Roadha Mihaaru
"ކޮރަޕްޝަން ހިންގެނީ ބާރުތައް އެއްވެ އަދަބު ނުލިބޭތީ"

ކޮރަޕްޝަން ހިންގެނީ ބާރުތައް މުށުތެރެއަށްލައި އަދަބުން ސަލާމަތްވުމުގެ ފުރުސަތު އޮންނާތީ: ޓްރާންސްޕޭރެންސީ

09 ސެޕްޓެމްބަރ 2016

ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުން ދަނީ ބާރުގަދަ މަދުބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާތީ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުން ދަނީ ބާރުގަދަ މަދުބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާތީ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ބެހޭ ގޮތުން އަލް ޖަޒީރާއިން ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޑޮކިއުމަންޓްރީ އާއި އަލް ޖަޒީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުންތަކުން އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހާމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް އޮޅުވާލައިގެން، ކޮރަޕްޝަން ހިމެނޭ ގޮތަށް ދިވެހިންގެ މުދަލާއި ބިން ނުއަގުގައި ވިއްކައި އަދި އެފަދަ މުއާމަލާތްތަކުގައި އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް މަސައްކަތްކޮށްފައިވުމާއި އެކަމުގެ ބޮޑު ފައިދާއެއް ރައީސް އަބްދުﷲ ޔާމީން ހޯއްދަވާފައިވާ ކަމަށް ބުނެފައިވާ ބުނުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ވަނީ އަލް ޖަޒީރާގެ ތުހުމަތުތައް ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ގޮވާލައިފަ އެވެ.

"ދިވެހި ދައުލަތުގެ އެންމެ މަތީ ފަންތީގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ނުބައި އާދަ ހުއްޓުވުމަށްޓަކައި ހަރުދަނާ އަދި އިހުލާސްތެރި ފިޔަވަޅުތަކެއް އެޅުމަށް މި ޖަމުއިއްޔާއިން ގޮވާލަމެވެ. އަދި ކޮރަޕްޝަނުން ސަލާމަތްވުމަށްޓަކައި، ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނާއި ފަސާދަ އަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އަދި ރައްޔިތުންގެ ބައިތުލްމާލާއި މުދަލާއި ބިން ރައްކާތެރިކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ކޮރަޕްޝަނާއި އެފަދަ އަމަލުތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ. އެއީ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އަދި ދައުލަތުގެ އިސް ފަރާތްތަކަކީ ކޮރަޕްޝަނާއި ނުހައްގުން ހޯދާފައިވާ ފައިސާއިން އެއްކިބާވެފައިވާ ފަރާތްތަކެއްކަން ޔަގީން ކުރުމަށް އެ ފަރާތްތަކުގެ މާލީ ބަޔާން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރާއްޖޭގެ އިދާރާތަކުން ކުރަމުންދާ ތަހުގީގުތައް އަލް ޖަޒީރާގެ ރިޕޯޓަށް ބިނާކޮށް ފުޅާކުރުމާ އެކު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަކަށް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން، އަލް ޖަޒީރާ އަށް މައުލޫމާތު ދިން މީހުންނަށް ބިރު ދެއްކުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިއްބައިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ އެފަދަ އަމަލުތައް ހުއްޓައިލުމަށް ވެސް ޓްރާންސްޕޭރެންސީން ގޮވާލި އެވެ. އަދި ކޮރަޕްޝަންގެ ޖަރީމާތައް ހުއްޓުވުމަށް ބާރު ދިނުމުގެ ގޮތުން، އެފަދަ އަމަލުތައް ބޭޒާރު ކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދޭންޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"ރާއްޖެ މިވަގުތު ވައްޓާލާފައިވާ ކޮރަޕްޝަންގެ ބަނަކަމުން ސަލާމަތްވުމަށް، ރައްޔިތުން ހޮވާފައިވާ މަންދޫބުން ޒިންމާދާރު ކުރުވުމަށް ކުރެވެން ހުރި އެންމަހައި ކަންކަން ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެކެވެ،" ބަޔާނުގައިވެ އެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ސަރުކާރާއި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރިޔަސް، އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް އެމްއެމްއޭއިން ރޭގައި ވަނީ ބުނެފަ އެވެ.