Roadha Mihaaru
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ

ޝިދާތާގެ ހިތްހަމަނުޖެހުން އެމްޑީޕީ އަށް: ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތުން!

05 ޖޫން 2020

ވެރިކަން ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން މާ ބުރަދަނެއް ހުރި ޕާޓީއެއް ނޫން ކަމަށް އެމްޑީޕީން ބުނުމުން، ކުރީގެ ޖެންޑަ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވާ ޝިދާތާ ޝަރީފް ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީ އަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން މާ ބުރަދަނެއް ހުރި ޕާޓީއެއް ނޫން ކަމަށް އެމްޑީޕީން ބުނުމުން، ކުރީގެ ޖެންޑަ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވާ ޝިދާތާ ޝަރީފް ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީ އަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަދާލަތުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ޕާޓީގެ ބޭނުން ބިޔަ އެމްޑީޕީ އަށް ޖެހޭ ކަމަށެވެ. ވެރިކަމަށް އަންނަން ވޯޓުކޮޅު ހަމަކޮށްދެނީ އެ ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވި ޝިދާތާ ހިތްހަމަޖެހިވަޑައިނުގަތީ، އަދާލަތަށް ރައްޔިތުންގެ ކުޑަވެސް ތާއީދެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުމުންނެވެ.

އޭނާ އަދާލަތާއި އިމްރާނަށް ފާޑުވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ހަމަވެ ކުރިމަވެދާނެ ގާނޫނީ ހުސްކަމަށް ހައްލު ހޯދަން ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކަށް އިންސާފު ހޯދައިދެއްވާނެ ކަމަށް އިމްރާން ރޭ ވިދާޅުވުމުންނެވެ. އެ ޖަލްސާގައި ހަމަނުޖެހުން ހިނގީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވެމުން، ޖަލްސާ އަށް ހުރަސްއެޅުއްވިޔަ ނުދޭން އޭނާގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމާ އެކު އެމްޑީޕީގެ ބައެއް މެމްބަރުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގަ އެވެ.

ޕީޕީއެމުން ހުށަހެޅި އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް އިމްރާން ވިދާޅުވި ވާހަކަ ހަސަން މާނަ ނެންގެވީ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވަދެވަޑައިގަތުމަށް ވިސްނުން އިމްރާން ގެންގުޅުއްވުން ކަމަށެވެ.

ޝިދާތާގެ ފޭސްބުކްގައި އެމްޑީޕީ އާއި ހަސަން ލަތީފަށް ފާޑުވިދާޅުވަމުން ލިއުއްވާފައިވާ ގޮތުގައި، މަޖިލީހުގައި ހިނގައިދިޔަ ކަންކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އެއީ، އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑު ބިޔަ ޕާޓީއެއްގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރުކަން ކުރައްވަން ވާނީ އެވަރު ދަންނަ ބޭފުޅުންނެވެ.

އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން. މިއަދު މާ ބޮޑު ބިޔަ ޕާޓީތަކަކުން އެކަން ހަނދާން ނެތިގެން އުޅުނަސް. --ޝިދާތާ

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި ފަހުން މިއީ އެމްޑީޕީ އަށް ޝިދާތާ ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި އެމްޑީޕީގެ މެމްބަރުން އޭނާ އަށް ކުރެއްވި ތުހުމަތު ދޮގު ކުރައްވަމުން ނެރުއްވި ބަޔާނުގައި ވިދާޅުވީ މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވި ކަމަށެވެ. އެކަމަކު މަގާމް ދޫކޮށްލެއްވީ މަސްލަހަތަށްޓަކައި ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިޔާލުތަފާތު ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން މިހާތަނަށް ދެމިއޮތް ނަމަވެސް ދޭތެރެދޭތެރެ އިން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެ އެވެ. ކޯލިޝަން ދެމިއޮންނާނެ ކަމަށް ސިޔާސީ ގޮތުން ބުނި ނަމަވެސް، ކޯލިޝަނަކުން ވެރިކަން ކުރަން ލީޑަރުން އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާ ކަމަށް ބައެއް ޕާޓީތަކުގެ އިސްބޭފުޅުން ވިދާޅުވެ އެވެ.

ހަސަން ލަތީފް ވާހަކަ އަށް އިމްރާން މިހާތަނަށް އެއްޗެއް ވިދާޅުނުވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީ އަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ހިތްހަމަނުޖެހުން މިދިޔަ މާޗް މަހުގެ ތެރޭގައި މިނިސްޓަރު އިމްރާން ވަނީ ފާޅުކުރައްވައިފަ އެވެ. އެހެންވިޔަސް ކޯލިޝަން ރޫޅޭނެ ފަދަ އެއްވެސް ކަމެއް އެ ޕާޓީން ނުކުރާނެ ކަމުގެ ޔަގީންކަން އިމްރާން އަބަދުވެސް ދެއްވަ އެވެ.

އެމްޑީޕީން އަދާލަތަށް ފާޑުކިޔާފައި މިވަނީ، ކޯލިޝަނަކުން ވެރިކަން ކުރަން ދަތިކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް އެމްޑީޕީގެ ވައުދުތައް ފުއްދުމުގައި ވެސް ލަސްތަކެއް މެދުވެރިވާ ސަބަބެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވނިކޮށެވެ. ކޯލިޝަނަކުން ވެރިކަން ހިންގުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަވާ ނަޝީދު ވިދާޅުވަމުން އަންނަ ގޮތުގައި، އެމްޑީޕީގެ ވައުދުތައް ފުއްދޭނީ އެ ޕާޓީގެ ވަޒީރުން ތިއްބަވައިގެންނެވެ.

މިއީ ކޯލިޝަން ސަރުކާރަކަށް ވާއިރު ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރައީސާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމުގެ ތުހުމަތު ވެސް އެމަނިކުފާނު ވަނީ ކުރައްވައިފަ އެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ސިޔާސީ ގޮތުން ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު، ކޯލިޝަން ސަރުކާރު ދެމެހެއްޓުން ކަމަށެވެ. އަދި ކޯލިޝަން ސަރުކާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ތަފާތު ފޯރަމްތަކުގައި އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.