Roadha Mihaaru
ދިރާގު އީދު ޝޯ އީދު ދުވަހުގެ ރޭ ބާއްވަނީ

ގިނަ ފަންނާނުންތަކެއް ބައިވެރިވާ ދިރާގު އީދު ޝޯ އީދު ދުވަހުގެ ރޭ ބާއްވަނީ

10 ސެޕްޓެމްބަރ 2016

ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިކޮށްގެން ދިރާގު އީދު ޝޯ މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިކޮށްގެން ދިރާގު އީދު ޝޯ މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ އީދު ޝޯ ބާއްވާނީ އީދު ދުވަސް ކަމަށްވާ ހޯމަ ދުވަހުގެ ރޭ 8:30 އިން 12:00 އަށް އެކުވެނި ޓްރެކް ދަނޑުގައި ކަމަށެވެ.

މި އަހަރުގެ ޝޯގައި ހައިޝަމް ތައުފީގާއި އޭނާގެ ބޭންޑް، މޯލްޑިވިއަން އައިޑްލް އިން ވިދާލި އަހުމަދު އިޝާނާއި މުހައްމަދު ޒަލީފް، ޑީޖޭ ފާރިހް (ޑީޖޭ އަލްފީ) އަދި ހަރުބީ ބޮޑު ބެރު ގުރޫޕްގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އީދު ޝޯގައި ބައިވެރިވާ ފަންނާނު އިޝާންއާ އެކު ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރު އިމްޖާދު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ދިރާގު

ދިރާގު އީދު ޝޯގައި ބައިވެރިވާ ފަންނާނު އިޝާންއާ އެކު ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރު އިމްޖާދު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ދިރާގު

"ދިރާގުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންނަށް އެ ކުދިންގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކު ވެސް ބިނާ ކުރުން،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރު އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޖެހިޖެހިގެން ހަ އަހަރު ބޮޑު އީދާ ދިމާކޮށް ޝޯ ބާއްވާފައި ވާއިރު، އެ ޝޯ އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އީދު ޝޯ އަށް ވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޝޯ އަށް 7،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ އީދު ޝޯ އިންތިޒާމް ކުރަނީ އިވެންޓް މެނޭޖްމަންޓުގެ ދާއިރާގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ތިންކް މޯލްޑިވްސް އިންނެވެ.