Roadha Mihaaru
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ

ހިޔާނާތުގެ ތަހުގީގަށް ހަދާ އެއްބަސްވުންތަކުން މަންފާވާ މީހުން ހާމަކުރަން އެދިއްޖެ

04 އޮކްޓޯބަރ 2021

ރައްޔިތުންގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ފޭރިގަތް ޖަރީމާ ފަޅާއެރިތާ އަށް އަހަރު ވި އިރު އިންސާފު ނުލިބުމާއި ތަހުގީގަށް ހަދާ އެއްބަސްވުންތަކުގައި ވެސް މަންފާ ލިބޭ ފަރާތް ސިއްރުކުރާތީ ކަންބޮޑުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ފޭރިގަތް ޖަރީމާ ފަޅާއެރިތާ އަށް އަހަރު ވި އިރު އިންސާފު ނުލިބުމާއި ތަހުގީގަށް ހަދާ އެއްބަސްވުންތަކުގައި ވެސް މަންފާ ލިބޭ ފަރާތް ސިއްރުކުރާތީ ކަންބޮޑުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ހިޔާނާތުގެ މުގުލުގައި އޮތް އެސްއޯއެފަށް ދައުވާ ނުކުރަން ދައުލަތުގެ ނިންމުން ބަލައިނުގަނެވޭ ކަމަށެވެ. އެ ކުންފުންޏަށް ދައުވާ ނުކުރަން ނިންމިކަން އާއްމު ނުކޮށް އޮއްވައި ޝަރީއަތެއްގެ ތެރެއިން ރައްޔިތުންނަށް ފަޅާއެރުން ވެސް މައްސަލައެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތްތަކާ އެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައި ވެފައި ވުމަކީ މި ޖަމިއްޔާ އިން ނުހަނު ކަންބޮޑުވާ އަދި ކުށްވެރި ކުރާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ޓްރާންސްޕޭރެންސީން ބުނީ މަނީ ލޯންޑްރިންގެ ކުށާއި އަދަބު ގާނޫނުން ސާފުވާން އޮތް އިރު މުޅި ކުށުން ބަރީއަވެވޭ ފަދަ އެއްބަސްވުންތައް ދައުލަތުން ހެދުމަށް ގާނޫނު ތަންދެނީ ކިހާވަރަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ. ގާނޫނަށް ބާރުދީ އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެސްއޯއެފަށް އެއްވެސް ދައުވާއެއް ނުކުރާ ގޮތަށް ދޫކޮށްލުމުގެ އެއްބަސްވުމެއް އޮތް ނަމަ ނުވަތަ ހިޔާލު ގެންގުޅޭ ނަމަ ވެސް އެކަން ބަލައިގަނެވެ އެވެ.

"މި ބޮޑު ހިޔާނާތުގެ ޖަރީމާ ފަޅާއެރި ފަހުން 8 އަހަރުުވުމާ ގާތްވެފައިވާ އިރު އެސްއޯއެފް މެދުވެރިކޮށް ދިވެހިންގެ އަތުން ފޭރިގަތް ކަަމަށް ލިޔެކިޔުމުން ފެންނަން ހުރި ފައިސާ ހޯދުމާއި އެކަމުގައި ޝާމިލްވާ ފަރާތްތަކާއި އެސްއޯއެފްގެ އިސްވެރިންނަށް ވެސް އެއްވެސް ކަހަލަ ޝަރީއަތެއް ހިންގާ ނަތީޖާ ނުނެރެވިވާ އިރު އެހެނިހެން ގޮތްގޮތުން ގެއްލުވާލެވުނު ފައިސާ ހޯދުމުގައި އެއްބަސްވުމެއް ހެދުމުގެ މަގްސަދާ މެދު ވެސް ސުވާލު އުފެދެ އެވެ،" ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެ އެވެ.

ޓްރާންސްޕޭރެންސީން ވަނީ ހިޔާނާތުގެ ފައިސާ ހޯދުން އަވަސްކުރުމަށާއި ނުހައްގުން ދީފައިވާ ރަށްތައް ވީހާވެސް އަވަހަކަށް އަތުލަން ގޮވާލައިފަ އެވެ. މީގެ އިތުރުން، މި ތަހުގީގާ ގުޅޭ އެއްވެސް އެއްބަސްވުމެއް އޮތް ނަމަ އެކަމަކުން މަންފާ ލިބޭ ފަރާތްތައް ރައްޔިތުންނަށް ހާމަކޮށްދޭން ވެސް އެދިފައިވެ އެވެ.

އެސްއޯއެފަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ އެސްއޯއެފަށް ދައުވާނުކުރަން އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އިސްކޮށް އެ ކުންފުނީގައި އުޅުނު ތިން ބަޔަކާ އެކު، ދައުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދި ކަމަށް ވިދާޅުވި އެވެ.

"އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން އެއްބަސްވުމެއް އެބައޮތް ކުރީގެ ޕީޖީ ހަދާފައި. މިހާރުގެ ޕީޖީގެ ވިސްނުމަކީ ދައުލަތުން ކަމަކަށް އެއްބަސްވެފައި އޮތީ ވިއްޔާ އެކަމަކަށް އޮނާކުރުން، އެކަން ކުރިއަށް ދާނެ،" "އެކަމަކު ކުންފުނީގެ މައްޗަށް ދައުވާ ކުރަން ހުރަހެއް ނެތް، ދައުވާ ކުރަން ވެއްޖިއްޔާ އެކަން ކުރިއަށް ދާނެ.