ރާއްޖޭގައި ފަނޑިޔާރަކު އިސްތިއުފާ ދެއްވަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާނެ ސަބަބެއް ދުވަހަކު ވެސް މެދުވެރިވެދާނެ ކަމަކަށް ނުދެކެމެވެ. މިހެން ބުނީމާ މި ދައްކަނީ ކޮން ވާހަކައެއްކަން އެނގޭ ދޯ އެވެ. ފެށުނު ހިސާބުން ލަދު ހުތުރު މަންޒަރެއް ސިފަކޮށްދެވުނީތީ މާފަށް އެދެމެވެ.
23 ޖޫން 2019
ރާއްޖޭގައި ފަނޑިޔާރަކު އިސްތިއުފާ ދެއްވަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާނެ ސަބަބެއް ދުވަހަކު ވެސް މެދުވެރިވެދާނެ ކަމަކަށް ނުދެކެމެވެ. މިހެން ބުނީމާ މި ދައްކަނީ ކޮން ވާހަކައެއްކަން އެނގޭ ދޯ އެވެ. ފެށުނު ހިސާބުން ލަދު ހުތުރު މަންޒަރެއް ސިފަކޮށްދެވުނީތީ މާފަށް އެދެމެވެ.
މި ދައްކަނީ ފަނޑިޔާރުންގެ ވާހަކަ އެވެ. ދައުލަތެއްގައި، ނަޒާހަތްރެރިކަމާއި ރައްޔިތުންގެ އިތުބާރު، އެހެން އެއްވެސް މަގާމެއްގައި ނޯންނަ ދަރަޖައަކަށް ފަނޑިޔާރުންގެ ކިބައިގައި އޮންނަން ޖެހެ އެވެ. އިންސާފު ގާއިމުކޮށްދޭން ތިބި ބަޔަކީ އެއީ ކަމަށް ވާތީ އާންމުކޮށް އެ ބޭފުޅުންނާ މެދު ރައްޔިތުން ދެކޭ ގޮތުގައި ކިލަނބުކަމެއް އުފެއްދިއްޖެ ނަމަ އެ ހިސާބުން، އަދުލު އިންސާފުގެ ދާއިރާ އަށް އިތުބާރު އުފެއްދުމުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހެ އެވެ.
އެކަމަކު ރާއްޖޭގައި ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ތިލަ ނުވާ ކަމެއް ނެތެވެ. ނަހަމަ ޖިންސީ އަމަލުތަކާއި ފުރައްސާރަ އާއި ކޮރަޕްޝަނާއި ފަސާދަ އާއި ގާނޫނުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފް ކަންކަަމެވެ. އެކަމަކު އެފަދަ ކަމަކާ ގުޅިގެން އިސްތިއުފާ ދެއްވި ފަނޑިޔާރަކު ނެތެވެ. ފެންނަނީ އޭގެ އިދިކޮޅެވެ. ފާޅުކަން ބޮޑު ގޮތުގައި ފެންނަން ހުރި ކަންކަމުގައި ވެސް ގަދަ ބަސް ވިދާޅުވެ، ހެއްކެއް ނުދެއްކޭނޭ، ސާބިތެއް ނުވާނޭ ވިދާޅުވެ ދިފާއުގައި ނުކުރައްވާކަށް ކަމެއް ނޯންނާނެ އެވެ. އިސްތިއުފާ ދެއްވައިފިއްޔާ ފަހަރެއްގައި ވެސް މީހަކު ރަނގަޅޭ ބުނެފާނެތީ ކަންނޭނގެ އެވެ.
މިއީ އަޖައިބުވެ އަންތަރީސްވާ ވަރުގެ ވާހަކަ އެވެ. މީހެއްގެ އަދުލުވެރިކަން ގެއްލޭ ގޮތާއި އަދާކުރައްވާ ޒިންމާގެ ބޮޑުކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭ ފަނޑިޔާރުން، ކުށެއް ސާބިތު ނުވާހާ ހިނދަކު ފިޔަވަޅެއް ނޭޅޭނޭ މަގާމުގައި ތިބެވެން ޖެހޭނޭ ވިދާޅުވާ ނަމަ އަދުލު އިންސާފުގެ ދާއިރާގެ މިސްރާބު ހުރީ ފަސާދައިގެ ތެރެއަށް ކަމަށް ނިންމަން ފަސްޖެހޭނެ ކަމެއް ނެތެވެ. ފަނޑިޔާރަކު އިސްތިއުފާ ދެއްވަން ޖެހޭނީ ކުށެއް ސާބިތުވާ ކަމަށް ތިން މަރުހަލާގެ ކޯޓުތަކުން ވެސް ނިންމީމާ ކަމަށް ގަބޫލުކުރެވޭ ނަމަ ފަނޑިޔާރުންގެ ޝަރުތު ކަނޑައަޅާ ގޮތް ވެސް ބަދަލުކޮށްލަން ފެނެ އެވެ. އާދައިގެ އެހެން ވަޒީފާތަކެކޭ ފަނޑިޔާރުންނެކޭ ވަކި ތަފާތެއް ކުރާނެ ކަމެއް ނެތެވެ.
ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭނީ ކުށްވެރިޔަކަށް ވާ ހިސާބުން ކަމަށް ގަބޫލުކުރައްވާ ނަމަ، އިތުބާރުގެ ކަންފުޅެއް ނެތަސް މަގާމުގައި ދެމި ތިއްބަވާށެވެ. މީހުން ކިޔާ އެއްޗެއް ކިޔައިފާނެތާ އެވެ. ފަހު ވަގުތާ ހަމަޔަށް ވެސް ގަދަކަން ދައްކަވާށެވެ. ނަމަނަމަ އިސްތިއުފާ ނުދެއްވާށެވެ.
