Roadha Mihaaru
"ސިފައިންގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް"

ސިފައިންނާއި ފުލުހުންގެ ތެރޭގައި ބައިބައިވުމެއް ނެތް: ޑިފެންސް މިނިސްޓަރު

26 އޯގަސްޓް 2016

ރައްޔިތުން ކަންބޮޑުނުވުމަށާއި ސިފައިންނާއި ފުލުހުންގެ ތެރޭގައި ބައިބައިވުންތަކެއް އުފެދިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުން ކަންބޮޑުނުވުމަށާއި ސިފައިންނާއި ފުލުހުންގެ ތެރޭގައި ބައިބައިވުންތަކެއް އުފެދިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ވެރިކަމަށް އައުމަށް "އެމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންގެ މެދުގައި ގައުމީ ރޫހު އާލާކުރުމަށް ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު (މ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ މެދުގައި ގައުމީ ރޫހު އާލާކުރުމަށް ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު (މ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އެމްއެންޑީއެފް

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނެ ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމާއެކު ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ގައުމާއި ރައްޔިތުންގެ ހިމާޔަތުގައި އެކަތިގަނޑެއްގައި ތިބޭނެ ކަމުގެ ޔަގީންކަން އޮތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަޖިލިސް އޮތީ ރައީސް ޔާމީނާއެކު، އެހެންވީމަ މި ސަރުކާރު ވައްޓާލުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަން ވައްޓާލަން އުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި "ބަޣާވާތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ، އެކަން ކުރަމުން އެމީހުން އެދަނީ. އެކަމަކު ބަޣާވާތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކު ކަންބޮޑުނުވުމަށާއި ސިފައިންނާއި ފުލުހުންގެ ސަފުތައް އޮތީ ބަދަހިކަމާއެކު ރުކުރުވާލައިގެން ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ތިބީ ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައިރު ގާނޫނީ ހަރަކާތްތަކަކުން ރާއްޖޭގެ ވެރިކަން ވައްޓާލަން ފުރުސަތެއް ނެތް ކަމަށާއި އެފަދަ ކަމެއް ގައުމަށް ކުރިމަތިވިޔަ ނުދޭން ސަލާމަތީ ބާރުތަކުން ތިބީ ސާބިތުކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ޖޯކަރުންތަކަކަށް ރައީސް ޔާމީންގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ވަނީ ފާޑުވިދާޅުވެފަ އެވެ..

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ވާހަކަތަކެއް ފެތުރިފައި މި ވަނީ އިއްޔެ ބީބީސީން ގެނެސްދިން ރިޕޯޓަަކަށް ފަހު އެވެ. ބީބީސީގައި އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނެފައި ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ރާވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ. އެކަމަކު ބަޣާވާތަކުން ވެރިކަން ވައްޓާލާ ވާހަކައެއް ބީބީސީން ބުނެފައެއް ނުވެ އެވެ. އެ ނިއުސް އެޖެންސީން ބުނެފައި ވަނީ ދިވެހި ސަރުކާރުން ބަދަލުކުރަން އުޅެނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.