Roadha Mihaaru
ވަރުގަދަ މެޗުތަކަށް ދަ ގްރާންޑޭ ރަނގަޅު ރޫހެއްގައި

ވަރުގަދަ މެޗުތަކަށް ދަ ގްރާންޑޭ ރަނގަޅު ރޫހެއްގައި

01 ޖުލައި 2019

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުރިއަށް ހުރި ވަރުގަދަ މެޗުތަކަށް ނުކުންނައިރު މިއީ ހިތްވަރެއް ކަމަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލީގުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ފ. ނިލަންދޫއާ ވާދަކޮށް 2-0 އިންނެވެ. ދެ ވަނަ މެޗުގައި ށ. ފޯކައިދޫ އަތުން މޮޅުވީ 2-1 އިންނެވެ. ތިން ވަނަ މެޗުގައި ޒުވާން ކުޅުންތެރިންތަކަކާ އެކު އޮތް ވިކްޓްރީގެ މައްޗަށް ކުރި ހޯދީ 4-0 އިންނެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި އިއްޔެ ހަވީރު ވަނީ ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ.

ދަ ގްރާންޑޭ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ކްލަބް އީގަލްސް އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

ދަ ގްރާންޑޭގެ ކޯޗު އިންމަ ބުނީ ކުރިއަށް ހުރި މެޗުތަކަށް ދާއިރު އިއްޔެ ޔުނައިޓެޑް ވިކްޓްރީ އަތުން ލިބުނީ މުހިއްމު މޮޅެއް ކަމަށެވެ.

"ވަރަށް މުހިއްމު ތިން ޕޮއިންޓް މިއީ. ހުރިހާ ކްރެޑިޓެއް ކުޅުންތެރިންނަށް. މި ދަނޑިވަޅުގައި ބްރޭކަށް ދިއުމުގެ ކުރިން އެއް މެޗު އެބައިން. އޭގެ އަށް ދާއިރު މި ކުޅުންތެރިން މި ފޯމުގައި ތިބުމަކީ ހިތްހަމަ ޖެހުމެއް،" ކުރިން މާޒިޔާގެ ކޯޗަކަށް މަސައްކަތްކުރި އިންމަ ބުންޏެވެ.

ދަ ގްރާންޑޭގެ ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ފައިސަލް: އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަ ގްރާންޑޭގެ ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ފައިސަލް: އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ބަލާއިރު ލީޑަރުންގެ ގޮތުގައި ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ފުލްބެކް އަދި ދަ ގްރާންޑޭގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އެވެ.

ލީގުގައި ދަ ގްރާންޑޭ އަށް ދެން އޮތް މެޗުތަކަށް ބަލާއިރު ބްރޭކުގެ ކުރިން އަންނަ ބުރާސްފަތި ދުވަހުގެރޭ ދަ ގްރާންޑޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ބްރޭކަށް ފަހު ދެން މި ބުރުގައި އެ ޓީމަށް ދެން އޮތް މެޗުތަކަކީ މާޒިޔާ، އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ވަރަށް މުހިއްމު ކަމެއް މި މެންޓަލިޓީގައި ކުރިއަށްދިއުން. އަޅުގަނޑުމެންގެ ކްލަބަކީ މި ލެވެލަށް އާ ކްލަބެއް. ކުޅުންތެރިންގެ ގޮތުން އާ ނުވި ނަމަވެސް. އަޅުގަނޑުމެން މި ވިނިން މެންޓަލިޓީގައި ތިބޭނެ މި ކަހަލަ ނަތީޖާތަށް އަންނާތީ،" އިންމަ ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އިންމަ ބުނީ ކުޅެވުނު މެޗުތަކުގައި ނަތީޖާ ނެރެވުނު ނަމަވެސް ކުޅުމަށް ބަލާއިރު ބައެއް މެޗުތައް ގޯސްކޮށްދިޔަ ކަމަށެވެ. އެކަަމަކު އެންމެ މުހިއްމީ ތިން ޕޮއިންޓް ހޯދުން ކަމަށާއި އެކަމަށް ފޯކަސްކޮށް ކުޅުންތެރިންކުރާ މަސައްކަތް ފާހަގަކުރާކަމަށް ބުންޏެވެ.

"ބައެއް ދުވަސް ދުވަހު އެހާ ރަނގަޅެއް ނޫން ޕާފޯމަންސް (ކުޅުން). މީގެ އަޅުގަނޑުމެންގެ ޕްލޭޔަރުން ރިޒަލްޓް އެބަނެރޭ. އެއީ ހިތްހަމަޖެހުމެއް." އިންމަ ބުންޏެވެ.