Roadha Mihaaru
އިސްލާހުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ޝިދާތާ

ކަންކަން އިސްލާހުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޝިދާތާ

18 ޖެނުއަރީ 2020

އިސްތިއުފާ އަށް ގޮވުމުން ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ކަންކަން އިސްލާހު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްތިއުފާ އަށް ގޮވުމުން ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ކަންކަން އިސްލާހު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގިނަ ބަޔަކު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުން ދާތީ އެކަމަށް ރައްދު ދެއްވައި ޝިދާތާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކާއި ހޯއްދެވުނު ކާމިޔާބީތައް ވަރަށް ގިނަ ކަމަށެވެ. ފެއިލްވެއްޖެކަން ސާބިތުކޮށްދީފި ނަމަ އިސްތިއުފާ ދެއްވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަންކަން އިސްލާހު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް އެބައޮތް... އިސްތިއުފާ އަށް ގޮވުމަކުން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީ ސަރަހައްދަށް އެއްވެ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. މިނިސްޓަރު ވެސް އެ ސަރަހައްދަށް އިއްޔެ ވަޑައިގަތެވެ.

ރަކީދޫގައި މަންމައެއްގެ އަނިޔާގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލް މައްސަލާގައި ޝިދާތާގެ އިހުމާލު އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އޭނާ މިއަދު ރައްދު ދެއްވި އެވެ. ޝިދާތާ ވިދާޅުވީ އެ ވާހަކަ ދެކެވެން ފެށީ ސިޔާސީ މަސައްކަތުގައި އުޅުއްވަން ފެއްޓެވުމުން ކަމަށެވެ. އެފަދަ އިހުމާލެއް އޮތް ނަމަ ނިމިދިޔަ ސަރުކާރުން އޭނާއާ ދޭތެރޭ ފިޔަވަޅު ނާޅާ ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖެންޑާ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖެންޑާ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނޫސްވެރިއަކު ދެންނެވުމުން ޝިދާތާ ވިދާޅުވީ ކުރިން ރާއްޖެ އޮތީ ސިޔާސީ ހަލަބޮލިތަކުގެ ތެރޭގައި ކަމަށާއި އަސްލު މައްސަލަތަކުގެ ވާހަކަ އޭރު ނުދެކެވޭ ކަމަށެވެ.

މިސަރުކާރު އައުމާއެކު އެ ވާހަކަތައް ދެކެވެން ފަށައި މައްސަލަތައް ހައްލު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސަރުކާރަށް ހޯދުނު ކާމިޔާބީތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ފާސްނުކުރެވި 12 އަހަރުވެފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނު ފާސް ކުރުމެވެ.

"ބަލާބަޔަކަށް ފެންނަނީ މިސަރުކާރު ފެއިލްވެފައިވާ މަންޒަރެއް ނޫން. އެކަށީގެންވާ ފިޔަވަޅުތައް އަޅާ މަންޒަރު،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން އެކުގައި މަސައްކަތްކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެކަން ރިޕޯޓްކުރިތާ ދެ ގަޑިއިރު ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.