Roadha Mihaaru
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި

ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި

27 ޖޫން 2019

ވިންޑޯޒް ފޯނުތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެއިރު މައިކްރޮސޮފްޓް ހިންގަން ތިބި މީހުން ކަމަށް ދޭހަވާ ގޮތަށް، ކުންފުނީގެ ބާނީ ބިލް ގޭޓްސް ވާހަކަދައްކަވައިފި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުޅި ހަޔާތުގައި ވެސް ހެއްދެވުނު އެންމެ ބޮޑު ގޯހެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް ފޯނުތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެއިރު މައިކްރޮސޮފްޓް ހިންގަން ތިބި މީހުން ކަމަށް ދޭހަވާ ގޮތަށް، ކުންފުނީގެ ބާނީ ބިލް ގޭޓްސް ވާހަކަދައްކަވައިފި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުޅި ހަޔާތުގައި ވެސް ހެއްދެވުނު އެންމެ ބޮޑު ގޯހެވެ.

ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓަށް ކުރިއެރުން ނުލިބުނީ ބޮޑާވުމުގެ ސަބަބުންނެވެ. ތަނަވަސްވެފައި ހުރި ފުރުސަތުތަކުގެ މައްޗަށް ފަޚުރުވެރިވެ، އެ މީހުން ނޫން ބަޔަކަށް ކަމެއް ނުކުރެވޭނެ ކަމަށް ގަބޫލުކުރުމެވެ.

އެޕަލްއިން 2007 ގައި އައިފޯން ތައާރުފުކުރުމުން، މައިކްރޮސޮފްޓްގައި އެއިރު ހުންނެވި ސީއީއޯ، ސްޓީވް ބޯލްމާ ކުރެއްވީ މަލާމާތެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އައިފޯނަކީ އެކަކު ވެސް ބޭނުންކުރާނެ ފޯނެއް ނޫނެވެ. އަދި ވިޔަފާރިވެރިންނަށް އެއްގޮތަކަށް ވެސް ކަމުދާ އާލާތަކަށް ނުވާނެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އައިފޯނުގައި "ފިޒިކަލް" ކީބޯޑެއް ނެތުމެވެ.

މައިކްރޮސޮފްޓުން އެޕަލް އަށް ބަހުގެ ހަމަލާތައް ދިނުމުގައި އުޅެނިކޮށް، ފުރުސަތުގެ ބޭނުންހިފައި ގޫގުލް އިން ސްމާޓްފޯން މާކެޓަށް އެންޑްއިޑް ތައާރުފުކުރި އެވެ. އަދި އެޕަލް އިން ތައާރުފުކުރި "މަލްޓި ޓަޗް"ގެ ބޭނުންހިފައި، މާކެޓްގައި ފެތުރިގަތެވެ. ބިލް ގޭޓްސް ވިދާޅުވި ގޮތުގައި، މައިކްރޮސޮފްޓަށް ފުރުސަތު ގެއްލުނު ހިސާބަކީ މި އެވެ.

ބިލް ގޭޓްސްގެ ވާހަކަތަކަށް ވިސްނާލުމުން ދޭހަވަނީ، އެންޑްރޮއިޑްގެ ކުރިއެރުމަކީ މައިކްރޮސޮފްޓަށް ބޮޑު ހިތާމައެއް ކަމެވެ. ވިންޑޯޒް އަދި އޮފީސް ޕެކޭޖްތައް އެހާ ކާމިޔާބުއިރު، ސްމާޓްފޯން މާކެޓް ގެއްލިގެން ދިއުމަކީ ހިތްދަތި ތަޖުރިބާއެއް ކަމަށް ގޭޓްސް ވިދާޅުވި އެވެ.

ސްމާޓްފޯން މާކެޓް މިހާރު ސިފަވެފައި އޮތް ގޮތަށް ބަލައި، މައިކްރޮސޮފްޓަށް ކާމިޔާބުނުވީ މިހެންވެޔޭ ފަސޭހަކަމާ އެކު ކޮންމެ މީހަކަށް ވެސް ބުނެލަން ކެރެ އެވެ. އެޕަލް ތައާރުފުކުރި ފީޗާތައް ވިންޑޯޒް ފޯނުތަކުގައި ހިމަނައި، އެޕަލްއާ އެކު ވާދަވެރި މާކެޓަށް ނިކުތް ނަމަ، އެންޑްރޮއިޑް ފޯނުތަކަށް ވަކި ކުރިއެރުމެއް ނުލިބުނީހެވެ.