Roadha Mihaaru
ފުރަތަމަ މެޗުން މިސްރު މޮޅުވެއްޖެ

ފުރަތަމަ މެޗުން މިސްރު މޮޅުވެއްޖެ

22 ޖޫން 2019

ގާހިރާ، މިސްރު (ޖޫން 22) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ރޭ ޒިމްބާބްވޭގެ މައްޗަށް 1-0 އިން ކުރިހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރުން ފެށުން ރަނގަޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖޫން 22) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ރޭ ޒިމްބާބްވޭގެ މައްޗަށް 1-0 އިން ކުރިހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރުން ފެށުން ރަނގަޅުކޮށްފި އެވެ.

ކުރިން ކެމަރޫންގައި ބާއްވާގޮތަށް ހަމަޖެހިފައި އޮތް މި މުބާރާތް އެ ގައުމު އަތުން މިދިޔަ ޑިސެމްބަރު މަހު ނެގީ ތައްޔާރީތައް ލަސްވުމުންނެވެ. އެ އަށް ފަހު މިސްރުގައި މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ދިންއިރު، ރޭ 75،000 މީހުންގެ ޖާގަ އޮންނަ ކެއިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށުމުގެ ކުރިން ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފްގެ 41 ވަނަ މިނިޓްގައި ކާމިޔާބުކުރީ މަހުމޫދު ޓްރެޒެގޭ އެވެ. ކުރިން އެންޑަލެކްޓަށް ކުޅުނު ފޯވާޑް ޓްރެޒެގޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މިސްރަށް ކުޅޭ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ދެ ވަނަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. އެކަމަކު ސަލާހު ފޮނުވާލި ބޯޅަ ޒިމްބާބްވޭގެ ކީޕަރު އެޑްމޯ ސިބަންޑާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި ވެސް ސަލާހު ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ހަތް ފަހަރެއްގެ މަތިން އުފުލާލައި އެންމެ ފަހުން ކުޅުނު މުބާރާތުގެ ރަނަރަޕް މިސްރަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ.

މިސްރުގެ އެސިސްޓަންޓް ކޯޗު ހާނީ ރަމްޒީ ބުނީ ފުރަތަމަ މެޗަށް ވުމުން އުނދަގޫތަކެއް ހުރި ކަމަށާއި އެހެން ނަމަވެސް ފޯކަސް އަކީ ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

މިއީ އެފްރިކަން ކަޕްގެ ތާރީހީ މުބާރާތެކެވެ. ފުރަތަމަ ފަހަރަށް 24 ޓީމާ އެކު މި މުބާރާތް ކުރިއަށްދާއިރު، މިއީ ޖޫން މަހު މި މުބާރާރް ކުޅޭ ފުރަަތަމަ ފަހަރު ވެސް މެ އެވެ. ކުރިން އަހަރު ކުރީކޮޅުގައި ތާވަލުކޮށްފައި އޮންނަ މި މުބާރާތް މެދުތެރެއަށް ޖެއްސުމުގެ އެއްބޮޑު ސަބަބަކީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރެއިން މި މުބާރާތް އޮންނާތީ ކްލަބްތަކަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.