Roadha Mihaaru
ޖަލު ހަލަބޮލިކުރީ ސިޔާސީ ބޭނުމަކަށް ކަމުގެ ތުހުމަތު

ޖަލު ހަލަބޮލި ކޮށްލީ ސިޔާސީ ބޭނުމަކަށް ކަމަށް މިނިސްޓަރު ތުހުމަތުކުރައްވައިފި

22 ޖޫން 2019

މާފުށީ ޖަލު އިއްޔެ ހަލަބޮލިކޮށްލީ ސިޔާސީ ބޭނުމަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ތުހުމަތުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފުށީ ޖަލު އިއްޔެ ހަލަބޮލިކޮށްލީ ސިޔާސީ ބޭނުމަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ތުހުމަތުކުރައްވައިފި އެވެ.

ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެތަނުގެ އޮފިސަރުން ވަނީ ގައިދީން ފަހަތަށް ބިޑި އަޅުވައި ބޯ ބާލުވައި އަނިޔާކޮށްފައި ކަމަށް ވެ އެވެ. އަދި ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަ ސްޕެރޭ ޖަހާފައިވާ ކަމަށް ވެސް ވެ އެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ ކަމަށެވެ. އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަންސްގެ އޮފިސަރުން އެއްކިބާވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އެއީ އެއް ދުވަހުން، ދެ ދުވަހުން ބަދަލުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ގައިދީންނާ މެދު ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުން މި ސަރުކާރުން ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

ފުރިހަމަ ތަހުގީގަކާ ނުލައި ޖަލު އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވެސް މިިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޖަލުގެ ހާލަތު ދެނެގަތުމަށް އޮޑިޓެއް ހަދައިފަ އެވެ. ރާއްޖޭގައި މި ވަގުތު ހުރި ޖަލުތަކާއި މީހުން ބަންދުކުރާ ތަންތަނުގެ ތަފްސީލު އެނގިގެންދާ 290 ސޮފްހާގެ ރިޕޯޓު މިދިޔަ މެއި މަހު ވަނީ ނެރެފަ އެވެ. އަދި އޭގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް މިނިސްޓްރީން ވަނީ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.