މީހަކާ ދިމާލަށް ބުނެވޭ ބަހަކުން، ފޯނުން ފެންނަ ނުރަނގަޅު ފޮޓޯއެއްގެ ސަބަބުން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެކަމަކު ސާބިތުވުމާ ގާތް ވެސް ނުވާ ކަންކަމުގެ ސަބަބުން އެހެން ގައުމުތަކުގައި ފަނޑިޔާރުން އިސްތިއުފާ އެ ދެއްވަނީ ސަބަބުތަކެއް ހުރީމަ އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވާފައި އެ ވަޑައިގަންނަވަނީ ކޮންމެވެސް އެ ތުހުމަތުކުރެވުނު ކަމެއް ސާބިތު ވާތީއެއް ނޫނެވެ. ނުވަތަ ސާބިތު ވެދާނެތީއެއް ވެސް ނޫނެވެ. އެ ދިމާވި ކަމަކީ އެއްވެސް އަސްލެއް ނެތް ކަމަކަށް ވިޔަސް އާންމުން އެ ބޭފުޅަކާ މެދު ޝައްކު ކުރާނެތީ، އެ ހިސާބުން ފަނޑިޔާރެއްގެ އެންމެ މުހިންމު ސިފަ ގެއްލޭތީ އެވެ. އެއީ އަދުލުވެރިކަމާ މެދު ސުވާލު ކުރެވޭނެ ސަބަބެއް ފެންމަތިވާތީ އެވެ. ރައްޔިތުން ޝައްކު ކުރާއިރު ފަނޑިޔާރެކޭ ކިޔައިގެން ހުކުމް ކުރައްވަން އިންނަވަން އެ ބޭފުޅުން ބޭނުންފުޅު ނުވާތީ އެވެ.
ފަނޑިޔާރަކަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ރާއްޖޭގައި ނަމަ ކިތަންމެ ބޮޑު ކުށްވެރިއަކާ ވެސް ނުވަތަ ސީރިއަސް ތުހުމަތުކުރެވޭ މީހަކާ ވެސް ފަނޑިޔާރުން ގުޅުން ބާއްވަންވީ އެވެ. އެ މީސް މީހުން އަތުން ފައިސާ އަށް ސަލާން ޖަހައި އެ މީހުން މެދުވެރިކޮށް އަނބިދަރިންނަށް ވަޒީފާ ވެސް ހޯދަންވީ އެވެ. ދެން ވިދާޅުވާނީ އެކަން އެހެން އޮތަސް ކުރި ހުކުމަކަށް އެކަމުން އަސަރެއް ކޮށްފައި ނުވާނެ ކަމަށާއި ރިޝްވަތެއް ނާޖާއިޒު މަންފާއެއް ވެސް ހޯދާފައި ނުވާނެ ކަމަށެވެ. އާއެކެވެ. އާއެކެވެ. ތިޔަ ވިދާޅުވާ ގޮތަށް އެއީ ރިޝްވަތެއް ވެސް ނުފޫޒެއް ވެސް ނޫން ކަމަށް މި ބެލީ އެވެ. ކުށެއް ވެސް ނޫން ކަމަށް ބަލައިފީމެވެ. އެކަމަކު މި ދަރަޖަ އަށް ކަންކަން ހިނގާފައިވާ ކަމަށް، ޖިނާއީ މިންގަނޑުން ސާބިތު ނުވިއެއް ކަމަކު އިންސާނީ ހަމަ ވިސްނުމަށް ގަބޫލުކުރެވޭ ހިސާބަށް ކަންކަން ފެނުނީމާ އިތުބާރު ކުރާނީ ކާކު ހެއްޔެވެ؟ އެންމެ އަރިސް ދެތިން ހަތަރު މީހަކު ނުވަތަ މަންފާތަކެއް ލިބުނު ބަޔަކު ގަބޫލު ކޮށްފާނެ އެވެ. ރައްޔިތުން ގޮވާނީ އަދުލުވެރި ނޫން ކަމަށެވެ.
ރައްޔިތުންގެ އިތުބާރު އެންމެ މަތީ ދަރަޖަ އަށް އޮންނަން ޖެހޭ މަގާމެއްގައި ހުންނަވާ އެއްވެސް ބޭފުޅަކު އެ ބޭފުޅަކާ މެދު ޝައްކެއް އުފެދޭ ކަމެއް މެދުވެރިވެއްޖެ ނަމަ މަގާމުގައި ހުންނަވައިގެން ނުވާނެ އެވެ. ފަނޑިޔާރުންގެ ވާހަކަ މި ދައްކަނީ މި ވަގުތު އެއަށް ވުރެ ބޮޑު ވާހަކައެއް ނެތީމަ އެވެ. އެއަަށް ވުރެ މުހިންމު ކަމެއް ވެސް ނެތީމަ އެވެ.
ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭނީ ކުށްވެރިޔަކަށް ވާ ހިސާބުން ކަމަށް ގަބޫލުކުރައްވާ ނަމަ، އިތުބާރުގެ ކަންފުޅެއް ނެތަސް މަގާމުގައި ދެމި ތިއްބަވާށެވެ. މީހުން ކިޔާ އެއްޗެއް ކިޔައިފާނެތާ އެވެ. ފަހު ވަގުތާ ހަމަޔަށް ވެސް ގަދަކަން ދައްކަވާށެވެ. ނަމަނަމަ އިސްތިއުފާ ނުދެއްވާށެވެ.
ފަނޑިޔާރު އަރީފު ވެސް ޖެހޭނީ ވަކިކުރަން!
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"