Roadha Mihaaru
މި ފަހުން ސިފައިން އެންމެ ސިޔާސީވީ ޔާމީން ވެރިކަމުގައި

މި ފަހުން ސިފައިންގެތެރެ އެންމެ ސިޔާސީވީ ޔާމީންގެ ވެރިކަމުގައި: އާދަމް ޝަރީފް

12 ޖުލައި 2019

މި ފަހުގެ ތާރީޚެއްގައި އަސްކަރިއްޔާ އަށް ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ވަދެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަހުގެ ތާރީޚެއްގައި އަސްކަރިއްޔާ އަށް ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ވަދެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޑިފެންސް މިނިސްޓަރުކަމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު އެ މުއައްސަސާގެ ހާލަތު އޮތީ ސިޔާސީ ނުފޫޒު ވަދެފައިި އޮތް ފަދަގޮތަކަށް ކަމަށެވެ. އަދި އެއީ މިފަހުގެ ތާރީޚުގައި އަސްކަރިއްޔާ އަށް، ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ދުވަސްވަރެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ވެސް ސިފައިންނާއި ފުލުހުންނާ ދެމެދު މުއާމަލާތް ކުރަންޖެހޭ ވަރަށް އެކަން ނުވުމާއި ދެ ފަރާތުން ވެސް އަމަލުކުރެވުނު ގޮތުގެ މަތިން ކަމަށެވެ. އަދި އޭރު އަޅުއްވަންޖެހޭ ގޮތަށް ނަޝީދު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިނގާދިޔަ ހިތާމަވެރި، ލަދުވެތި ހާދިސާއެއް ކަމަށް ވިދާޅުވި އެވެ.

"އެކަން އަބަދު ވެސް ބިނާވާނީ ވެރިކަމުގައި ތިއްބަވާ ބޭފުޅުން ސިފައިންގެ ތެރެއަށް އެކަންތައް ވައްދާ މިންވަރުގެ މައްޗަށް. ސިފައިންގެ ތެރޭގައި އުޅޭ ގިނަ މީހުންނަކީ ސިޔާސީ ކަންތައްތަކުގެ ތެރޭގައި އުޅޭ ހިތްވާނެ ބައެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އޭނާ ދިފާއީ ވަޒީރަކަށް ދިޔަ ދުވަސްވަރަކީ ވެސް ހަމަ އެކަހަލަ ދުވަސްވަރެއް ކަމަށެވެ.

"އެއީ މިފަހުގެ ތާރީޚެއްގައި އަސްކަރިއްޔާ އަށް، ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ދުވަސްވަރެއް. އޭރު ތިއްބެވި ބޭފުޅުންނަށް ކުރެއްވުނު ބައެއް ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމާއި ހިބަޅިދޫން ހަތިޔާރު ފެނުމާއި މާލެ އިން އައިއީޑީއެއް ފެނުމާއި އެ ހުރިހާ ކަމެއް ވެސް ފެނިފައި އޮތީ. އަސްކަރިއްޔާގައި ތިބި މީހުން އަދި ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ވެސް އެންމެ ރަނގަޅަށް ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތަށް ރޭވުމުގެ ބަދަލުގައި އެކަންކަމަށް މަގުފަހިވާނެ ގޮތަށް ކަންތައްތައް ދިޔައީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ނޭއްގާނީ ކަމެއް ނުކުރަންޏާ އޭގެ ސަބަބުން ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ހެލިކޮޕްޓަރު ގެނައި އިރު ވެސް އެއްބަސްވެފައި އޮތީ އެ ދުއްވަން ދިވެހިން ތަމްރީނުކުރާ ގޮތަށް ކަމަށާއި ނަމަވެސް މިހާތަނަށް އައި އިރު ވެސް އެކަން އޮތީ ހާސިލްނުވެ ކަމަށް ވިދާޅުވި އެވެ.

"މި ޒަމާނުގައި ރާއްޖޭގައި ބަޔަކު ތިބުމަކުން ނުވަތަ ބަޔަކު އައިސް އުޅުމަކީ އޭގެ ސަބަބުން ނުރައްކަލެއް ނުވާނެ. ނުރައްކާ ވާނީ އޭގައި އެ ތަނެއްގައި ހިނގާ ކަންތައްތަކުގެ ތެރެއަށް ވަދެ، އެއީ ޖާސޫސްކުރުން ކަމަށް ވިޔަސް ނުވަތަ އެހެން ކަމެއް ވިޔަސް އެއީ ކަނޑައެޅިގެން ގައުމަށް ގެއްލުން ލިބޭނެ ކަންތައްތައް ކުރެވި އޭގެ ނުފޫޒު އޭގެ ތެރެއަށް ވަންނަމުންދާ ކަމަށް ވަންޏާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހަށް މެމްބަރުން ވަނަނުދީ ހިފެހެއްޓި މައްސަލާގައި އޭނާ ވަނީ އޭރު އެކަން ހިނގީ އެންމެ ރަނގަޅަށް ނޫންކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އާދަމް ޝަރީފް ވިދާޅުވީ ސިފައިން މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު އެދިވަޑައިގަތުމުން ކަމަށެވެ.

"މަޖިލިސް މެމްބަރުންނާއި މަޖިލިސް މެމްބަރުކަމުން ވަކިކޮށްފައި ތިބި ބައެއް މެމްބަރުން ފާރުމަތިން ބޭރަށް ނެރުމަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން. އެ ދުވަހު އެތަނަށް ވަން މީހުން އެތަނަށް ދިޔައީ ފުލުހުންގެ ސަފުތައް ވެސް ފޫއަޅުވާފައި. އެ ހިސާބުން ފާރުމަތިން އެ މީހުން އެރުއްވީމަ، އޭރު އެ ވަގުތު ތިބި ސިފައިންގެ ނިސްބަތުން ދޮރު ހުޅުވައިގެން އެމީހުން ނެރެން މަސައްކަތްކުރުން އެއީ އަސްކަރީގޮތުން ވާނެކަމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާނިއްޔަތުކަމާ އެކު އެކަން ކުރެވުނު ނަމަ ސިފައިންނަށް އޮންނަ އިހުތިރާމް އަބަދު ވެސް އެގޮތަށް އޮތީސް."