Roadha Mihaaru
ރާއްޖެއަށް އެތެރެވިޔަ ނުދީ ލަންކާ މީހާ ފުރުވާލައިފި

ރާއްޖެއަށް އެތެރެވިޔަ ނުދީ ލަންކާ މީހާ ފުރުވާލައިފި

25 މެއި 2024

ރާއްޖެއަށް އިއްޔެ އައި ސްރީ ލަންކާގެ މީހަކު ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް ފަހު، އޭނާ މިއަދު ގައުމަށް ފުރުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެއަށް އިއްޔެ އައި ސްރީ ލަންކާގެ މީހަކު ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް ފަހު، އޭނާ މިއަދު ގައުމަށް ފުރުވާލައިފި އެވެ.

ނަދީޝް ޕެރޭރޭ ކިޔާ އެ މީހާއަކީ ދިވެއްސަކާ ކުރިން ކައިވެނިކޮށްގެން އުޅުނު މީހެކެވެ.

އޭނާގެ ވަކީލު ބުނި ގޮތުގައި މީގެ ގަޑިއެއްހާއިރު ކުރިން ފުލުހުން ވަނީ ގަދަކަމުން އޭނާގެ ބިޑި އަޅުވައިގެން ގެންގޮސް ފުރުވާލައިފަ އެވެ. އެ މީހާ ފުރުވާލުމުގައި ކޯޓު އަމުރެއް ނުވަތަ ޑީޕޯޓްކުރި ކަމުގެ ލިޔުމެއް ވެސް ފުލުހުން ނުދައްކާ ކަމަށާއި އެމީހާއަށް އަނިޔާކުރި ކަމަށް ވެސް އޭނާ ބުނާ ކަމަށް ވަކީލު ބުންޏެވެ.

އެގޮތަށް އޭނާގެ ވަކީލު ބުންޏަސް މޯލްޑިވްސް އިމިގްރޭޝަނުން ރޭގައި ބުނީ، އެ މީހާ ރާއްޖެއަށް އެތެރެވާން ހުއްދަ ނުދިނީ އެ މީހާއަކީ މީގެ ކުރިން ޑީޕޯޓްކޮށްފައިވާ މީހަކަށްވާތީ ކަމަށެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި އެ މީހާއަކީ އެ އިދާރާގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެކެވެ. އެހެންވެ، އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އެ މީހާ ފޮނުވާލީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ބިދޭސީންނަށް އަދަބު ކަނޑައެޅުމެވެ.