Roadha Mihaaru
ވިކްޓްރީގެ ފޯމު ފޯކައިދު އަށް މުހިއްމެއް ނޫން

ވިކްޓްރީގެ ފޯމު ފޯކައިދު އަށް މުހިއްމެއް ނޫން

05 ޖުލައި 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައި އޮތް ވިކްޓްރީއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭއިރު ކުރިން އެ ޓިމު ކުޅުނު މެޗުތަކަށް ނުބަލާނެ ކަމަށް ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައި އޮތް ވިކްޓްރީއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭއިރު ކުރިން އެ ޓިމު ކުޅުނު މެޗުތަކަށް ނުބަލާނެ ކަމަށް ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ފޯކައިދުން ވަނީ މާޒިޔާއާ އެއްވަރުކޮށްފަ އެވެ. ނިސްތާރު ބުނީ މެޗަކަށް ނުކުތުމުގެ ކުރިން 100 ޕަސެންޓް ޔަގީންކަމާ އެކު މޮޅުވާނެ ކަމަށް ނުބުނެވޭނެ ކަމަށާއި މެޗަށް ނުކުންނާނީ ވިކްޓްރީ އަށް ދޭންޖެހޭ އިހުތިރާމް ދީގެން ކަމަށެވެ.

"ފަސޭހަކޮށްލެވިގެންނުވާނެ. އެއީ އެއްވެސް ބަޔަކު އުއްމީދެއް ނުކުރާނެ އަޅުގަނޑުމެން މާޒިޔާ ކައިިރިން ނަތީޖާއެއް ހޯދާކަށެއް. އެހެންވެއްޖިއްޔާ އެހެންވާނެ އަޅުގަނޑުމެންނާ ވިކްޓްރީއާ ދޭތެރޭ ވެސް. އޯވަކޮންފިޑެންސްވާނެ ކަމާމެދު މާ ބޮޑަށް ނުވިސްނަން. އެ އިހުތިރާމްދޭނަން. ވިކްޓްރީ އަށް،" ނިސްތާރު ބުންޏެވެ.

ފޯކައިދޫގައި މިހާރު އޮތް ޓީމުން ކޮންމެ މެޗަކަށް ވެސް ތައްޔާރުވާނީ މޮޅެއް ހޯދުމަށް ކަމަށާއި އޭގެ ވަކި ޓީމެއް ވެގެން ތަފާތެއް ނޯންނާނެ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ވާދައެއްކުރި ފޯކައިދުން ވަނީ މި ފަހަރުގެ ސީޒަނަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް ފޯކައިދޫއާ އެކު ރަނގަޅު ކުޅުމެއް އަންނަނީ ދައްކަމުންނެވެ. އެކަމަކު މިހާރު މުބާރާތުގެ ގަވައިދު އޮތްގޮތުން އަންނަ އަހަރުގެ ޕްރިމިއާ ލީގުގައި ފޯކައިދު އަށް ނުކުޅެވޭނެ އެވެ. އެ ޓީމު ޖެހޭނީ އަލުން މިނިވަން ޗެމްޕިއަންޝިޕް ފައިނަލު ބުރުގައި ނޫނީ ފެށިގެން ކުޅޭށެވެ.

ކުރިން އއ. މާޅޮހާ އެކު މިނިވަން ޗެމްޕިއަންޝިޕާއި ޕްރިމިއާ ލީގުގައި ވާދަކުރި ނިސްތާރު ބުނީ މެޗުތަކަށް ނުކުންނައިރު އަންނަ އަހަރު ނުކުޅެވޭނެތީ އެ އޮތް ބޮލުގެ ރިހުން އޮންނަ ކަމަށެވެ.

"ދޭތެރެއަކުން ޕްރެކްޓިހުގައި ވެސް ކުޅުންތެރިއަކު އަހާލާނެ. ކޯޗު ހަމަ މި އަންނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ހޭ ކުޅެނީ. އުއްމީދަކީ ވަރަށް އަވަހަށް މިކަމަށް ހައްލެއް އަންނާނެކަމަށް. ގައުމީ ޓީމަށް ފޯކައިދޫގައި ތިބި ފައިޓްކުރަން ބޭނުންވެފައި ތިބި ކުޅުންތެރިންނަށް މިނިވަން ޗެމްޕިއަންޝިޕް ކުޅެން ޖެހޭނެކަމަށް ގަބޫލެއްނުކުރަން،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ އެފްއޭއެމުން ވެސް އެކަމަށް މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރާކަމަށާއި އޭގައި ގަވައިދަށް ވެސް ގެންނަންޖެހޭ އެކި ބަދަލުތަކެއް އެބަހުރިކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ވިކްޓްރީ ޓީމު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ވިކްޓްރީ ޓީމު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިކްޓްރީ ކުޅުނު ތިން މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ މިހާތަނަށް ކުޅުނު ޓީމުތަކަކީ ދެރަ ޓީމުތަކެއް ނޫން ކަމަށާއި ކުރިއަށް އޮތް މެޗުގައި ވާދަކުރަންޖެހޭ ފޯކައިދޫ އަކީ ވެސް ރަނގަޅަށް ކުޅޭ ޓީމެއް ކަމަށެވެ.

