Roadha Mihaaru
އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި

އައްޑޫ އާ ހޮސްޕިޓަލުގެ ޚިދުމަތް ފެށުން ފަސްކޮށްފި

15 ޑިސެމްބަރ 2019

އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހެދި އައްޑޫގެ ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ އިރު ކުރިން ނިންމާފައި އޮތީ ރަސްމީކޮށް ނުހުޅުވި ނަމަވެސް މިއަދު ޚިދުމަތް ފެށުމަށެވެ.

ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ކޮމިއުނިކޭޝަން ޑިރެކްޓަރު ހައްވާ ވަޖުދާ ގާސިމް މިއަދު ވިދާޅުވީ، ޚިދުމަތް ނުފެށުނީ ބައެއް ތައްޔާރީތައް ނުނިމިގެން ކަމަށެވެ. ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ޚިދުމަތް ފަށަން ބޭނުންވާ ވަރަށް ތައްޔާރު ނުވެވުނީ،" ވަޖުދާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް ވަނީ ގާއިމްކޮށްފަ އެވެ.

އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.

އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ އެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަ ހިމެނެ އެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ މިދިޔަ ހަތަރު ވެރިކަމުގައި ވެސް އެ ސިޓީގެ މީހުން އެންމެ ބޮޑަށް އިންތިޒާރު ކުރި އެއް މަޝްރޫއެވެ. އެކަމަށް ވަރަށް ކުރިން ބޭރުގެ ފަރާތްތަކުން ފައިސާ ހަމަޖައްސައިދީފައި ވިޔަސް ހޮސްޕިޓަލްގެ އުންމީދު ހަގީގަތަކަށް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން މިދިޔަ އަހަރު ނިމުނުއިރު ވަނީ އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމައި އެ ތަނަށް ބޭނުންވާ ސާމާނާ ގުޅޭ ކަންކަން ވެސް ފުރިހަމަ ކޮށްފަ އެވެ.