Roadha Mihaaru
ޓީމަށް ހިތްވަރުދޭން އަލްޖީރިއާގެ ސަރުކާރު ބައިވެރިވެއްޖެ

ޓީމަށް ހިތްވަރުދޭން އަލްޖީރިއާގެ ސަރުކާރު ބައިވެރިވެއްޖެ

14 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 14) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ނައިޖީރިއާއާ ދެކޮޅަށް އަލްޖީރިއާ އިން މުހިއްމު މެޗަކަށް ތައްޔާރުވަމުން އަންނަނިކޮށް އެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން އަލްޖީރިއާ ސަރުކާރުން ބައިވެރިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 14) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ނައިޖީރިއާއާ ދެކޮޅަށް އަލްޖީރިއާ އިން މުހިއްމު މެޗަކަށް ތައްޔާރުވަމުން އަންނަނިކޮށް އެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން އަލްޖީރިއާ ސަރުކާރުން ބައިވެރިވެއްޖެ އެވެ.

ފާއިތުވި ދުވަސްތަކުގައި އަލްޖީރިއާގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެ، ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކުރިއަށްދާއިރު، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މި ފަހަރު އަލްޖީރިއާ ޓީމުން ހޯދަމުން އަންނަ ކާމިޔާބީގައި އެ ގައުމުގެ ސަރުކާރުން ބައިވެރިނުވާ ކަމަށް ބުނެ އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެކަމަކު ދާދި ފަހުން އަލްޖީރިއާ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްޖީރިއާ ޓީމުން ކާމިޔާބު ހޯދަން ކުރާ މަސައްކަތުގައި މުޅި ސަރުކާރު އޮތީ އެއް ސަޕޯޓަރުންނާ އެއް މިސްރާބެއްގައި ކަމަށެވެ.

ބަޔާނުގައިވާ ގޮތުން އަލްޖީރިއާ އިން މިރޭ ނައިޖީރިއާ ބަލިކޮށް ފައިނަލަށް ގޮސްފިނަމަ އަލްޖީރިއާ ސިފައިންގެ މަތިންދާ ބޯޓުތަކުގައި ފައިނަލް މެޗު ބަލަން ގިނަ ސަޕޯޓަރުންތަކެއް ހިލޭ މިސްރަށް ގެންގޮސްދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ނޫން ވެސް ގޮތްތަކަށް ސަރުކާރުގެ ފަރާތުން ސަޕޯޓަރުން މިސްރަށް ފައިނަލް މެޗު ބަލަން ފޮނުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން ސަރުކާރުގެ އެހީގައި މެޗު ބަލަންދާ ސަޕޯޓަރުންގެ އަދަދު 1400 އަށް އަރާނެ ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ސަޕޯޓަރުންނެކޭ އެއް ގޮތަށް ސަރުކާރު ވެސް މި އޮތީ ޓީމަށް ހިތްވަރުދޭން ކުރީ ސަފުގައި،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފައިނަލަށް ގޮސްފިނަމަ އަލްޖީރިއާ ބައްދަލުކުރާނީ މިރޭ ކުޅޭ ދެ ވަނަ ސެމީގައި ޓިއުނީޝިއާ އާއި ސެނެގޯލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

މި ފަހަރުގެ އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން އަލްޖީރިއާ ޓީމު ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން އަލްޖީރިއާ ޓީމު ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: އޭއެފްޕީ

އަލްޖީރިއާ އިން އެންމެ ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރީ އެ ގައުމުގައި 1990 ވަނަ އަހަރު ބޭއްވި މުބާރާތެވެ. އޭގެ ފަހުން މި މުބާރާތުގައި އެ ޓީމަށް ސެމީ އަށް ދެވުނީ ވެސް އެންމެ ފަހަރަކު އެވެ. އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ ބުނީ ކާމިޔާބު ހޯދަން ބަލާއިރު އަލްޖީރިއާގެ ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ ދެ މަސައްކަތް ކަމަށެވެ.

"އަހަރެމެންނަށް ހަމައެކަނި ލިބުނު ކާމިޔާބީއެއް ލިބުނީ އަމިއްލަ ފަސްގަނޑުގައި 1990 ވަނަ އަހަރު. އަހަރެމެންނަށް ރަށުން ބޭރުގައި މި މުބާރާތެއް ކާމިޔާބެއް ނުކުރެވޭ. އެއީ އުނދަގޫވާނެ ކަމެއް. ދެން ޗެމްޕިއަންކަމަށް ވިސްނަންޏާ އެބަޖެހޭ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި އޮތް ދެ ޓީމެއް ބަލިކުރަން،" ޖަމީލް ބުންޏެވެ.

އަލްޖީރިއާ އިން 1990 ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި 1-0 އިން ނައިޖީރިއާ ބަލިކުރުމަށް ފަހު އެވެ. ޖަމީލް ބުނީ މިހާރު އޮތް ޓީމަކީ ކުރިން އޮތް އަލްޖީރިއާގެ ފުޓްބޯޅަ ޖީލުތަކާ ތަފާތު ކުޅުންތެރިންތަކެއް ކަމަށާއި ބޭނުންވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުން މި ކުޅުންތެރިންނަށް ހާއްސަ މަގާމެއް ހޯދައިދޭން ކަމަށެވެ.

"ކުރިން އޮތް ޓީމެއް ނޫން މިހާރު މި އޮތީ. މި ޓީމުން މި ކާމިޔާބީ ހޯދަން އެންމެ ބޭނުންވާ ސަބަބަކީ އަލްޖީރިއާގެ ފުޓްބޯޅަ ތާރީހުގައި މި ކުޅުންތެރިންގެ ހިއްސާއެއް ރަން އަކުރުން ލިޔެވިގެންދިއުން. ބޭނުންވަނީ ތާރީހު ބަދަލުކުރަން. އެންމެން ގުޅިގެން އެކަން ކުރެވިދާނެ،" ޖަމީލް ބުންޏެވެ.

އަލްޖީރިއާ ޓީމަށް މި ފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދު މާރޭޒް އެވެ. އަލްޖީރިއާ އާއި ނައިޖީރިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އޭގެ ކުރިން 9 ޖަހާއިރު ފުރަތަމަ ސެމީގައި ސެނެގޯލާއި ޓިއުނީޝިއާ ވާދަކުރާނެ އެވެ.