާއިރާގެ ވަކި މައްސަލައަކާ ގުޅޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށާއި އިންސާފުން ހުރިހާ މައްސަލައެއް ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.