Roadha Mihaaru
އައްޑޫ އާ ހޮސްޕިޓަލްގެ ތައްޔާރީތައް އަމީން ބައްލަވާލައިފި

އައްޑޫ އާ ހޮސްޕިޓަލްގެ ތައްޔާރީތައް ހެލްތު މިނިސްޓަރު ބައްލަވާލައްވައިފި

14 ޑިސެމްބަރ 2019

ބައެއް ހިދުމަތްތަކާ އެކު އައްޑޫގެ އާ ހޮސްޕިޓަލްގެ ހިދުމަތްތައް މާދަމާ އާންމުކޮށް ދޭން ފަށަން ނިންމާފައިވާތީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބައްލަވާލައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް ހިދުމަތްތަކާ އެކު އައްޑޫގެ އާ ހޮސްޕިޓަލްގެ ހިދުމަތްތައް މާދަމާ އާންމުކޮށް ދޭން ފަށަން ނިންމާފައިވާތީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބައްލަވާލައްވައިފި އެވެ.

އައްޑޫގައި ހެދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މިއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި ސަރުކާރުން ހުޅުވާ ރާއްޖޭގެ ދެވަނަ ޓާޝަރީ ހޮސްޕިޓަލެވެ.

ސަތޭކަ އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އައްޑޫ އާ ހޮސްޕިޓަލުން މާދަމާ ހިދުމަތްދޭން ފަށާ އިރު، ފުރަތަމަ ދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އޯޕީޑީ، ލެބޯޓަރީ، އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ހިދުމަތެވެ.

މި ހޮސްޕިޓަލަކީ ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ ހިދުމަތްތަކެއް ތައާރަފުވެގެން ދާނެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫއަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ ހަދައިފަ އެވެ.

ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.

އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލްގެ ނަން ދޭން ނިންމާފައިވާ މި ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ 171 މިލިއަން ރުފިޔާގެ ލޯނެއްގެ އެހީގައި ހަދާފައިވާ ހޮސްޕިޓަލެކެވެ.