Roadha Mihaaru
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ

ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން ލީޑަޝިޕުން ބުރަކޮށް މަސައްކަތް ކުރޭ: މާރިޔާ

04 ނޮވެމްބަރ 2019

ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކޮށް އަސްކަރީ ރޫހާ އެއްގޮތަށް ބައްޓަން ކުރަން ސިފައިންގޭގެ އިސްވެރިން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކޮށް އަސްކަރީ ރޫހާ އެއްގޮތަށް ބައްޓަން ކުރަން ސިފައިންގޭގެ އިސްވެރިން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ 31 އަހަރު ކުރިން، ދިވެހިންގެ ބަޔަކާއި ލަންކާގެ ތަމަޅައިންގެ ބަޔަކާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ވުމުން އެކަން ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި، މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންނަކީ ގާނޫނުގެ ވެރިކަމަށް ބޯލަނބައި ކިޔަމަންތެރިވާ އަދި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ފުރިހަމަ އަށް ލިބިފައިވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަން ސިފައިންގެ އިސްވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ސިފައިންގެ ލަޝްކަރު ތިބީ ވަރަށް ބަދަހިކޮށް ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިފައިންގެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ނޮވެމްބަރު 3، 1988 ގެ ހަމަލައިގެ ވާހަކަ ދައްކާއިރު، ދިވެހިންނަކީ އަބަދުވެސް މާޒީން އިބުރަތް ހޯދަންޖެހޭ ބައެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ދިފާއީ ބާރު އޮތް ހާލަތަށް ބަލާއިރު، ހަމަލާދޭން މާލެ ކައިރިއަށް އައިއިރު ވެސް އެކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ހަމަލާދޭން އައިއިރު، މާލެ އޮތީ "ފުން ނިންޖެއް" ގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ހާދިސާއަކަށް މިހާރު ސިފައިން ތައްޔާރުވެފައިވާ މިންވަރާއި އޮޕަރޭޝަނަލް އިންތިޒާމްތައް ވަރަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"ބޭރުގެ އަސްކަރިއްޔާތަކުން ހިލޭ އެހީގެ ތެރެއިން ސިފައިންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ވަނީ ހޯދިފައި. ސިފައިންގެ އަސްކަރީ ގާބިލްކަމާ އެކު ދެވޭ ތަމްރީނު މި ވަނީ ރަނގަޅު ކުރެވިފައި. މިފަދަ އުދުވާންތަކުގައި މަސައްކަތް ކުރާނެ ޕްލޭންތަކާއި ޑްރިލްތައް ހެދި އަބަދު ފަރިތަކުރަމުން ދޭ،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުުރުމަށް ހަތިޔާރާއި އުޅަނދުފަހަރު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްތަކުގެ ފައިިދާ ފެންނަ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އެގޮތުން، ސިފައިންނަށް ނޭނގި، ރާއްޖޭގެ ސަރަހައްދަށް ވަދެ ނުރައްކާއެއް ކުރިމަތިކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް މިހާރު ހަނިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ސިފައިންގެ އިސް އޮފިސަރުންތަކެއް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ސިފައިންގެ އިސް އޮފިސަރުންތަކެއް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސަރުކާރުގެ އަމާޒަކީ ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކޮށް، ސިފައިންގެ މުއައްސަސާ އަކީ މިހާރަށް ވުރެ ހަރުދަނާ އަދި ޕްރޮފެޝަނަލް މުއައްސަސާ ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަށް އިޝާރާތް ކުރައްވައި، މާރިޔާ ވިދާޅުވީ އެ ދުވަހު ވެސް ސިފައިންގެ ފަރާތުން ފެނުނީ، ނޮވެމްބަރު ތިން ވަނަ ދުވަހު ދެއްކި ހިތްވަރާއި ކެރުންތެރިކަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަނދައަނދައި ހުރި އިމާރާތްތަކަށް އަލިފާން ނިއްވަން ތިބި މީހުން އެތައް ފަހަރަކު ވަންނަމުން ދިޔަ އެވެ.. ވަރަށް ނުރައްކާތެރިކޮށް ހުރި ތަންތަނަށް ވެސް ވަދެ، ތާށިވެފައި ތިބި އާއިލާތައް ސިފައިންގެ އެހީތެރިކަމާ އެކު، ސަލާމަތްކުރީ އަމިއްލަ ނަފްސަށް ވުރެ ގައުމީ ހިދުމަތް އިސްކޮށްގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.