Roadha Mihaaru
އަންހެނުންގެ "ލެގް ފެޓް" އަކީ މައްސަލައެއް ނޫން

އަންހެނުންގެ "ލެގް ފެޓް" އަކީ މައްސަލައެއް ނޫން

04 ޖުލައި 2019

ތިއީ ފައިގެ ފަލަމަސްގަނޑު ފަލަވެގެން ކަންބޮޑުވާ މީހެއް ހެއްޔެވެ؟ ފަހަރުގައި ފައިގެ ބައްޓަން ރީތިކޮށް ހުންނަން ބޭނުންވާ މީހަކަށް، ފައިގެ މަސްތައް ގިނަވުމަކީ މައްސަލައަކަށް ވެދާނެ އެވެ. އެކަމަކު ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހަކަށް އެކަން މާ ބޮޑު ކަމަކަށް ނުވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިއީ ފައިގެ ފަލަމަސްގަނޑު ފަލަވެގެން ކަންބޮޑުވާ މީހެއް ހެއްޔެވެ؟ ފަހަރުގައި ފައިގެ ބައްޓަން ރީތިކޮށް ހުންނަން ބޭނުންވާ މީހަކަށް، ފައިގެ މަސްތައް ގިނަވުމަކީ މައްސަލައަކަށް ވެދާނެ އެވެ. އެކަމަކު ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހަކަށް އެކަން މާ ބޮޑު ކަމަކަށް ނުވެދާނެ އެވެ.

އާ ދިރާސާއެއްގައި ވެސް ބުނާ ގޮތުން އަންހެނުންގެ "ލެގް ފެޓް" އަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އެއީ ސިއްހީ ގޮތުން ވެސް މާ ބޮޑު މައްސަލައަކަށް ނުވުމެވެ. ދިރާސާގައި ދޭ އިރުޝާދަކީ މިއެވެ؛ "ލެގް ފެޓް" އާ މެދު ފިކުރު ކުރުން ހުއްޓާލައި ބަނޑުގައި ޖަހާފައި ހުންނަ "ބެލީ ފެޓް" ވިރުވައިލާށެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގާއި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ބަނޑުގައި ޖަހާފައި ހުންނަ މަސްތަކާ އެކު "އެޕަލް-ޝޭޕްޑް" މީހުން ބަލަންވީ "ޕެއާ-ޝޭޕްޑް" އަށް ބަދަލުވޭތޯ އެވެ. ސަބަބަކީ ބަނޑުގެ ފެޓްތައް ގިނަވުމަކީ ހިތުގެ ބަލިތަކާއި ހަކުރުބައްޔަށް ހުށަހެޅުމަށް މަގުފަހިވާ ކަމަކަށްވުމެވެ. އަދި މިކަމުގެ ސަބަބުން ސްޓޯރަކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

"ބަނޑުގެ ފެޓްތައް ގިނަ މީހުންނަކީ އުނަގަނޑާއި ފައިގެ ފަލަމަސްގަނޑުގެ ފެޓްތައް ގިނަ މީހުންނާ އަޅާކިޔާ އިރު ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ތިންގުނަ ބޮޑު މީހުން،" ދިރާސާގައި ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބަނޑުގައި އުފައްދާ ފެޓްގެ ބާވަތެއް ކަމަށްވާ ވިސެރޯލްއަކީ ޓައިޕް2 ޑައިބެޓީޒް އާއި ހިތުގެ މައްސަލަތައް މަގުފަހި ކުރުވާ އެއްޗެކެވެ.

ބަނޑުގެ ފެޓްތަކުން ސިއްހަތަށް ނުރައްކާވާކަން ދިރާސާ އިން ދެއްކި ނަމަވެސް "ލެގް ފެޓް" މައްސަލައަކަށް ނުވާ ސީދާ ސަބަބެއް ދިރާސާގައި ހޯދިފައެއް ނުވެ އެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން އިތުރު ދިރާސާތަކެއް ހަދަން ވަނީ ނިންމައިފަ އެވެ.

"ދިރާސާ ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ ހަށިގަނޑުގައި ފެޓްތައް ރައްކާކުރާ ތަނެއްގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމާ ޝައުގުވެރި ގުޅުމެއް ހުރިކަން ހާމަކޮށް ދިނުން،" ދިރާސާ އަށް އިޝާރާތް ކުރައްވައި ބްރިޓިޝް ހާޓް ފައުންޑޭޝަންގެ އެސޯސިއޭޓް މެޑިކަލް ޑިރެކްޓަރު ޑރ. ސޯނިއާ ބާބޫ ނާރަޔަން ވިދާޅުވި އެވެ. "އެހެންވެ މިއީ އިތުރަށް ހޯދަން ޖެހޭ ކަމެއް. އިތުރު ދިރާސާތަކެއް ހަދަން އެބަ ޖެހޭ."

ބަނޑުގެ ފެޓް ގިނަވުމަކީ ސިއްހީ މައްސަލަތައް ކުރިމަތި ވާނެ ކަމެއް.

ބަނޑުގެ ފެޓް ގިނަވުމަކީ ސިއްހީ މައްސަލަތައް ކުރިމަތި ވާނެ ކަމެއް.

އެމެރިކާގެ އަލްބަޓް އައިސްޓައިން ކޮލެޖް އޮފް މެޑިސިންގެ ޕްރޮފެސަރު ގިންބިން ގީ ވިދާޅުވީ އުމުރާ އެކަށީގެންވާ ވަރުގެ ދުޅަހެޔޮ ބަރުދަނެއްގައި އަންހެނަކު ހުއްޓަސް، ދިރާސާ އިން ދޭ ހިތްވަރަކީ "އެޕަލް ޝޭޕުން ޕެއާ ޝޭޕަށް" ބަދަލުވުމުގެ މުހިއްމުކަން ބޮޑު ކަމެވެ.

"މިއީ ވަކި ކަހަލަ ޑައިޓެއް ނުވަތަ ކަސްތަރެއްގެ ސަބަބުން ފެޓް ރިލޮކޭޓްވެގެން ދިމާވާ ކަމެއްތޯ ބެލުން ވަރަށް މުހިއްމު. އުންމީދު ކުރެވޭ ޖަވާބު ނުލިބި ހުރި ސުވާލުތަކަށް އަހަރެމެން އިތުރަށް މިކުރާ މަސައްކަތުން ވަރަށް އަވަހަށް ޖަވާބު ހޯދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.