"ފޯކައިދޫގެ ފެންވަރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން އެނގިގެން ހިނގައްޖެ. މި ވަގުތު ލީގުގައި އެންމެ ރަނގަޅަށް ބޯޅަ ކުޅޭ އެއް ޓީމު ފޯކައިދޫ އަކީ. ޒުވާން ކުޅުންތެރިންނާ އެކު ވަރަށް ރަނގަޅަށް ކުޅޭ. ޕޮއިންޓެއް ނުހޯދޭނެއެކޭ ނުބުނާނަން. ފަސޭހަނުވާނެ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ޒުވާން ކުޅުންތެރިންނާ އެކު ކުޅެމުން އަންނަ ވިކްޓްރީން ޑިފެންސިވް ކުޅުމެއް ދައްކައިގެން ކުޅެން މަސައްކަތް ނުކުރަނީ މި ވަގުތު ހާލަތު އޮތްގޮތުން ކަމަށެވެ. އެއީ ވިކްޓްރީގެ ފަހަތާއި ގޯލްކީޕަރަށް ބަލާއިރު އަދި ފެންނަނީ އެންމެ އުއްމީދީ މަންޒަރުތަކެއް ނޫންކަން މުހައްމަދު ފާހަގަކުރި އެވެ. އޭނާ ބުނީ ވިކްޓްރީ ކޮޅަށް ވަން 12 ގޯލުގެ ތެރެއިން އަށް ގޯލު ވަނީ ކީޕަރަށް ހެދުނު ގޯހުން ކަމަށްވާއިރު މި ވަގުތު ފަހަތުގައި ބޯޅަ ބާއްވައިގެން ނުކުޅެވޭނެ ކަމަށެވެ.

ފީފާއިން އައި މައްސަލައެއްގައި ފައިސާ ދައްކަން ޖެހުމުން އަނެއްކާ ވިކްޓްރީ އަށް މައްސަލަތަކެއް ދިމާވެފައިވާއިރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހަށް ދާން ބޭނުންވާތީ ވިކްޓްރީގެ ބައެއް ފަރިތަކުރުންތަކުގައި އެ ޓީމުގެ ކުޅުންތެރިން ބައިވެރިނުވެ އެވެ.

މުހައްމަދު ބުނީ ތަފާތު އެކި ސަބަބުތަކާ ހުރެ ކުޅުންތެރިން މޮޓިވޭޓްކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ރަނގަޅު ނަތީޖާއެއްގެ އުއްމީދުގައި ތިބި ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ.

"މޮޓިވޭޓް ކުރުމުގެ ޗެލެންޖްތަކެއް އެބަހުރި. މި ކުޅުންތެރިންގެ މި ނަތީޖާއަށް ވުރެން ބޮޑަށް ޓީމުގެ މެނޭޖްމަންޓުގެ ފަރާތުން އަންނަންޖެހޭ ކަންތައްނުވެދާތީ މޮޓިވޭޓްކުރުމުގެ މައްސަލަތަކެއް އެބައާދޭ. މީގެ ތެރޭގައި މެޖޯރިޓީ ކުޅުންތެރިން މިހާރު ތިބީ ރަނގަޅު ނަތީޖާއެއް ނެރެން ވަރަށް ބޮޑަށް ބޭނުންވެފައި. މި ކުޅުންތެރިންނަށް ޕާފޯމްކުރެވޭނެ،" މުހައްމަދު ބުންޏެވެ.

ލީގުގެ ހަ ވަނައިގައި އޮތް ފޯކައިދޫ މި މެޗުން މޮޅުވެގެން ހަތަރަކަށް އެރޭނެ އެވެ. ވިކްޓްރީ އާއި ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިއަދު 4 ޖަހާއިރު އެވެ.